ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުކުމް ކުރުމަށްފަހު، ދެ މަހުގެ ބޭސްފަރުވާއަކަށް ކަމަށް ބުނެ ޝަރުތުތަކާއިއެކު އިފްހާމްގެ އިތުރުން، އެމައްސަލާގައި ދައުވާލިބޭ ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު ވެސް ގޭބަންދަށް ބަދަލުކުރަން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެެވެ.
ބޭސްފަރުވާގެ ބޭނުމަށް ނޫން ގޮތެއްގައި ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތުކޮށް ކޯޓުން އެދެމީހުން ދޫކޮށްލި މައްސަލަ ދައުލަތުގެ ފަރާތުން މިމަހުގެ ދެވަނަ ދުވަހު ވަނީ އިސްތިއުނާފުކޮށްފައެވެ.
އެކަމާއި ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އިސްތިސްނާ ހާލަތްތަކެއް އޮވެގެން ބަންދުގައި ހުންނަ މީހާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވޭނެ ކަމަށް އޮތް ނަމަވެސް އެފަދަ އިސްތިސްނާ ހާލަތެއް އަދި ބަލި ހާލަތާއި ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއަކީ ކޮބައިކަމާއި، އެ ޝަކުވާގެ މައްޗަށް ރިއާޔަތްކުރި ޝަކުވާއަކީ ކޮބައިކަމުގެ އެއްވެސް ތަފްސީލެއް، ގޭބަންދަށް ބަދަލުކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން، އިފްހާމް އާއި ސުއައިދު ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަކީ އަމުރުތަކުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވެ އޮތް އަމުރުތަކެއް ކަަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އަދި އެ އަމުރުތައް ހައި ކޯޓުން މިއަދު ވަނީ ބާތިލުކޮށްފައެވެ.
މަސްތުވާތަކެތި އެތެރެ ކުރުމަށްފަހު އެތަކެތި ގޭގޭގައި ބަހައްޓައިގެން އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރި ކޮށްފައިވާ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. މީގެ ތެރެއިން ފެސްޓުގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވެެއެވެ. އަދި ސުއައިދުގެ މައްޗަށް ހަތަރު ދައުވާއެއް ކުރެއެވެ.
ޕެސްޓުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
- ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ،
- ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ
- މަސްތުވާއެއްޗެއް ޓްރެފިކު ކުރުމުގެ ކުށުގެ ދައުވާ
- ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ
- ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.
ސުއައިދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
- ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ
- ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ
- ށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާ
އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ވަނީ ސީސީޓީވީ ފުޓޭޖަކާއި އެނާލިސިސް ރިޕޯޓު ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އެހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކަނޑައެޅޭ ވަރަށް ހެކި ލިބިފައިވާކަމަށް ނިންމާ މައްސަލަ ބެއްލެވި ގާޒީ މީގެ ކުރިން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.