ads
ތިނަދޫގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ތިނަދޫ ޒުވާނުންތަކެއް ނެގި ފޮޓޯތަކެއް--ފޮޓޯ: ނާން
ތިނަދޫއިން މީހުން ބޭލުން: ރޮމުން ކިޔައިދިނީ ނާށިގަނޑާއި ލޮނުފޮދުގެ ވާހަކަ!
ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ ފެބުރުއަރީ 4، 1962 ގަ އެވެ. ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށު މީހުން ރަށުން ފައިބައިގެން ދިޔައީ އެއަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށާއި މީހުން ނޫޅޭ ބައެއް ރަށްރަށަށެވެ. މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ބަނޑަށް މަރުވެފައިވާއިރު ރާއްޖޭގެ އެތައްމިތަނަށް އެހެން މީހުން ވަނީ ދަތުރުކޮށް ދިރިއުޅުން ފަށާފައެވެ. ނާސިރު ހުއްދަ ދެއްވުމާއެކު އެރަށަށް އެނބުރި މީހުން ދިޔައީ 22 އޮގަސްޓް 1962 ގައެވެ. މިހާދިސާގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފަށައި އެފަދަ މީހުންގެ ބަޔާން ނަގަން މިއަދު ވަނީ ފަށާފައެވެ.
Advertisement

ތިނަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ކެޕްމަހުގައި އޮތް މި އަޑުއެހުންތަކުގައި އެންމެ ފުރަތަމަ ބަޔާން ދީފައިވަނީ އެ ދުވަހު ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން، ތިނަދޫގެ ރައްޔިތެއް ކަމަށްވާ އާދަމް ހުސެއިން އެވެ.

އާދަމް ހުސެއިން އެ ދުވަހުގެ ވާހަކަތައް ހިއްސާކުރަން ފަށަމުން ބުނެފައިވަނީ އޭރު އޭނާގެ އުމުރުން ތިން އަަހަރު ކަމަށާއި، އޭރު އޭނާ އާއި އެއްބަފާ އިތުރު ތިން ކުދިން ތިބި ކަމަށެވެ. ނަމަވެސް އެދުވަހުގެ އެ ބިރުވެރި ހާދިސާއަށްފަހު މަންމަ އަށް ސަލާމަތް ކުރެވުނީ އޭނާ އެކަނި ކަމަށެވެ. 

އާދަމް ހުސެއިން ކިޔައިދިން ގޮތުން، އޭނާގެ ކޮއްކޮއާއި، ބޭބެ އާއި ދައްތަ ވެސް އެ ހާދިސާގައި މަރުވެދިޔައީއެވެ. ރަށުން ބޭލީ ވަރަށް ވިއްސާރަ ރެއަކު ކަމަށާއި، ނަމަވެސް އުމުރުގެ ހަގު ކަމުން އެ އިހުސާސްތައް އޭރު ނުކުރެވޭ ކަަމަށެވެ. ރަށުން ބޭލުމުން މަންމަ ކުދިންތައް ގޮވައިގެން ދިޔައީ ފުރަތަމަ ކާޑެއްދޫ އަށް ކަމަށާއި، ކާޑެއްދޫއިން ދެން ދިޔައީ މަޑަވެއްޔަށް ކަމަށެވެ. މަޑަވެލީގައި އާއިލާ މީހުން ތިއްބަސް  ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އެންމެންނަށްވެސް އަނިޔާވެފައިވާތީ އެ ދުވަހު ތިބީ އެކަކު އަނެކަކަށް އެހީތެރެވެވޭ ހާލަތެއްގައި ނޫން ކަމަށް އޭނާ ބުންޏެވެ. 

"މަންމަ ބުނިގޮތުގައި ރަށުން ބޭލުމަށް އިބްރާހިމް ނާސިރު އަމުރު ކުރުމާއި ގުޅިގެން މިރަށަށް އައިސްތިބި ސިފައިން އެއީ މި ރަށުގެ ނަސްލު އޮޅުވާލާފައި ތިބި ބައެއް. ސިފައިން އެންމެ ފުރަތަމަ ވެސް ގެއަށް ވަދެ މަންމަގެ ފޮށި ނެގީ. ނަގައިގެން ފޮށި ބަށްޑުން ޖަހައިގެން އެމީހުން ބޭނުން އެއްޗެއް ނަގައިގެން ދިޔައީ. ދެން އައި އަތޮޅުތެރޭގެ ވެރިންވެސް ހަމަ އެހާ އިހާނެތިކޮށް ކަންކޮށްފައި ދިޔައީ. ދެން އަޅުގަނޑުމެން މިތަނުން ބޭރުވާންޖެހުނީ." އާދަމް ހުސެއިން ކިޔައިދިނެވެ.

އާދަމް ހުސެއިން ބުނީ، ރަށުން ބޭލުމަށްފަހު އެމީހުންގެ ގެވެސް ވަނީ ހުޅުޖަހައި އަންދާލާފައި ކަމަށެވެ. އަދި ރަށުން ބޭލުމަށްފަހު ރަށުގެ ރައްޔިތުން އަޅާލީ ކަނޑަށް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކީ ކަނޑުވެގެންނާއި، ބަނޑަށް ޖެހިގެން މަރުވި މީހުން ކަމަށް ވެސް އޭނާ ބުންޏެވެ. 

އާދަމް ހުސެއިންނާއި އެއްބަނޑު އެހެން ކުދިންނާއިއެކު މަންމަވެސް ކަނޑަށް ދޫކޮށްލި ކަން ފާހަގަކުރަމުން އާދަމް ބުނީ އޭނާ ސަލާމަތް ކުރަން ހަދައިގެން އޭނާގެ މަންމަވެސް ކަނޑުވެ މަރުވެގެން ނުދިޔައީ ހަމަ ކިރިޔާ ކަމަށެވެ. 

"ކަނޑުވީމަ ކިހިނެތްތޯ ހެދީ؟ އަޅުގަނޑު މަންމަ އަތުގައި އެދުވަހު އޮތީ މަންމަ ލައިގެން ހުރި ހެދުމާއި ތާހެއް. އެ ތާހުގެ މައްޗަށް އަޅުގަނޑު ލައިގެން މަންމަގެ ކޮނޑުމައްޗަށް ލައިގެން ފަތަފަތާ މަންމަ އޮއްވާ ކަނދުފަތި ގަނޑެއްގައި ތިބި ބަޔަކު އައިސް ސަލާމަތް ކުރީ." އާދަމް ބުންޏެވެ.

މަޑަވެއްޔަށް ގޮސް އެރަށުގައި އުޅުނު ނިކަމެތި ހާލުގެ ވާހަކަ ކިޔައިދެމުން އޭނާ ބުނީ، ކާއެތިކޮޅު ހޯދަން އޭނާ ގޮވައިގެން ދައްތަ އެއްގޭ ދޮށުން އަނެއް ގޭ ދޮށަށް ހިނގާ ހަނދާން ހުންނަ ކަމަށެވެ. އަތުގައި ޖެހުނު ނާށިގަނޑެއް ވިއްޔާ ހިފައިގެން ގޭގެ ދޮށަށް ގޮސް ސަލާން ޖަހައިގެން ކައި އުޅުނު ކަމަށާއި، ގޭގެ ދޮށަށް ގޮސް ބުނަނީ "ލޮނު ފޮދެއް ދޭށޭ" ކަމަށެވެ. އެއީ ތިނަދޫ ބަހުން ގަރުދިޔަ ފޮދެއް ދިނުމަށް ބުނެ އުޅޭ ގޮތެވެ.

އެ ގަރުދިޔަ ނާށި ހިފައިގެން ދަނީ މަޑަވެލި ރުއްގަނޑު ދޮށަށް ކަމަށާއި، އެތަނަށް ގޮސް ރުއްދޮށުން ގޮބޮޅި ހޮވާ ކަމަށެވެ. އެ ވެސް ނުފެނިއްޖެނަމަ މީދާ ކައިފައި ހުންނަ "ކޮވި" ނަގައިގެން ދައްތަގެ އަގައިން ޗިސްޗިސް ކޮށްފައި ގަރުދިޔަ ނާށިތެރެއަށް ލާފައި އާދަމްގެ އަގަޔަށް ލަވާ ކަމަށް އާދަމް ކިޔައިދިނެވެ. 

"އަޅުގަނޑު އަގަޔަށް ލަވާފައި ބުނަނީ ކޮއްކޯ ކާށޭ. ކޮއްކޯ މަރުވެދާނޭ. އަޅުގަނޑުގެ ދައްތަ މަރުވީ މީދާ ވިހަވެގެން. ކާނެ އެއްޗެއް ނެތި މި ބުނި ކޮވިތައް ކެއުމުގެ ސަބަބުން. ދެން ބޭބެ ބޭބެވެސް ކޮއްކޮވެސް މަރުވެދިޔައީ ހަމަ މިފަދަ ނިކަމެތި ގޮތަކަށް. އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރަންވެގެން މަންމަ އަތުގައި ކާނެ އެއްޗެއް ނެތިގެން ކޮއްކޮއަށް ދެއްވި ކިރު އަޅުގަނޑަށް އުމުރުން ތިން އަހަރުވެފައި ހުއްޓާ ދެއްވީ" އާދަމް ބުންޏެވެ.

އާދަމް ބުނީ އެކަމުގައި އޭނަގެ އާއިލާގެ އޮތް ކުށަކީ ކޮބައިތޯ ބަލަން ބޭނުންވާ ކަމަށެވެ. ރަސޫލާގެ ހަދީސްތަކުންނާއު ގުރުއާނުންވެސް އެގޭގޮތުގައި ހަނގުރާމަ ކުރިއަސް ކުޑަކުދިންނާއި، މުސްކުޅިންނާއި، އަންހެނުން ނުމެރުމަށް އަދި އަނިޔާ ނުދިނުމަށް އޮންނަ ކަމަށެވެ. އެހެންކަމަށް ވާއިރު، އޭރު ވެރިއަކަށް ހުންނެވި ނާސިރަކީ އިސްލާމެއް ނަމަ ގުރުއާނާއި ހަދީސްތަކަށް އަމަލުކުރައްވާނެ ކަމަށާއި، ނާސިރަކީ އިސްލާމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. 

އަދި އޭނާއާއި އޭނާގެ އާއިލާއަށް ލިބުނު އަނިޔާތަކަށް ދުވަަހަކުވެސް ނާސިރަށް މައާފު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ޝަކުވާ މާތްﷲގެ ހަޒްރަތުގައި ކުރައްވާނެ ކަމަށް އޭނާ ބުންޏެވެ. 

22%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް