އެވޯޑް ހަފްލާގައި ދިވެހި ޒުވާން މިއުޒީޝަނުންނާއި ދިވެހި ފަންނާނުންނަށް ފުރުސަތު ނުދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާއިރު މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ވަނީ އޭނާގެ އުދާސްތައް ބަންޑުން ކޮށްލާފައެވެ.
ޒަކިއްޓެ މިކަމާއި ގުޅިގެން ބުނެފައިވަނީ، ޔޫތް މިނިސްޓްރީން އިސްނަގައިގެން ބޭއްވި ބޮޑު އެވޯޑް ހަފްލާގައި ދިވެހި މިއުޒިކް ބޭންޑުތައް ބާކީ ކޮށްފައި ވާކަމަށެވެ. އަދި އެވޯޑް ހަފްލާގައި ރާއްޖެއިން ބޭރުން އައި ބޭންޑަށް އިސްކަންދީ އެ ބޭންޑަށް ހުރިހާ ހިދުމަތެއް ފުރިހަމަ ކޮށްދީފައި ވާކަމަށް ވަނީ ބުނެފައެވެ. އަދި ދިވެހި ބޭންޑުތައް ޖެހުނީ ސައުންޑް ޗެކް ނަހަދާ އެރިގޮތައް އަރާ މިއުޒިކް ކުޅެން ކަމަށާއި، ސައުންޑް ޗެކް ހެދުމުގެ ފުރުސަތު ދިނީ ހަމައެކަނި އިންޑިއާއިން އައި ބޭންޑަށް ކަމަށްވެސް ޒަކިއްޓެ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މަގުބޫލު ޑީޓިއުން ބޭންޑުގެ "މަންމަ މެމްބަރު" އަދި ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ) ވެސް ވަނީ މި ހަފްލާގައި މިނިސްޓްރީން ކަންކުރިގޮތުގެ ވާހަކަ ހިއްސާ ކޮށްފައެވެ.
ފެޒޫ ބުނި ގޮތުގައި، ހަފްލާގެ ފުރަތަމަ ރޭ ހުރިހާ މިއުޒިކް ސާމާނުތައް ސްޓޭޖް އިން ބާލަން ޖެހުނީ ލައިވް ޓީވީ އާއި ހަފްލާގައި ބައިވެރިވި މެހެމާނުންގެ ކުރި މަތީ ކަމަށާއި، ސައުންޑް ޗެކް ހެދުމުގެ ވާހަކަ ނުވެސް ދައްކަ އެވެ.
އެ ހަފްލާގެ ކަންކަން ދިޔައީ، ވަރަށް ތަފާތުވުން ބޮޑުކޮށް ކަމަށާއި، ދިވެހި މިއުޒިކް ފަންނާނުން އެއްވެސް ބަޔަކަށް ނުވިކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ބައެއް އެހެން ބޭންޑުތަކުން ވަނީ، ޝޯގެ ކަންކަން ކުރިއަށް ގެންދިޔައީ، އިންޑިއާއިން އައި ބޭންޑަށް ފޯކަސް ކޮށްގެން ކަމަށާއި، ދިވެހި ބޭންޑުތަކަށް ފުރުސަތު ދިނީ ގޮތް ދައްކަން ކަމަށެވެ. އަދި މިއީ ދިވެހި ފަންނާނުންނަށް ދިން އަނިޔާއެއްގެ ގޮތުގައިވެސް އެފަރާތްތަކުން ވަނީ ސިފަ ކޮށްފައެވެ.
މިއުޒިޝަނުންގެ ޝަކުވާތަކާ ގުޅިގެން ޔޫތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ އެ މިނިސްޓްރީން ފޯނުނަށް ޖަވާބުނުދިނުމުންނެވެ.
މި ހަފްލާއަށް 30 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ބައެއް ފަރާތްތަކުން ބުނެ ނުރުހުން ފާޅުކުރަން ފެށުމުން، ޔޫތް މިނިސްޓަރު މަހުލޫފް ވަނީ އެވަރު ބޮޑު ހަރަދެއް އެ ހަފްލާއަށް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ހަރަދުކުރި ތަފްސީލް މިނިސްޓަރު މިހާތަނަށް ހިއްސާ ކުރައްވާފައިނުވެ އެވެ.