ads
އަންބަލަން--ފޮޓޯ:ސީއެންއެމް
ރަސްފަންނުގައި ހުރި ބޮޑު "އަންބަލަން" ތަފާތު!
ރަމަޟާން މަހާއި، އީދުގެ ފުރަތަަމަ ދުވަހު "އަންބަަލަން" ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދައި އުޅެއެވެ. ބުނެވޭ ގޮތުގައި އެންމެ އިހުގައި މިއީ މާލޭގެ ހަތަރު އަވަށުގައި ވެސް ވަރަށް ވާދައަށް ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިހާރު މިކަން އޮތީ މާލޭގައި މުޅިންހެން އުވިފައެވެ.

ހަވީރުގެ ވަގުތު ރަސްފަންނު ކައިރިން ސައިކަލު ބުރެއް ޖަހާލަނިކޮށް ކުއްލިއަކަށް އިއްޔެ ލޮލުގައި މި ބުނާ ޒާތުގެ ވެލިފުންޏެއް އަޅައިގަތެވެ. ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމުގެ ހިތްގައިމުކަން އެތަނަކުން ފެންނަ ރަސްފަންނުގައި ފުންޏެއްހެން ޖަހާފައި ހުރި މި ވެލި ފުނި ފެނުމާއިއެކު މިއީ "އަންބަލަމެއް" ކަން އެގުނެވެ. ނަމަވެސް މިއީ ކޮންބަޔަކު ހަދާފައި ހުރި ކިހިނެއް ހަދާފައި ހުރި އެއްޗެއް ތޯ ބެލުމުގެ ޝައުގުވެރިކަން ބޮޑުވީ ޒަމާންތަކަކަށްފަހު މާލެ ސަރަހައްދުން ކުއްލިއަކަށް މިފަދަ މަންޒަރެއް ފެނުމުންނެވެ. 

ވަގުތުން ސައިކަލުން ފައިބައިގެން ގޮސް އެތަނަށް ވަނީ ހަގީގަތުގައި ފޮޓޯއެއް ނަގާލަން އެކަންޏެވެ. ނަމަވެސް އެތަނަށް ވަންތަނުން ފެނުނީ، އަދި މާ ބޮޑު މަންޒަރެކެވެ. އެކި ޒާތްޒާތުގެ ސްޓޯލުތަކާއި، ގިނަ އަދަދެއްގެ މީހުން އެތަނުގައި ހޭލަމޭލަވަމުން ދިޔަތަން ފެނުނެވެ. ނަމަވެސް ޝައުގުވެރިކަން ހުއްޓުނީ ހަމަ އަންބަލަމަށެވެ. އެ ސަރަހައްދުގައި ދެން ހިނގަމުންދިޔަ އެކަންކަން ބަލާނީ ފަހުންނޭ ހިތާ އަންބަލަން ވަށާ ހިގަންފަށައިފީމެވެ.

ދޮންވެލިން ބޮޑު ގުއްބެއްހެން ހަދާފައިވާ އަންބަލަމުގެ ވަށައިގެން ރަތްކުލައިގެ ޗޭނެއް ހުއްޓެވެ. މިއީ އަންބަލަމަށް އަރައި އެ ހަލާކު ކުރުމުން ރައްކާ ކުރުމަށް ބަހައްޓާފައި ހުރި އެއްޗެކެވެ. އާއްމުގޮތެެއްގައި އަންބަލަން ފަތުރާލަނީ ރޯދައަށް ހަނދުބަލައި "މާދަމާ އަކީ ރޯދަ ކަން އިއުލާން ކުރުމުން"ނެވެ. 

your imageއަންބަލަން--ފޮޓޯ:ސީއެންއެމް

އަންބަލަން ޒީނަތްތެރި ކުރުމަށް މުޅިންވެސް ބޭނުންކޮށްފައި ހުރީ ދިވެހި އިހުގެ ކެއުންތަކުގައި ބޭނުންކޮށް އުޅުނު ބާވަތްތަކުގެ މޭވާ ތަކެެވެ. އަންބަލަމުގެ އެންމެ މައްޗަށް ޖަހާފައި އިނީ ދޮންކެޔޮ ބޮންތިއެކެވެ. އޭގެ ކައިރީގައި ބޮޑު ދޮންކެޔޮ ގަނޑެއްއޮތެވެ. ފަޅޮލަކާއި، އަލަނާސި ތަކެއް ހުއްޓެވެ. ހަމަ ތަންކޮޅެއް ތިރީގައި ބޮޑު ކުރުނބާ އިހަލެއްވެސް އޮތެވެ.

މުޅި އަންބަލަން ވަށައިގެން ޖަހާފައި ހުރީ ކަށިކޭލާއި، ކަރަލާއި، އަލަނާސި އަދި ކާށިފަަދަ އެއްޗެއްސެވެ. އަންބަލަން ވަށައިގެން ޗެންޗޭނު ޖަހާފައި ހުރިއިރު، ކައިރީގައި އަންބަލަމަކީ ކޯޗެއްކަން އަންގައިދިނުމަށް ބޮޑުު ލިއުމެއްވެސް ބަހައްޓާފައި ހުއްޓެވެ.

your imageއަންބަލަމަކީ ކޮބައިކަން ތަފްސީލު ކޮށްދީ އެތަނުގައި ބަހައްޓާފައިވާ ލިއުން---ފޮޓޯ:ސީއެންއެމް

އަންބަލަމުގެ ފޮޓޯތައް އެކި ގޮތްގޮތަށް ނެގުމަށްފަހު، އެކަން ކުރިބައެއް ހޯދަން އެ ސަރަހައްދުގައި ކުޑަކޮށް ހިނގާލާއިރަށް އެމީހުންވެސް އަތު ޖެހިއްޖެއެވެ. މިއީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން(ޝީ)އިން އިންތިޒާމުކޮށްގެން ބޭއްވި "އަންބަލަން" ހަަރަކާތެއްކަން ވާހަކަދައްކާލުމުން އެގުނެވެ. އެ ސަރަހައްދުގައި އެވަގުތު ކުރިއަށް ދިޔަ ސްޓޯލުތަކަކީވެސް އެ ހަރަކާތުގެ ބައެކެވެ. އަންބަލަން ރަމްޒުކޮށްދެނީ އެ ހަރަކާތެވެ. 

ޝީގެ ޑެޕިއުޓީ ޗެއަ ވެސް އެސަރަހައްދުގައި އުޅުއްވިއެވެ. ކަން ދިމާކުރި ގޮތުން އެއީ ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ޗާންސެލަ ހުސެއިން ހަލީމް އެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅުއްވީ ހަމަ ވޮލެންޓިއަރެއްގެ ގޮތުގައެވެ. 

"ސީއެންއެމް" އާއި އެ ސަަރަހައްދުގައި ހުންނަވައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، އެ ޖަމިއްޔާއިން އެންމެ ފުރަތަމަ އަންބަލަމެއް ބޭއްވީ، 2006ވަނަ އަހަރު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ. އެފަހަރުގެ މަގުސަދަކަށްވީ ޝީއަކީ އެންޖީއޯއެއް ކަމުން މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި، އާއިލާތައްް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. 

your image

އަންބަލުމުގެ ތާރީހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ކުރީގެ ރަށްރަށުގައާއި މާލޭ ސަރަަހައްދުގައި ވެސް ރޯދަމަހަށް ހަނދުބެލުމަށް ގާތްވާ ވަގުތު އަންބަލަން ހަދާ އަންބަލަމަށް ފުމެ އުޅުމަކީ ވަރަށް ވާދަވެރިކަމާއިއެކު ކޮށް އުޅުނު ކަމެއް ކަމަށެވެ. 

"ފޮތްތަކުން ފެންނަން އެބަ ހުރި މާލޭގައިވެސް ހަތަރު އަވަށުގައި ވަަރަށް ވާދަވެރިކޮށް މިކަން ކޮށް އުޅުނު ކަމަށް. އެއީ އެކި ކަހަލަ ކާއެއްޗެހިންނާއި މާމެލާ މެލިން ޖަރީކޮށްގެން ވަރަށް ރީތިކޮށް ތައްޔާރުކުރާ ވެލި ފުންޏެއް. ދެން ހަނދު ފެނުނީމަ ވެލިފުނި ފަތުރާލަނީ. ފަތުރާލުމުން. ދެން އެފެށުނީ ރޯދަމަހުގެ ކުޅިވަރުތައް. އޭރު ދެން މި އޮންނަނީ އަތްލަ އަތްލާ އާއި ބައިބަލާ، ފަން ކަހަލަ ކުޅިވަރު." އޭނާ ވިދާޅުވިއެވެ.

މިއީ އިހުގައި ކޮށް އުޅުނު މަޖާ ފޯރިގަދަ ކަމެއް ނަމަވެސް މިހާރު މިކަން އެހާ އާއްމު ނޫންކަން ހަލީމް ވެސް ފާހަގަކުރެއްވިއެވެ. 

އޭރުގެ ސަގާފަތުގެ ތެރެއިން ދެމިގެން އައިސް އުވި ނުގޮސް އޮތްކަމަކީ މާހެފުން ކަން ފާހަގަކޮށް ވިދާޅުވީ، އަންބަލަމުގެ ތާރީހު އުވި ދިޔަ ނުދީ ތާރީހު ދިރުވުމަށް، މި ރޯދަމަހާއި ގުޅުވައިގެން އެ ޖަމިއްޔާއިން ބޭއްވި ހަރަކާތްތައް އަންބަލަމުގެ ނަމުން ނަން ދީ ރަސްފަންނު މެދުގައި އަންބަލަމެއް ހެދީ ކަމަށެވެ. 

މި ހަރަކާތް ފެށީ އިއްޔެ ހަވީރު 16:00 އެވެ. ނަމަވެސް އޮތް ހިތާމަވެރި ހަބަރަކީ މިރޭ 10:00 ޖެހުމަށް ފަހު އެ އަންބަލަން އެތަނުން ފެންނަން ނުހުންނާ ކަމެވެ. 

އަންބަލަން ހެދުމަށްފަހު ފަތުރާލަނީ ހަނދު ފެނުމުން ނަމަވެސް ހަލީމް ވިދާޅުވި ގޮތުން އެ އަންބަލަމަށް އަރާ ފަތުރާލުމަށް ފުރުސަތެއް ނެތެވެ. އެ ހަރަކާތަައް އެ ސަރަހައްދު ލިބުނީ އެންމެ ދެދުވަހަށް ކަމުން އައްބަލަން މިރޭ ފަތުރާލަން ޖެހެނީއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް