މިކަމާއި ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުންތައް އޮތީ، މިމަހުގެ 19ވަނަ ދުވަހުން ފެށިގެން މިމަހުގެ 22ގެ ނިޔަލަށް ތިނަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ކެޕްމަހުގައެވެ.
އަޑުއެހުންތައް ބާއްވާފައިވަނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 2:30 އިން ހަވީރު 6:00 އަށެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން، އަޑުއެހުންތަކުގައި އާންމުންނަށް ބައިވެރި ވެވޭގޮތަށް ކުރިއަށްދާ އަޑުއެހުންތަކެކެވެ.
މާލޭގައި އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިގާލީ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް ސޮއިކުރައްވައި ނެރުނު އިއުލާނެއްގައި ވާގޮތުން އެ އަޑުއެހުންތައް މިހާރު ވަނީ ފަސްކޮށްފައެވެ. އަދި ދެން ބާއްވާނެ ތާރީހުތަކާއި ގަޑިތައް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން މިމައްސަލަ ބަލން ނިންމާފައިވަނީ ރަށުގެ ބައެއް ރައްޔިތުންގެ އިތުރުން ތިނަދޫ ކައުންސިލުން ވެސް މިމައްސަލަ ބަލައިދިނުމަށް ހުށަހެޅުމާގުޅިގެންނެވެ.
ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ ފެބުރުއަރީ 4، 1962 ގަ އެވެ.
ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށު މީހުން ރަށުން ފައިބައިގެން ދިޔައީ އެއަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށާއި މީހުން ނޫޅޭ ބައެއް ރަށްރަށަށެވެ. ބައެއް މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަު ބަނޑަށް މަރުވެފައިވާއިރު ރާއްޖޭގެ އެތައްމިތަނަށް އެހެން މީހުން ވަނީ ދަތުރުކޮށް ދިރިއުޅުން ފަށާފައެވެ. ނާސިރު ހުއްދަ ދެއްވުމާއެކު އެރަށަށް އެނބުރި މީހުން ދިޔައީ 22 އޮގަސްޓް 1962 ގައެވެ.