މުހައްމަދު އަބްދުއްލަތީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ މުހައްމަދު މިސްބާހު ނިންމެވީ 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ.
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި, ޑްރަގް އެންފޯސްމަންޓާއި, މެރިން ޕޮލިސް ގުޅިގެން ކަނޑުމަތީގައްޔާއި, މާލެއާއި, ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގައި ހިންގި އޮޕަރޭޝަނުގައި މުހައްމަދު އަބްދުއްލަތީފް ހިމެނޭހެން ތިން މީހަކު ހައްޔަރުކުރިއެވެ.
މުހައްމަދު އަބްދުއްލަތީފްގެ އިތުރުން ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) އާއި, ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ކަވްސަރު އަލަމް (30އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދިނީ 15 ދުވަހެވެ. އެހެންކަމުން އެ މީހުންގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓުގައިކަމަށާއި, އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މި ތިން މީހުން ހައްޔަރުކުރީ ދަތުރެއްގެ މަތީގައި އުޅެނިކޮށެވެ. ލޯންޗު ދުއްވަން އިނީ ދިވެހި ފިރިހެން މީހާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ހަމައެހެންމެ އިންޑިއާ މީހާ ހުއްޓުވަން އުޅުމުން ކޮނޑުގައި އޮތް ދަބަސް އެއްލާލައި ފިލަން މަސައްކަތް ކުރި ކަމަށާއި, އެ ދަބަހުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މުހައްމަދު އަބްދުއްލަތީފް ވެސް ފިލަން މަސައްކަތް ކުރި ކަމަށާއި, އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާއަކީ ހަމައެކަނި ލޯންޗު ދުއްވާ މީހާ ކަމަށާއި, ލޯންޗުގައި ގެންދަނީ ކޯއްޗެއްކަން ނޭނގޭކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މުހައްމަދު އަބްދުއްލަތީފަކީ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.