ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ, ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް, އެ ތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މައްސަލަތައް ހައްލުކޮށްދިނުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސް ފަށާފައިވާއިރު, އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. އެ މައްސަލަ ބޭރުކޮށްލަން 11 މެންބަރުން ވޯޓުދެއްވިއިރު, އޭގެތެރޭގައި ގިނައީ ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ މެންބަރުންނެވެ.
އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި އީވާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ މެންބަރަކަށް ވިޔަސް ދާއިރާއެއްގެ ތަރައްގީއާބެހޭ ބޮޑު މައްސަލައަކާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކަމެއްގައި, މަޖިލީހުގެ އަގްލަބިއްޔަތު ބޭނުންކޮށްގެން ބަހުސް ކުރިއަށް ގެންދަން އެމްޑީޕީން ހުރަސްއަޅަންޖެހޭ ސަބަބެއް ވިސްނި ވަޑއިނުގަންނަވާ ކަމަށެވެ. އީވާ ވިދާޅުވީ މެންބަރު ހުށަހަޅުއްވާފައި އެ އޮތީ ޓާޝަރީ ހޮސްޕިޓަލެއް ނުހިނގައިގެން އެ ވާހަކަ ކަމަށާއި, އެ މައްސަލައިގެ އިބާރާތުގައި ވެސް މައްސަލައެއް އޮތީކީ ނޫން ކަމަށާއި, ސަރުކާރުން ކަމެއް ނުކުރަނީއެކޭ ނުވަތަ ސަރުކާރު ނުލަފާކަމުން ކަމެއް ނުކުރަނީއެކޭ ސަރުކާރުން ޕީޕީއެމްއަށް ނިސްބަތްވާ ތަނެއްވީމަ ނުކުރަނީއެކޭ އޮތީކީ ވެސް ނޫން ކަމަށެވެ.
މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެ ކަންކަން ގޮސްފައިިވާ ހިސާބު ސިފަކޮށްދެއްވަމުން އީވާގެ ވާހަކައިގައި ވަނީ, މީގެ ކުރިން މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތްއިރު މަޖިލީހުން އެއްވެސް ކަމަކަށް ބަހުސްކުރުމަށް ފުރުސަތު ނުދިނުމުން އޭރު އެމްޑީޕީ މެންބަރުން އަޑުއުުފުލަން ޖެހުނު ދަތިގޮތުގެ ވާހަކަ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އީވާ ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕު އަމިއްލަ ނަފުސަށް މިހާ ބޮޑަށް އިތުބާރު ގެއްލުނީ ކޮން އިރަކުތޯ ވެސް ސުވާލު ކުރައްވާފައެވެ.
އީވާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕު މިއަށްވުރެން ތަސައްރަފު ފުދެންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަޖިލީހަކީ ސިޔާސީ ކަންކަމުގެ ނާރެސް ކަމަށާއި, ބަހުސް ކުރިއަށްގެންދަން އެމްޑީޕީން ފުރުސަތު ދޭންޖެހޭކަމަށް އީވާ ވިދާޅުވިއެވެ. އަދި ކިރިޔާ ވެސް މައްސަލައެކޭ ބުނާއިރަށް އެއީ ސަރުކާރާއި ޖައްސާލުންކަމަށް ބުނާނަމަ 2023 ގެ ރިޔާސީ އިންތިހާބު ވަރަށް އުނދަގޫވާނެކަމަށް ވެސް އީވާ ވިދާޅުވިއެވެ.