ads
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
ގަމު ހޮސްޕިޓަލުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ, ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގޮވާލައްވައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 20 މެންބަރުންކަމަށްވާއިރު, މައްސަަލަ އިޖުތިމާއީ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 18 މެންބަރުންގެ ވޯޓުންނެވެ. މި އަދަދަކީ ކޮމިޓީއަށް މައްސަލަ ފޮނުވަން އެންމެ މަދުން ބޭނުންވާ ވޯޓުގެ އަދަދެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވުމާއި ދެކޮޅަށް 16 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ސައީދު މި މައްސަލަ ހުށަހެޅުއްވުމުން މައްސަލަ ބޭރުކޮށްލަން 11 މެންބަރުން ވޯޓުދެއްވިއިރު, އޭގެތެރޭގައި ގިނައީ ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ މެންބަރުންނެވެ. 

އެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނުރުހުން ފާޅުކުރައްވާފައިވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންނެވެ.

ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހަކު ދަށްވަމުންދާކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ސަރުކާރުގެ ވައުދަކަށްވާއިރު, އެކަން ނުކުރެވި ބަލި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި, އެފަދަ ހާދިސާތައް ހިނގާފައިވަނީ ހިންގުމުގެ ދޯދިޔާކަމުންކަމަށް ވެސް ސައީދު ފާހަގަ ކުރެއްވިއެވެ. ސައީދު ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން ލިބެންޖެހޭ ގިނަ ހިދުމަތެއް ވެސް މިހާރު ނުލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް