ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް އިތުރު މިންގަނޑެއް ރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
Advertisement

ރައީސް ސޯލިހް މިގޮތަށް ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ޕްލޭނިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި ހުރި ފަރަގުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިއްމު ވަސީލަތަކަށް މި އާ މިންގަނޑު ހެދުމަށްވެސް ނިންމަވާފަ އެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ނަޒަރުން (ސއްިހީ، ތައުލީމީ، ދިރިއުޅުމުގެ ފެންވަރުފަދަ) ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ގައުމުން ބޭނުންކުރަމުންދާ މިންގަޑެކެވެ. އަސާސީ ހިދުމަތްތަކުން މަހްރޫމްވުމަކީ ފަގީރުކަމަށް މީހުން ހުށަހެޅޭ ކަމެއްގެ ގޮތުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެ އެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އަސާސީ ޚިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަގު ދެނެގަނެ މި ތަފާތުތައް ކުޑަކުރުމާއެކު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އިސްކަންދޭންޖެހޭ ދާއިރާތަކާއި ސަރަހައްދުތައް ފާހަގަކޮށް ހަމަހަމަކަން ފަހިކޮށްދިނުމުގައި ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި ވެސް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ބޭނުންކުރުމަށް ވަނީ ނިންމަވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި އިންޑެކްސް އެކުލަވައިލާފައިވަނީ ޕްލޭނިން މިނިސްޓްރީން ކުރި ފަންނީ މަސައްކަތްތަކަށްފަހުގައި ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލުމަށް ކަނޑައަޅާފައިވާ މެތޮޑޮލޮޖީއަށް ބަލާއިރު މި އިންޑެކްސް އެކުލަވާލުމުގައި ބޭނުންކުރާ ހުރިހާ ޑޭޓާއަކީ އެއް ސާވޭއަކުން އެއްކުރެވިފައިވާ ޑޭޓާއަށް ވާންޖެހެ އެވެ. އެހެންކަމުން ޓެކްނިކަލް ފެންވަރުގައި ކުރި ދިރާސާތަކުން މިކަމަށް އެންމެ އެކަށީގެންވަނީ ޑިމޮގްރަފިކް ހެލްތް ސާވޭ (ޑީއެޗްއެސް)ގައި ހިމަނާފައިވާ ޑޭޓާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ގިނަ ގައުމުތަކުން ބޭނުންކުރަމުން ގެންދަނީ އެ ގައުމެއްގެ ހާލަތު ރަނގަޅަށް ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރެއްގައި އެކުލަވައިލައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށެވެ. ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވައިލައިފައިވަނީ، އޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާއި ގުޅިގެން ޔުނިސެފް ރީޖަނަލް އޮފީސް ސައުތު އޭޝިއާ އާއި ޔުނިސެފް މޯލްޑިވްސްގެ އެހީއާއި އެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ކޮށްފައިވާ މަސައްކަތްތަކަށް ފަހު ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް