
ބަދުރުއްދީން މީގެކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގަ އެވެ.
ބަދުރުއްދީން އަކީ ބޭންކިންގް އަދި ފައިނޭންޝަލް ސާވިސް ދާއިރާގައި 13 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ފަރާތެކެވެ.
މީގެ އިތުރުން އެސްޑީއެފްސީގެ ބޯޑުގެ އާ ޗެއާމަނަކަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވެސް މިއަދު ވަނީ އައްޔަނު ކޮށްފަ އެވެ.
މުޅީން ވަކިން ހިންގަމުންދިޔަ އެސްޑީއެފްސީ މިދިޔަ ޖުލައި މަހު ބީއެމްއެލްއިން ވަނީ ގަނެފަ އެވެ. ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ، އެ ކުންފުނީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަނެގެންނެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ކަމަށެވެ.
އެސްޑީއެފްސީ ބީއެމްއެލްއިން ގަންނައިރު، އެ ކުންފުނިން ދޫކޮށްފައިވާ ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާ މައްސަލަ ބޮޑު ކަަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ވަނީ ދައްކާފަ އެވެ. އެ ރިޕޯޓުގައި ބުނި ގޮތުގައި އެ ކުންފުނީގެ ދޫކޮށްފައިވާ 41 ޕަސެންޓު ލޯނަށް ފައިސާ ނުދައްކަ އެވެ.