ads
ފޮޓޯ: ސީއެންއެމް| ރީހާން
ސަހަރާ ކައިރިން ފެނުނު ކުޑަކުއްޖާ
ނުުހާދު ސުކޫލް ނިމުމަށްފަހު ގިނަވަގުތު އުޅެމުންދިޔައީ ގެއިން ބޭރުގައެވެ. ވަޒީފާގެ މާހައުލަށް ނުކުތުމަށް ފަހު ވެސް ރޭގަނޑު ގިނަވަގުތު ރައްޓެހިންނާ އެކު ބޭރުގައި ހޭދަކުރަމުން ދިޔައެވެ. ނުހާދުގެ މަންމަ ނުހާދު ބޭރުގައި ނޫޅުމަށް ނަސޭހަތްތެރި ވަމުން ދިޔަ އިރު ނުހާދު ދިޔައީ އެ އަޑަށް ބީރު ކަންފަތެއް ދެމުންނެވެ. މި ވާހަކައިގައި ލިޔެފައިވަނީ މަންމަގެ އެ އަޑަށް ބީރު ކަންފަތެއް ދެމުން ދިޔަ ނުހާދަށް މަގުމަތިން ދިމާވި ބިރުވެރި ހުވަފެނެއްގެ ވާހަކަ އެވެ.

މަޖިީދީމަގުން ހެންވޭރާވީ ކޮޅަށް ހަފްތާގެ ކޮންމެ ރެއަކުވެސް އާދައިގެ މަތިން ނުހާދު އޭނާ ވަޒީފާ އަދާކުރާ އޮފީހުން ޑިއުޓީ ނިންމާ ލުމަށްފަހު ގެއަށް ދަނީ ރޭގަނޑު 12 ޖަހާ އިރުއެވެ. އެހެން ރޭ ތަކޭވެސް އެއްފަދައިން އޭނާ މަޑު ހިގުމެއްގާ ގެއަށްދާން އޮފީހުން ނުކުތެވެ. ނަމަވެސް އެރޭ އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގަ އެރޭ ނުކުތީ 11:45 ގައި ކަމަށް ނުހާދު ބުންޏެވެ.

ގެއާ ދުރުގައި ހުންނަ އެ އޮފިހުން އޭނާ އަށް އާންމު ކޮށް ގެއަށް ދެވެނީ 30 ނުވަތަ 25 މިނެޓްން ކަމަށް ވާތީ ނުހާދު އެރޭ އޮފީހުން ނުކުތީ ތަންކޮޅެއް އަވަހަށް ގެއަށް ދިއުމަށް ކަމަށެވެ. މަޑު ހިނގުމެއްގާ އެހެނަސް ބާރުބޮޑު މަޖީދީ މަގުން އެއްވެސް ކޮޅަކަށް އެބުރި ބެލުމެއް ނެތި ނުހާދު ހިގަމުން ދިޔައެވެ.

މަޖީދީމަގުން ހެންވޭރު ސަހަރާވީ ކޮޅަށް ހިގަމުން ގޮސް ގޯޅިއަޅާ ސަހަރާއާ އަރާ ހަމަވިއެވެ. ކުއްލިއަކަށް ކުރިމަތިން ކުޑަ އަންހެން ކުއްޖަކު އޭނާ އަށް ފެނުނެވެ. ގާތްގަނޑަކަށް އުމުރުން ހަ އަހަރުގެ އެ ކުޑަ ކުއްޖާގެ މުޅި މޫނަށް އިސްތަށިގަނޑު ހޭވިފައި އޮތެވެ. ކުއްލިއަކަށް ކުޑަކުއްޖަކު އެގޮތަށް ފެނުމުން ބިރުވެސް ގަތެވެ. ޖެހިލުންވެ ހުރެވެސް ނުހާދު އެ ކުއްޖާއާއި ވާހަކަ ދައްކަމުން ދިޔައެވެ.

ކޮއްކޯ ކޮންތާކަށް ތިދަނީ...ނުހާދު ސުވާލު ކުރިއެވެ. ވާހަކަ ދައްކަން ފެށުމުން ކުއްޖާ ބާރަށް ހިގައިގަތެވެ. އެ ކުއްޖާ އާއި އެއްވަރަށް ނުހާދުވެސް ހިގަމުން ދިޔައެވެ. އެ ކުއްޖާ އަޅީ ސަހަރާވީ ފަޅިން ކަނާތްފަރާތަށް އޮތް ގޯޅިންނެވެ. ބިނުގަނެފައި ހުރެވެސް އެ ކުއްޖާގެ ފަހަތުން ނުހާދު ހިގަމުން ދިޔައެވެ.

ވަކި ހިސާބުން ކުއްޖާ މަޑު ކުރިއެވެ. ކުއްޖާ ނުހާދުގެ މޫނަށް ބަލަން ހުއްޓެވެ. އަދި ރޯން ފެށިއެވެ. ރޮމުން ކުއްޖާ ބުނަމުން ދިޔައެވެ. ކޮބާ އަހަރެންގެ މަންމަ.. ކުއްޖާ ވާހަކަ ދައްކަމުން ދިޔައެވެ.

ކުއްޖާ ރޯތީ އަވަހަށް ފުލުހުންނަށް ގުޅުމަށް ދަބަހުން ނުހާދު ފޯނު ނަގިއެވެ. ފޯނު ނިވިފައި އޮތުމުން ފޯނުން ގުޅަން ކުރި މަސައްކަތް ކާމިބު ނުވިއެވެ. ކުއްޖާއާއި އެކު އެހާ ހިސާބަށް ދެވުމުން އެ ކުއްޖާ އެކަނި ކުރުމަށްފަހު ގެއަށްވެސް ދާކަށް ނުހާދަށް ނުކެރުނެވެ. ނުހާދު އެ ކުއްޖާ ގޮވައިގެން ގެއަށް ދިޔައެ އެވެ. ގެއާ ކައިރިވެ ފަހަތަށް ބަލާލިއިރު ނުހާދަށް އެ ކުއްޖާ ފެންނާކަށް ނެތެވެ.

ނަމަވެސް އެހާ އަވަހަށް ކުއްޖާއަށް ދުރު ތަނަކަށް ނުދެވޭނެތީ ފަހަތުން ހޯދަމުން ނުހާދު ދިޔައެވެ. ކުއްޖާ ފެނުނު އިރު ކުއްޖާ އިނީ ކައިރީގައި ހުރި ފިހާރައެއްގެ ކަންމަތީގައި ރޯށެވެ. އަތުގައި ހިފާ ތެދުކުރުމަށް ފަހު ކުއްޖާ ގޮވައިގެން ގެއަށް ދިޔައެވެ. އަދި ފެންވަރަން ފާހަނަ ދެއްކުމަށްފަހު، ސިޓިންރޫމްގައި ހުރި އެނދުގައި ނިދާލުމަށް ނުހާދު ބުންޏެވެ.

އެއަށްފަހު ނުހާދު ވެސް ފާހާނާ އަށް ވަދެ ފެންވަރައިގެން ނިދަން އެނދަށް އެރިއެވެ. މަޑުމަޑުން ނިދެމުން ދިޔަ ވަގުތު، ކުއްލިއަކަށް ކުރިމަތިން އަނދިރި ގަނޑެއް ކަހަލަ ހިޔަންޏެއް ނުހާދަށް ފެނުނެވެ. ދެންވެސް ނުހާދު ނިދަން މަސައްކަތް ކުރިއެވެ. ނުހާދަކަށް ނުނިދުނެވެ. ކުޑަ ކުއްޖާ ނުހާދުގެ ކޮޓަރިއަށް ވަނެވެ. ކިހިނެއް މިކޮޓަރިއަށް ވަނީ ނުހާދު ބުންޏެވެ. ކަލޭ އަހަރެން ވެއްދީ ނުހާދު ބަސްހުއްޓުނެވެ. ކުއްލިއަކަށް ފަހަތުން މީހަކު ނުހާދުގެ ކަރުގައި ހިފާ ބާރު ކުރި އެވެ. ކަރަށް ބާރުވެ އާހް އާހް.. ރާގަކަށް ގޮވަމުން ނުހާދު ދިޔައެވެ.

ކަރަށް ބާރުވެ އަދި ގަނެފަ ހުރި ބިރާއެކު، ނުހާދު އެނދުން ފުންމާއިގެން ތެދުވިއެވެ. ރަނގަޅަށް ލޯހުޅުވާލާ ފާހަނަޔަށް ވަދެ މޫނު ދޮވުނެވެ. ފެނުނު ހުވަފެނެއްކަން ޔަގީންވިއެވެ. އެހެން ނަމަވެސް ނުހާދު ބިރުން ފިތަ ކެޑިކެޑި އިނދެ ގަޑި އަށް ބަރާބަރަށް ދޭއް ޖެހީއެވެ. އެއީ ފެނުނު ހުވަފެނެއްކަން އެނގި ހުރެވެސް މަޑުމަޑުން ބޭރަށް ނުކުމެ ހުވަފެނުގައި ފެނުނު ކުއްޖާ ބޭއްވި އެނދު ބަލާލެވުނު ކަމަށް ނުހާދު ބުންޏެވެ.

މީހެއްގެ ހިލަމެއްވެސް ގޭތެރެއަކު ނެތެވެ. އެރޭ ހޭލެވުނު ފަހުން އެއްވެސް ގޮތަކަށް ނުހާދަކަށް ނުނިދުނެވެ. ފާހާނާ އަށްވަދެ ވުޟޫ ކޮށްގެން ގުރުއާން ކިޔަވަމުން ނުހާދު ދިޔައެވެ. އެގޮތުގައި ނުހާދު އިރު އަރަންދެން އިނެވެ. އޭގެ ފަހުން ނުހާދު އެކެނި ރޭގަނޑު ބޭރުގައި އުޅެން ބިރުގަނެއެވެ. ދޭތެރެ ދޭތެރެއިން އެ ހުވަފެން ފެންނާތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް