މިނިވަންކޮށް ހިނގަނީ ކޮން މުއައްސަސާ އެއްހެއްޔެވެ. އެކި ނަންނަމުގައި އެކިވަރުގެ މުއައްސަސާތައް ދައުލަތުން އުފައްދާފައި ވެއެވެ. އެ މުއަސަސާ ތަކަށް މީހުން ވަޒީފާދީފައި ވައްދައި ރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން އެބަ ގެންދެ އެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ހިދްމަތް ދެނީ ކިތައް މުއައްސަސާއިން ހެއްޔެވެ. ބުނެވޭނީ އެންމެ އެދެވޭ ގޮތަށް މަސައްކަތް ކުރާ މުއައްސަސާތައް ނެތް ކަމަށެވެ.
އިހަކަށް ދުވަހު އުވާލީ އެސެޓް ރިކަވަރީ ކޮމިޝަން އެވެ. ރައްޔިތުންގެ މާލިއްޔާއިން އެތައް ފައިސާއެއް ހަރަދު ކޮށް ނިންމާލި އިރު ރައްޔިތުންނަށް ފެނުނު ނަތީޖާއެއް ނެތެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ދާދި ފަހުން ނުކުޅެދޭ މީހުންގެ މަރުކަޒަށް ޒިޔާރަތް ކޮށް ރިޕޯޓެއް ނެރުނެވެ.
ޖެންޑާ މިނިސްޓްރީން ނުކޮށް ނުވަތަ ނުކުރެވި ހުރި ކަންކަމުގެ ވާހަކަ އެރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. އެހެން ކަމަުން ކޮންމެވެސް މަސައްކަތްތަކެއް އެކޮމިޝަނުން ކުރަމުންދެއޭ ބުނެވިދާނެ އެވެ. އެހެން ނަމަވެސް އެކޮމިޝަނުގެ އެތެރޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ކަމުގެ ވާހަކަތައް ނިމުނު އަހަރު ފާހަގަވެގެން ދިޔަ އެވެ.
ރާއްޖޭގެ ވެރިކަން ކުރުން ޕާޓީ ނިޒާމަކަށް ބަދަލުވި ފަހުން ކުރީކޮޅުގައި ބުނަމުން އައީ ދަތްފަޅާއިރު ތަދުވާނެ ވާހަކަ އެވެ. އެހެން ނަމަވެސް އެބަދަލުތައް އައިފަހުން ވެސް މިހާރު މިވަނީ 13 ވަރަކަށް އަހަރު ވެފައެވެ. ކަންކަމަށް މާ ބޮޑު ބަދަލުތަކެއް އައިސްފައިވާ މަންޒަރެއް ނުފެނެ އެވެ. މަންޒަރު ބަދަލުވެ ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅޭ މަންޒަރު ދައްކަނީ ކޮންމެ ވެރިކަމެއްގަ ވެސް ފަހުކޮޅަށް އެޅުމުންނެވެ. އެ ވަގުތުކޮޅު ރައްޔިތުންގެ މަޖިލީހާއި ޕާޓީތަކުން ތެޅިގަނެ އެވެ. އަދި ރައްޔިތުންނަކީ އެންމެ މުހިއްމު މީހުންކަމަށް ދައްކަ އެވެ.
އެގޮތުން ފާހަގަ ކޮށްލެވުނު އެންމެ މުހިއްމު އެއްކަމަކީ މިސަރުކާރު ވެރިކަމަށް އަންނަން ވެގެން އެމްއެމްޕީއާރުސީގެ މައްސަލަައިގައި ހިމެނޭ ފަރާތްތަކަށް އަދަބު ދޭނެ ވާހަކަ އެވެ. އެކަމަށްޓަކައި އައްޔަން ކުރެވުނު އޭސީސީގެ މެންބަރުންނަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ސަބަބުން މަޖިލީހަށް ޖަވާބުދާރީ ވުމަށް ފަހު އެކޮމިޝަނުގެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެކޮމިޝަނުގެ އޭރުގެ ރައީސް ވިދާޅުވީ ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ތަހުގީގުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވަމުންދިޔަ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންގޮސް އާންމުކޮށްފައިވާ އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓާ ގުޅޭގޮތުން ކުރިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިސް ވާޖިބަކަށްވީ، ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުން ކަމަށެވެ. އަދި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަން ކުރުމުން ވެސް އެކަން ފެނިގެންދާނެ ކަމަށާއި، ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި، ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފައި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކުރިއަށް ގެންދާއިރު އެފަދަ މައްސަލަތަކުގެ މަސްލަހަތު އޮންނަ ސިޔާސީ ފަރާތްތަކުގެ ފާޑުކިއުންތައް އެކޮމިޝަނަށް އަމާޒުވާކަމަށެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި މިލިޓަރީ ފޮނުވައިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގުވާފައިވެ އެވެ. އެކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އޭގެފަހުން އައީ މިސަރުކާރެވެ. އެހެން ނަމަވެސް އެދެވޭ މާބޮޑު ބަދަލު ތަކެއް ފެނިފައެވެއް ނުވެއެވެ. ސިޔާސީ މީހުންގެ ނުފޫޒު އޮތް މިންވަރު އޭސީސީގެ ވާހަކައިންވެސް އެއޮތީ ފެންނާށެވެ. އެއީ މިސަރުކާރުން ފޮނުވައިގެން އައްޔަން ކުރި މެންބަރުންނެވެ. ވަކި ކުރީ މިސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ނެވެ.
އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީން ސަރުކާރުން އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ބޮލުގައި އަޅުވައެވެ. އަދި މިހާރު ވެސް ދޭތެރެދޭތެރެއިން ޕީޕީއެމްއިން އެވާހަކަ ކުރުނުކޮށް ދައްކަ އެވެ. އެފަދަ ތުހުމަތު ތަކެއް އޮތް ފަރާތެއްގެ އެންމެ އިސްވެރިޔަކަށް ހުރި ބޭފުޅަކު މިއަދު އަނެއްކާވެސް އައްޔަން ކުރެވުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށެވެ. ފާޑުކިއުން އަމާޒު ވަނީ އެހެންވެ އެވެ.
މިނިވަންކޮށް މަސައްކަތް ކުރަން ހުރި މުއައްސަސާތަކަށް ފުރުސަތު ދޭން ތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ތުހުމަތުކުރެވިއްޖެނަމަ އެމައްސަލަތައް މަޖިލީހުން ބެލޭނެއެވެ. އެހެން ނަމަވެސް ފެންނަނީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރާ ތަނެއް ނޫނެވެ. އެބައެއްގެ މަސްލަހަތާ ޖެހުމުން މަސައްކަތް ކުރާ ތަން ފެނިގެންދެ އެވެ. އެހެން ނަމަވެސް މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބުނަމުންދިޔައީ މަޖިލިސް19 ތެދުވެރި ވާނެ ކަމަށެވެ.
ވައްކަން ނުކުރާނެ ކަމަށެވެ. އަދި ވައްކަން ނުކުރެވޭނެ ކަމަށެވެ. ވެރިކަމުގެ ހަތަރު ވަނަ އަހަރު ފެށިފައިވާއިރު އެންމެ ބޮޑަށް ވައްކަން ކުރާ ވާހަކަ ދައްކަނީ ވެސް އެމްޑީޕީންނެވެ. އަދި ސަރުކާރުން ވައްކަން ނުކުރާ ކަމަށް ވެސް އެންމެ ގަދައަށް ވާހަކަ ދައްކަނީ އެމްޑީޕީއެވެ.
ކޮންމެ ވެރިކަމަކުން ވެސް ފެންނަމުންދާ މަންޒަރަކީ މިނިވަން މުއައްސަސާތައް ސައިޒު ކޮށްފައި ބަހައްޓާ ތަނެވެ. އެމީހުންނަށް މެންޑޭޓާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ފުރުސަތު ނުލިބޭ ތަނެވެ. އެހެންކަމުން މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެ އެއްވެސް ފިތުރަތުގެ އުސޫލުން ރީތި ފަތިހަކަށް އަލިވިލޭކަށް އަދި ގާތްވިހެން ހިއެއް ނުވެއެވެ. އަދިވެސް ދަތް ނުފަޅަނީ ކަމަށް ވެދާނެއެވެ. އަދިވެސް އޮތީ އުއްމީދެވެ.