ads
އައްމަޓީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސަން
އައްމަޓީ ދޫކޮށްލި މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ
ގިނަ އަދަދެއްގެ ދައުވާ އުފުލާފައިވަނިކޮށް ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ގޭބަންދަށް ދޫކޮށްލުމުން، ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އިއްވަން މާދަމާ އަށް ތާވަލުކޮށްފި އެވެ.

އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނަށެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަން ފޮނުވައި، އޭނާ ބަންދުގައި އެފަހަރު ބަހެއްޓީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް އެފަހަރުވެސް ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި އެވެ. އެ އަމުރު ހައިކޯޓުގައި އެފަހަރުވެސްް ދައުލަތުން އިސްތިއުނާފު ކުރުމުން އަންމަޓީއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމާ އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން ކޯޓަށް ހުށަހެޅަމުން ޝަރުތަކެއް މަތިކޮށްފައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގައި އަނެއްކާ ގޭބަންދަށް ދޫކޮށްލިއެވެ.

ބޭރަށް ފުރައިގެން ނުދެވޭނެ ގޮތަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ގޭބަންދަށް ދޫކޮށްލީ ދައްތައަކާއި އަންހެން ކޮއްކޮއަކު ޖާމިނުކޮށް ޝަރުތުތަކަކާއެކު އެވެ. އެއީ ހެކިންނަށް ނުފޫޒު ނުފޯރުވުމަށާއި، ރަށުން ބޭރަށް ނުދިއުމަށާއި، އަދި ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމަށް އޭނާ އަށް ޝަރުތު ކޮށްފަ އެވެ.

މިއީ އޭނާ ބަންދުން ދޫކޮށްލި ތިންވަނަ ފަހަރެވެ. މީގެ ކުރިން ބަންދުން ދޫކޮށްލި ދެ ފަހަރެއްގައިވެސް އޭނާ ފިލާފައިވާތީ ދެންވެސް ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އޮތުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ދައުލަތުން އެދުނެވެ. އަދި މިދިޔަ މާޗު މަހުތެރޭ އަނެއްކާވެސް ހައިކޯޓުގައި އެމައްސަަލަ އިސްތިއުނާފު ކުރިއެެވެ. 

ނަމަވެސް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި މިހާރު އައްމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ، ފިލައިގެން އުޅުނު ކަމަށް ދައުލަތުން ބުނަނީ އައްމަޓީ އޭނާގެ އަންހެނުންނާއި އާއިލާ ގާތަށް ސްރީލަންކާގައި ގޮސްހުރި ދުވަސްވަރު ކަމަށެވެ. 

އަދި މިވަގުތު އޭނާގެ އަތުގައި ޕާސްޕޯޓެއް ނެތުމުން ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ފާހަގަކުރައްވާ ނިހާޔަތު ވިދާޅުވީ، އެވަރުން ވެސް ފިލާނެ ކަމަށް ހީވާނަމަ އެ ބިރު ފިލުވާލުމަށްޓަކައި އައްމަޓީގެ ގޭގެ ބޭރުގައި ޑިއުޓީއަށް ފުލުހުން ބޭތިއްބުން ނުވަތަ އޭނާ ސަވައިލެންސްގައި ބެހެއްޓުންފަދަ ދައުލަތުން ބޭނުން ކޮންމެ ޝަރުތެއް ކޮށްފައި ނަމަވެސް މިވަގުތު ދޫކޮށްލުން އެދޭ ކަމަށެވެ. 

އޭނާ ވިދާޅުވީ، އައްމަޓީ ދޫކޮށްލުން މިވަގުތު މުހިންމު ވަނީ އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ގޯސްވުމުންނާއި، އައްމަޓީގެ އޮޕަރޭޝަނެއް ކުރަން ޖެހޭވަރަށް އައްމަޓީގެ ސިއްހީ ހާލަތުވެސް ގޯސްވުމުން ކަމަށެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 ދައުވާއަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާއެކެވެ. އެ ހުރިޙާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް