ads
ފޮޓޯ: ސީއެންއެމް
މަޖިލީހަށް ކުރެވުނު އިތުބާރުން ކަރުބުޑުގައި ލީ ހިތިރަހަ!
ރައްޔިތުންގެ ހާއްސަ މަޖިލިސް 2004 ވަަނަ އަހަރު އެއްކުރައްވައި އާ ގާނޫނު އަސާސީއެއް ވުޖޫދުކުރުމުގެ މަސައްކަތް ފެށިިއެވެ. މިމަސައްކަތް ނިމި 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު، އޭގެ ކުރިން އަމަލު ކުރަމުންއައި "ނޫ" ގާނޫނު އަސާސީ އުވާލައި، ރާއްޖެ ޑިމޮކްރަސީގެ މަގަށް ހުޅުވާލަދިން "ފެހި" ގާނޫނު އަސާސީ ތަސްދީގު ކުރި އެވެ.

މި އާ ގާނޫނު އަސާސީން އެންމެ ގިނަ ބާރު ހައްދެއްނެތި، ފުޅާކަން ބޮޑުގޮތެއްގައި ލިބިދީފައި އޮތީ ޝައްކެތް ވެސް ނެތްގޮތުގައި ރައްޔިތުންގެ މަޖިލީހަށެވެ. އޭރު އެބާރުތައް ދެވުނީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށްވެފައި ގާނޫނުތަކަށް އިސްލާހު ގެނެސް، ގަވާއިދުތަކާއި ގާނޫނުތައް ފާސްކޮށް ރައްޔިތުންނާއި ގައުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި މަޖިލީހުގެ ދައުރު މުހިންމު ކަމުންނެވެ. މަޖިލީހުގެ މަށްޗައް އިސްކޮށްފައިވާ ޒިންމާ ބޮޑުކަމުންނެވެ. 

އޭރު އެބާރުތައް ދިން ސަބަބާ މެދު ވާހަކަަ ދައްކަވަމުން ގާނޫނު އަސާސީ ލިޔެވުނުއިރު އެކަމުގައި އިސްކޮށް އުޅުއްވި މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓަ ޖެނަރަލް އަހްމަދު މުއިއްޒު "ސީއެންއެމް"އަށް ވިދާޅުވީ، ގާނޫނު އަސާސީ ލިޔެވުނުއިރު ބޮޑަށް ފޯކަސް އޮތީ އެކެއްގެ އަތުގައި އޮތް ބާރުތަކެއް ހަނިކުރުމަށް ކަމަށެވެ. މަޖިލީހަށް ހައްދެއް ނެތް މިންވަރަށް ބާރުތައް ދެވިފައި އޮތީ އޭރު ވިސްނުނު ގޮތުން ރައްޔިތުން އައްޔަންކުރާ މެމްބަރުން "އިހްލާސްތެރިވާނެ ކަމަށް" އުންމީދު ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

your imageކުރީގެ ޕްރޮސިކިއުޓަ ޖެނަރަލް އަހްމަދު މުއިއްޒު---

ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އެކަމެއް އެމަގަކުން ނުހިނގި އެވެ. ރައްޔިތުންގެ ވޯޓުން މަޖިލީހަށް ވަޑައިގެން ޒިންމާ އަދާނުކުރައްވާ މަޖިލީހުގެ ޖަލްސާތައް ވެސް ކަޓުވާލައްވާ އަދި ވަޑައިގަންނަވައިފިނަ މަޖިލީހުގައި ހައިޖާން އުފައްދެވުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުން ނޫން ކަމެއް އެތަނަކުން ނުފެނެ އެވެ. މަޖިލީހުގައި ބަހެއް ބުނެ ބަހުސްކޮށް ބިލެއް ފާސްކޮށްފިނަމަ ފެންނަނީ އެއިރެއްގައި އެމީހަކު ހުރި ޕާޓީއަކަށް ފައިދާ ވާގޮތަށް އަމިއްލަ މަސްލަހަތުގައި ކަންތައްތައް ނިންމަވާ މަންޒަރެވެ. ނަމަވެސް މަހެއްގެ މައްޗައް އެންމެ 2000 ރުފިޔާ ލިބޭ ރައްޔިތު މީހާގެ ޖީބުން ވެސް މިބޭފުޅުންނަށް ހަރަދު ދޭންޖެހޭއިރު، ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާނުކުރައްވާ، އެއް ބަޔަކު މަޖިލީހުގެ ގޮނޑިކޮޅުން ވެސް ނުފެނި، އަނެއް ބަޔަކު އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން އެ ގޮނޑިކޮޅުގައި އިންނެވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަކެވެ.

މިހާރު މި "ފެހި" ގާނޫނު އަސާސީއަށް 13 އަހަރު މިވަނީ ފުރިފައެވެ. އެންމެން ވެސް ދަންނަ ހަގީގަތަކީ މިގާނޫނު އަސާސީ ލިޔެވުނު އިރު އެތަސައްވަރު ކުރެވުނު ގޮތަށް ކަންތައްތަކެއް ނުހިނގާ ކަމެވެ. އެކަން އެހެން ނުވަނީ ހައްދެއް ނެތް މިންވަރަށް ދެވުނު ބާރުތަކާ އެކު ވެސް ޖަވާބުދާރީ ކުރުވާނެ ގޮތެއް ނެތީތީ އެވެ. ގާނޫނު އަސާސީގައި އެގޮތެއް ބަޔާންކޮށްފައި ވެސް ނުވަނީ އެވެ.

މެމްބަރުން ޖަވާބުދާރީ ކުރާނީ ކިހިނެތް؟

"މެމްބަރުން ޖަވާބުދާރީކޮށް މަޖިލީސް ހަމަޔަކަށް އެޅުވާނެ ގޮތް" މިމައުލޫއަށް ސީއެންއެމް އާ ވާހަކަ ދެއްކެވި މިކަމުގެ ތަޖުރިބާކާރު ބޭފުޅުން، ފުރަތަމަ ވެސް ވިދާޅުވީ، "ތިކަމެއް ނުވާނެ" ކަމަށެވެ. އެކަން ކުރަން ބޭނުން ނަމަ ފުރަތަމަ ބަދަލު ކުރަން ޖެހެނީ ރައްޔިތުންގެ ވިސްނުން ކަމަށެވެ. މާނައަކީ ވޯޓުދޭއިރު ރައްޔިތުންގެ ހައްގު ފުރިހަަމަ ގޮތުގައި ހިފަންވީ އެވެ. ބަދަލު ނުގެންނަ މީހުން ދުރުކޮށް ބަދަލު ގެންނަ މީހުން އައްޔަން ކުރަންވީ އެވެ. ނަމަވެސް މީގެ އިތުރުން “ހިތްވަރެއް ހުރިއްޔާ”ކުރެވިދާނެ ނަމަވެސް އުނދަގޫ މަސައްކަތްތަކެއްގެ ވާހަކަވެސް ވިދާޅުވެ ދެއްވި އެވެ. 

އެއީ މިހާރު މިއޮތް ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް އޮތް އިމްތިޔާޒްތަކަށް އިސްލާހްގެނައުމެވެ.

މެމްބަރުންނަށް ދީފައިވާ ބާރުތައް ހަނިކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުން

ޖަވާބުދާރީ ކުރުވަން ބަލާއިރު އެންމެ ބޮޑު ހުރަހެއް އެޅެނީ ގާނޫނު އަސާސީގައި އެ މެމްބަރުންނަށް ހައްދެއް ނެތް މިންވަރަށް ދެވިފައިވާ ބާރުތަކެވެ. އެހެންކަމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން އޮތް ކަމަކީ މެމްބަރުންނަށް ދީފައިވާ ބާރުތައް ހަނިކޮށް ގާނޫނު އަސާސީއަށް އިސްލާހް ގެނައުމެވެ. ބޭނުން ކޮންމެ ކަމަކާއި ބެހޭގޮތުން ގާނޫނު ހެދުމާއި، އެއަށް ބަދަލު ގެނައުމާއި، ބާތިލު ކުރުމުގެ ބާރުވެރިކަން އޮތީ މިވެރިންގެ އަތުގައެވެ. 

ނުވިތާކަށް ވެރިކަން ހިންގާ ފަރާތް ޖަވާބުދާރީ ކުރުވުމުގެ ބާރުން ފެށިގެން، އެ މެމްބަރުންގެ މުސާރައަކީ ކޮބާތޯ ނިންމަވަނީ ވެސް އެބޭފުޅުންނެެވެ. ހުދު ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ވެސް އޮތީ ހަމަ މިއިއްޒަތްތެރި މެމްބަރުންގެ އަތުގައެވެ. މި ހުރިހާ ބާރެއް މަޖިލީހުގެ މެމްބަރުންގެ އަތްމަތީގައި އޮވެ ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތީތީ، މެމްބަރުން ގިނަ ފަހަރަށް ގޮތް ނިންމަވަނީ އެ މެމްބަރަކު ނިސްބަތްވާ ޕާޓީއެއްގެ މަސްލަހަތައް ވިސްނައިގެންނެވެ. 

your imageމަޖިލީހުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން---

މަޖިލިސް މެމްބަރުންނަކީ ހުވައަށް އިހުލާސްތެރިވުމަށްވުރެ ބޮޑަށް ޕާޓީން އެބުނާ އެއްޗަކަށް އިހުލާސްތެރިވުމަށް ބަލަނީ. ހުވައަށް ވުރެ ބޮޑަށް ޕާޓީގެ ވިޕްލައިނާ އެެެއްގޮތަށް ކަންކުރުމަށް ބޮޑަށް ވިސްނުން އޮންނަނީ. އަމިއްލަ ޒާތީ މަސްލަހަތު ހޯދުމަށް ބައްލަވަނީ- ކުރީގެ ޕީޖީ މުއިއްޒު

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެ މަތީ މަސްލަހަތަކީ އެމީހަކު ނިސްބަތްވާ ޕާޓީއެއް ނުވަތަ އެޕާޓީގެ ވިޕްލައިނެއް ނޫން ކަން ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަނީ ލިޔެ ބިންވަޅު ނަގާފަ އެވެ. އެ މެންބަރުންގެ އެެންމެ މަތީ މަސްލަހަތަކީ އެ މެމްބަރެެއްގެ ހުވަ އާއި، ރައްޔިތުންގެ މަސްލަހަތެވެ. އެކަން އެމަގުން ގެންދިޔުމަށާއި، މެމްބަރުންނަށް ދެވިފައިވާ ބާރުތައް ނަހަަމަގޮތުގަައި ހިފުން ހުއްްޓުވުމަށް ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި މެމްބަރުން މަސައްކަތުގައި ރިއާޔަތް ކުރަން ޖެހޭނެ ކަންކަން ތަފްސީލްކޮށް ބަޔާންކޮށްދީފައިވާ މާއްދާ އެއްވެސް އެބައޮތެވެ. 

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވި ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެއެވެ،" ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ވެއެވެ.

މިމާއްދާ މިހެން ހަމައެކަނި ލިޔެލާފައި އޮތުމަކުން ރާއްޖެ ފަދަ ގާނޫނުތަކާއި އުސޫލުތައް ބޮލާލާ ޖަހާ ބަޔަކު ދިރިއުޅޭ މުޖުތަމައުއަަކަށް ނުފުދެވެ. އޭގެ ހެއްކަކީ ގާނޫނު އަސާސީއަށް 13 އަހަރުވީ އިރު މިމާއްދާއަކީ އެފޮތުގައި ލިޔެވިފައިވާ ހަމައެކަނި "ދެލިގަނޑެއް"ގެ ގޮތުގައި އޮތުމެވެ. އެއަކަަށް އަމަލެެއް ނުކުރެ އެވެ. އަމަލު ނުކުރިކަމުގައި ވީނަމަވެސް ޖަވާބުދާރީ ކުރުވޭނެ ގޮތެއްވެސް ނެތެވެ.

އެހެންކަމުން މި މާއްދާއާއި ހިލާފުވާ ނަމަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްލާފައި އޮތުން ބުއްދިވެރިކަމަށް އޭރުގެ ގާނޫނު އަސާސީ ލިޔުނު ބޭފުޅުން ވެސް މިހާރު އިއްތިފާގުވެވަޑައިގަންނަވަ އެެވެ. ނަމަވެސް އެކަން ދެން ކުރެވެން އޮތީ މި ގާނޫނު އަސާސީގެ މިމާއްދާއަށް މެމްބަރުން ޖަވާބުދާރީ ކުރުމުގެ އަކުރެއް އިތުރުކޮށް އެމާއްދާ އިސްލާހްކޮށްގެންނެވެ. އަދި އެކަން ކުރާއިރު ހުވަޔާއި ހިލާފުވާ މެމްބަރުން ދުރުކުރެވޭނެ ގޮތްތަކެއް އިސްލާހުގައި ހިމެނުން ވެސް މުހިންމެވެ. އެ ގޮތުން ހިމެނިދާނެ ކަންކަމުގެ ގޮތުގައި މިދާއިރާގެ އިލްމުހުރި ބޭފުޅުން އިއްތިފާގުވާ ދެތިންކަމެއް ތަފްސީލްކޮށް މި ލިޔުމުަގައި ހިމަނާލަމެވެ.

  • ރިކޯލް ވޯޓެއް ނެނގުން

މެމްބަރުން ޖަވާބުދާރީ ކުރުވުމަށް އެންމެ ފަސޭހަ ގޮތަކީ ޒިންމާ އަދާނުކުރައްވާ މެމްބަރުން މަގާމުން ވަކިކުރެވޭނެ ގޮތަށް ރައްޔިތުންގެ އަތުގައި ބާރެއް އޮތުމެވެ. އޭގެ އެންމެ ފަސޭހަ މަގަކީ ރިކޯލް ވޯޓެއް ނެގުމެވެ. ނަމަވެސް މިކަމަށް ވެސް މިހާރު މިއޮތް ގާނޫނު އަސާސީން ތަނެއް ނުދެ އެވެ.

"އޭރު ވިސްނިފައެއް ނެތް މަޖިލިސް މެމްބަރުން ޒިންމާދާރު ނުވެގެން ވަކިކުރަންޖެހޭ ހާލަތަކަށް ހިނގާދާނެ ކަމަކަށް. ފަނޑިޔާރުން ވެސް، ރައީސުލްޖުމްހޫރިއްޔާ ވެސް މަގާމުން ވަކިކުރެވޭގޮތް އެބައޮތް. އެކަމަކު އެހިސާބަަކަށް އަޅުގަނޑުމެންގެ ވިސްނުން ގޮސްފައެއްނެތް މަޖިލީސް މަގުން ކަސިޔާރުވެގެން ހައްދުން ނައްޓައިގެން ވަކިކުރަންޖެހޭ ހިސާބަށް ގޮސްދާނެ ކަމަކަށް،" ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގައި ވެސް ހިމެނިވަޑައިގެންނެވި މުއިއްޒު ސީއެންއެމް އަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ހިސާބަށް އޭރު ނުވިސްނިއޮތީ އޭރު ކަންކަން ހުރި ގޮތުން ކަމަށެވެ. ނަމަވެސް މިހާރު އޭރުވިސްނުން ހިންގި ގޮތަށް ކަންކަން ނުހިނގާތީ ގާނޫނު އަސާސީން އެކަމަށް ވެސް އިސްލާހް ގެންނަންޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ރައްޔިތުންނަށް ވާ ވައުދު ނުފުއްދާ މެމްބަރުން ހަމައެކަނި ގޮޑި ހޫނުކުރަން ތިބޭނަމަ ޖަވާބުދާރީ ކުރުވަން ރިކޯލް ވޯޓެއް ނެގޭނެ ގޮތެއް އޮންނަންޖެހޭކަމަށް މިމައުލޫއަށް ވާހަކަދެއްކި ބޭފުޅުން ވެސް ގަބޫލުކުރެ އެވެ. 

  •  މަޖިލީހުގެ އުމުރު ކުރުކޮށް، މިޑް ޓާމް އިލެކްޝަނެއް ބޭއްވުން

މެމްބަރުން ޖަވާބުދާރީކޮށް މަޖިލީސް ހަމަޔަކަށް އެޅުވާނެ ގޮތަކާއިމެދު "ސީއެންއެމް" އާ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު، ވިދާޅުވާގޮތުން މެމްބަރުން ޖަވާބުދާރީ ކުރުވުމަށް އެންމެ ފަސޭހަ ގޮތަކީ ރިކޯލުވޯޓެއް ނަމަވެސް ރިކޯލް ވޯޓު ނެގުމަކީ ވަރަށް ބޮޑު ހަރަދެކެވެ. ރިކޯލް ވޯޓެއް ނަގައިގެން މެމްބަރަކު ވަކިކޮށްފިނަމަ ހަމަ އެ ގޮޑިއަށް އެހެން މެމްބަރަކު ގެންނަން ވަކި އިންތިހާބެއް ބާއްވަންޖެހޭތީ އެއީ ހަރަދުބޮޑު އުނދަގޫ ކަމެެެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. 

your imageރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު ސީއެންއެމް އާއި ވާހަކަަދައްކަވަނީ-----ފޮޓޯ:ސީއެންއެމް

މިކަން މިހެންވަނީ މަޖިލީހުގެ އުމުރަކީ ފަސް އަހަރު ކަމަށް ވުމުންނެވެ. ހަގީގަތުގައި މަޖިލީހުގެ އުމުރު މާ ދިގީއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ، މަޖިލިސް އިންތިހާބު ކުރުމަށް ފަހު، ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ އެވެ. އޭގެ ކުރިން އިންތިހާބަކުން މެމްބަރުން ހޮވާ އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަ އެވެ. މިކަން ކުރަނީ މަޖިލީހުގެ އުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ނުވަތަ އެއިން މެންބަރެއްގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެހީތެރިވެދޭ އެއްވެސް މުވައްޒަފަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެއިން މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު ފައިދާއެއް ނުވަތަ ނާޖާއިޒު މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ،" ކަމަށް ސާފު ބަހުން ގާނޫނު އަސާސީގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ކަން ހިނގަނީ އެމަގަކުން ނޫނެވެ. މިއީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ނަމަވެސް ދެން އެގޮތަށް ކަންތައް ނުކުރީމައި ވަނީ ކީއްހެއްޔެވެ؟ ފިޔަވަޅެއް އެޅޭނެ ޖަވާބުދާރީ ކުރުވޭނެ މަގެއް އެއްވެސް ގާނޫނަކުން ބަޔާންކޮށްދީފައި އޮތީ ކީ ނޫނެވެ. ފަސް އަހަރު ވަންދެން އެމެމްބަރަކު ބޭނުން ގޮތަކަށް ބޮޑު މުސާރަ ލިބިގެން ބޭނުން ގޮތަކަށް އުޅެވޭނެ މަގު މިހާރު މިއޮތް ގާނޫނު އަސާސީން އޮތީ ފަހިވެ އެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަސަލަކާ ހިލާފު ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ." ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ވެއެވެ.

މަޖިލީހުގެ މެމްބަރުން ވަޒީފާގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާ އެކު އެކަން އެމަގުން ހިގައިފިނަމަ ޖަަވާބުދާރީ ކުރަން އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް މިހާރު އޮތް ގާނޫނު އަސާސީގައި ނެތެވެ. އޭގެ ބަދަލުގައި އޮތީ އެމަގުން އެކަން ކުރަން ހުރަސް އެޅޭނެ މާއްދާ އެވެ. 

މިހެން މިކަން ކުރީ މެމްބަރުން އިހްލާސްތެރިވާނެކަމަށް ވިސްނިގެން ކަމަށް އޭރުގެ ގާނޫނު އަސާސީ އިސްލާހް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އެކަން އުންމީދުކުރި މަގުން ނުހިނގާތީ ދެން އެއްގޮތަކީ އަނެއްކާވެސް މިމާއްދާއަށް އަކުރެއް އިތުރު ކުރުން ކަމަށް އެބޭފުޅުން ދެކެވެ.

"ދެން އޮތް ގޮތަކީ އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސް މާއްދާއެއް އިތުރު ކުރުން. އެގޮތުން މަޖިލީހުގެ އުމުރު ކުރުކޮށް މިޑް ޓާމް އިލެކްޝަނެއްގެ އޮޕްޝަން ހިމެނިދާނެ. އޭރުން ޒިންމާ އަދާ ނުކުރައްވާ ބޭފުޅުން ބޭރު ކުރެވޭނެ ނޫންތޯ ރައްޔިތުންނަށް. އެ އޮޕްޝަން ވެސް ހިމެނިދާނެ."
  • މެމްބަރުންގެ އަދަދު މަދުކުރުން

ދެން އޮތް ބިރަކީ މެދު ތެރެއިން އިންތިހާބެއް ބޭއްވިޔަސް ރައްޔިތުން ގަނެލެވޭ ފަދަ ނިޒާމެއް ރާއްޖޭގައި އޮތުމެވެ. އެކަން އެހެން ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ގިނަ ކަމުންނެވެ. 

ގާނޫނު އަސާސީގައި ވާގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެންޖެހެ އެވެ. އަދި އާބާދީ 5000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހުންނަންޖެހެ އެވެ. މިގޮތަށް އޮތުމުން ކޮންމެ ފަސް އަހަރަކުން މަޖިލީހަށް އިތުރު މެމްބަރުން އިތުރު ވެއެވެ.

ނަތީޖާއެއްގެ ގޮތުން ބައެއް ދާއިރާތަކުގައި ގޮޑިއަށް އިންތިހާބުވާން އެންމެ 700 ވޯޓު ވެސް ބޭނުން ނުވެއެވެ. މިހާރު މިއޮތް ގޮތުން މަޖިލިސް މިހާރު ތަރުތީބު ކުރެވިފައިވަނީ މަހްޖަނުންނަށް ފަސޭހައިން މަޖިލީހުގެ ތެރެއަށް ދެމިގަނެވޭ ގޮތަށް ކަމަށާއި އަދަދު މަދުކޮށްފިނަމަ ރައްޔިތު މީހާގެ ވޯޓު ހޯދަން ކުރަންޖެހޭ މަސައްކަތް ދެގުނަ ބޮޑުވެ، މަޖިލީހުގެ ޒިންމާ އަދާކުރައްވާ މެމްބަރުން ގިނަވާނެ ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ބުނާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭ(ލޮކް ސަބާ) ގައި ވެސް ތިބެނީ 543 އަދި މަތިގެ ގައި ތިބެނީ 250 މެމްބަރުންނެވެ. މި ދައްކަނީ 1.36 ބިލިއަން މީހުން ނުވަތަ 2،720 ގުނަ ބޮޑު އާބާދީއެއް އޮންނަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރާ މެމްބަރުންގެ އަދަދުގެ ވާހަކަ އެވެ.

your imageއިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭ(ލޮކް ސަބާ)

ތަރައްގީގެ މިސާލު ނަގަން އޮންނަ ސިންގަޕޫރަށް ބަލާއިރުވެސް ހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގެ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ 104 މެމްބަރުންނެވެ. އެއީ މުންސަނދި ގައުމެކެވެ. ނަމަވެސް ސިންގަޕޫރާއި ރާއްޖެއާ އަޅާ ކިޔޭނެ ހެއްޔެވެ؟ ސިންގްޕޫރަކީ ދުނިޔެ ގަބޫލުކުރާ އަދުލު އިންސާފު ގާއިމްކުރާ ކޯޓްތަކާއި ދުނިޔޭގެ ނިސްބަތުން ވެސް ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

your imageސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލިސް--

މިހެން މިކަން އޮތް އިރު ފަސް ލައްކަ މީހުން ކިރިޔާ ހަމަވާ މި ކުޑަކުޑަ ރާއްޖޭގައި ކޮންމެ 5000 މީހަކަށް ބޮޑު މުސާރައެއް ދީފައި މެމްބަރަކު ބެހެއްޓުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ވަރު ކަމެއް ނޫނެވެ. 

"ދެން ވާހަކަ ދައްކަން މިޖެހެނީ މުޅިން އެހެން މޮޑެލްއަކަަށް އެތަނެއްގެ މޮޑެލް އޮންނަން ޖެހޭނީ އެތަނަކަށް ފެތޭގޮތަށް. މަޖިލީހުގައި މެމްބަރުންނަށް ހަވާލުކުރި މެންޑޭޓް އަދާނުކުރާ ނަމަ ޖަވާބުދާރީ ކުރެވޭނެ ގޮތެއް އޮންނަންޖެހޭނެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ތިބީ ވެސް މެމްބަރުން. އެބޭފުޅުން ހަދާނެތޯ އެބޭފުޅުން ގައިދޮށުވާނެ ގަވާއިދެއް. ދެން އޮތް ގޮތަކީ ދެން އަންނަ ރައީސަކު ލައްވާ މަޖިލީސް ރިޕޯމްކުރަން ވައުދުކުރުވުން،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

your imageރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި އޭރުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އަދި މިހާރުގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މޭޒުމަައްޗަށް ކޮޅަށް އަރައިގެން----

ތެދެކެވެ. އެހެން މޮޑަލަކަށް މިހާރު ވާހަކަ ދައްކަން ވެއްޖެ އެވެ. ރާއްޖެ ފަދަ އުސޫލުތައް ބޮލާލާ ޖަހާ މީހުން އުޅޭ ގައުމަކަށް ފިޔަވަޅު އެޅޭނެގޮތެެއް ނެތި މިހާ ބޮޑެތި ބާރުތަކެއް ދީފައިވާ ގާނޫނު އަސާސީއެއް އޮތުމަކީ ކުޑަކުއްޖެއް އަތަށް މެޓައެއް ދީފައި އެ ނުކާށޭ ބުނުން ކަހަލަކަމެކެވެ. ގާނޫނު އަސާސީގައި މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަަކުގެ ބޭނުން ނަހަމަގޮތުގައި ހިފާ، ރައްޔިތުންނަށް ގެއްލުން ވާނެ ގޮތަކަށް އޮންނަ އުސޫލެއް އޮވެގެންނުވާނެވެ. އޭރު ގާނޫނު އަސާސީ އިސްލާހްކުރީ "ހުދު މުހުތާރު ވެރިއެއް"ގެ ބާރުތައް ކަނޑުވާލުމަށް ކަމަށްވާ ނަމަ "ހުދު މުހުތާރު މަޖިލީހު"ގެ ބާރުތައް ވެސް ކަނޑުވާލުމުގެ ވަގުތު އައިސްފިއެވެ. އެމެމްބަރުން ހުވަޔާއި ހިލާފުވެއްޖެއެެވެ. ބާރުތައް ނަހަމަގޮތުގައި ހިފަނީ އެވެ. 

ގާނޫނު އަސާސީ އިސްލާ ހުކުރަން އޭރު ފެށީ އެކެއްގެ އަތުގައި ގިނަ ބާރުތަކެެއް ނުބާއްވަން ނަމަވެސް ގާނޫނު އަސާސީ ލިޔެވެފައި މިއޮތީ އެކެއްގެ އަތަށް ބާރުތައް ލިބޭގޮތަށެވެ. ގާނޫނު އަސާސީ ލިޔެވުނު މަގުސަދު މިއަދު މިއޮތީ ގެއްލިފަ އެވެ. މަޖިލީހަށް ކުރެވުނު މާ ބޮޑު އިތުބާރަކުން ކަރުބުޑުގައި މިއަދު މިއުޅެނީ ހިތި ރަހަ ލާތީ އެވެ. ދެން އެ ހިތި ފިލުވާން ވެސް މަސައްކަތް ކުރަން އެބަޖެހޭ ނޫން ހެއްޔެވެ؟ އެބަޔަކު ކެހި ކަނޑުލުގެ ހިތި ފިލުވަން ވާނީ ހަމަ އެބަޔެކެވެ. އެހެން ނޫން ނަމަ ދިގު ދެމިގެންދާ ބޮޑު ގެއްލުމަކުން ގެއްލުންވެ މަޖިލިސް މެމްބަރުންގެ ސަބަބުން މުޅި ގައުމު ފަސާދަވެދާނެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް