ads
ބ.އޭދަފުށީ މަދްރަސަތުލް ބަހިއްޔާގެ މުދައްރިސުން. އިށީނދެގެން(ކަނާތުން ވާތަށް) އިބްރާހީމް މުހައްމަދު, އަލީ އިބްރާހީމް މަނިކު (ކެލާ އަލިމަނިކު), މުހައްމަދު އިބްރާހިމް ލުތުފީ, ރ.މީދޫ އިބްރާހީމް ހުސައިންފުޅު. ކޮޅަށް(ކަނާތުން ވާތަށް) އަބްދުއްސައްތާރު އަލީ, ތުއްތު މަނިކު (ތުއްތޭ), ދޭލިޔާ ކަތީބު, އަބްދުއްރައްޒާގު މުހައްމަދު, ފޮޓޯ ކްރެޑިޓް: މުހައްމަދު އިބްރާހީމް ލުތުފީ
ފުރަތަމަ ބައި: ލުތުފީ: "ފަސްމީރު ކުރިރުކެއް"
''އޭނާއަކީ އެތައް ތޮފިތަކެއް އަޅާ މީހެކެވެ.'' ބުނެވޭ އިނގިރޭސި މުހާވިރާ, އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީގެ ހަޔާތްޕުޅުން ވަރަށް ރަނގަޅަށް ތަމްސީލުވާކަމަށް ތާރީހީ އިލްމުވެރިޔާ ނަސީމާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.
Advertisement

ތެދުފުޅެކެވެ. 21 ޑިސެމްބަރު 1921 ވަނަ އަހަރުގައި އޭނާގެ މަންމަގެ ގެކަމަށްވާ ސ.ހިތަދޫ ''ފަޅަގަޑި ގޭ'' ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ލުތުފީއަކީ މުއައްރިހެކެވެ. މުހަންދިސެކެވެ. މުދައްރިސެކެވެ. މުރުޝިދެކެވެ. ޖޯގްރަފަރެކެވެ. ނަކަތްތެރިއެކެވެ. ބޭސްވެރިއެކެވެ. ދަނޑުވެރިއެކެވެ. ކެއްކުމުގެ ހުނަރުތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އުމުރުފުޅުގެ ފަހުކޮޅަށް ދަންދެން ހަގީގީ ސައިންޓިސްޓެއްގެ ގޮތްކޮޅުތައް ގެންގުޅުއްވި ބޭފުޅެކެވެ. 

އިސްވެ މި ދެންނެވި ކަންކަމުގެ ހެކިތައް ތިޔަ ބޭފުޅުންނަށް އެރުވުމަށްޓަކައި, ކީބޯޑުގެ ފިތްތަކަށް އޮބައިލާނީ ކޮން ކޮޅަކުން ކޮން އަކުރަކުން ބާއޭ ހިތަށް އަރައެވެ. އެ މަނިކުފާނުގެ ހިދުމަތުގެ ބުރަދަން ބޮޑުކަމުން އިނގޭތޯއެވެ.

ލުތުފީގެ މަންމައަކީ ހިތަދޫ އެޅަދީދީގޭ ފާތިމާދީދީއެވެ. ލުތުފީގެ ބައްޕައަކީ ސ.ހުޅުދޫ ވާރުގޭ ފަޟީލަތުއްޝައިޚް އިބްރާހިމް ލުތުފީ އަލްއަޒްހަރީ (އައްޑޫ ތުއްތުދީދީ) އެވެ.

ލުތުފީގެ އުމުރުފުޅުން ފަސް އަހަރުގައި އޭނާގެ މަންމަ އަވަހާރަވެއްޖެއެވެ. އޭރު ލުތުފީގެ ބައްޕަ ހުންނެވީ މިސުރުގެ ޖާމިއުލްއަޒުހަރުގައި ކިޔަވައި ވިދާޅުވުމަށެވެ. 

ލުތުފީގެ މަންމަ އަވަހާރަވުމުން އެޅަދީދީގެ އަލިދީދީ (ލުތުފީގެ މަންމައާއި އެއްބައްޕާ ވަކި ބަނޑު ބޭބެ) ގެ ''ފިނިފެންމާގެ'' އަށް ލުތުފީ ގެންދަވައި އެ ގޭގައި ބެހެއްޓެވިއެވެ. ލުތުފީ ވިދާޅުވެފައިވާ ގޮތުގައި އެ ދުވަސްވަރު އޭނާއަށް އަކުރު އުނގަންނައިދެއްވީ މަޝްހޫރު ހުސައިން ރަހާއެވެ. އެއީ ހުސައިން ރަހާ މިސްރަށް ވަޑައިގަތުމުގެ ކުރީގައެވެ.

މިސުރުގައި ކިޔަވައި ވިދާޅުވާން ހުންނެވި ޝައިހް އިބްރާހިމް ރުޝްދީ އެނބުރި މާލެ ވަޑައިގަތްއިރު, ލުތުފީ މާލެ ގެންނަަވައި މިސުރަށް ފޮނުއްވައި ދެއްވުމަށް ލުތުފީގެ ބައްޕަ އޮތީ ޝައިހުގެ އަރިހުގައި ދަންނަވައިފައެވެ. އެ ގޮތުން ލުތުފީ މާލެ ފޮނުއްވުމަށް އެޅަދީދީގެ އަހްމަދުދީދީ (ލުތުފީގެ މަންމަ ފަރާތު ބޮޑުބޭބެ) އަށް ޝައިހް އެންގެވިއެވެ. އަހްމަދުދީދީ ލުތުފީ ގޮވައިގެން މާލެ ވަޑައިގަތީ 1926 ވަނަ އަހަރުގެ ފަހުކޮޅުގައި ނުވަތަ 1927 ގެ ކުރީކޮޅުގެ ދުވަހެއްގައިކަމަށް ވެއެވެ. އޭރު ލުތުފީއަށް ހަތް އަހަރެވެ.

އަހްމަދުދީދީ ލުތުފީ ގޮވައިގެން ޝައިހް ރުޝްދީގެ އަރިހަށް މ.ފާމުދޭރިގެ (ފަހުން ފެންފިޔާޒުގެ) އަށް ވަޑައިގަތެވެ. އެ ގޮތުން ލަސްތަކެއްނުވެ ލުތުފީ ގޮވައިގެން ޝައިހް ވަޑައިގަތީ ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީނުގެ އަރިހަށް މާފަންނު ބަގީޗާ ގެއަށެވެ. ހަމަ އެ އަހަރު (1927 ވަނަ އަހަރު) ސަލާހުއްދީނު އެ މަނިކުފާނުގެ އާއިލާ ގޮވައިގެން ހައްޖަށް ފުރާވަޑައިގަތުމާއި ހަމައަށް ލުތުފީ ހުންނެވީ އެ ގޭގައެވެ. ނަމަވެސް ސަލާހުއްދީން ފުރާވަޑައިގަތުމުގެ އެއް ދުވަސްކުރިން ހެންވޭރު އެސްޖެހިގެއަށް ލުތުފީ ބަދަލުކުރެއްވިއެވެ. 1930 ގައި (އޭޕްރީލް 18 އިގެ ފަހުން ނުވަތަ މެއިމަހުގައި) މިސްރަށް ވަޑައިގަތުމާއި ހަމައަށް ލުތުފީ ހުންނެވީ އެ ގޭގައެވެ.

އެގާރަ ދުވަހަށްފަހު މިސްރުގެ ސުވޭހަށް:

ލުތުފީ މާލެއިން ކޮލަމްބޯއަށް ވަޑައިގަތީ ގިރާވަރު ފިހާރައިގެ ބޯޓެއްގައެވެ. ކޮލަމްބޯއިން މިސުރަށް ވަޑައިގަތީ ފަރަންސޭސި މޭލު ބޯޓެއްގައެވެ. މިސްރުގެ ސުވޭހަށް ދެވުނީ 11 ރޭ 11 ދުވާލުންނެވެ.

ލުތުފީ މިސްރުގައި ފުރަަތަމަ ހުންނެވީ އޭނާގެ ބައްޕަގެ އަރިހުގައެވެ. މިސްރަށް ވަޑައިގެން ފުރަތަމަ އުޅުއްވީ މަދްރަސާ މުހައްމަދު އަލީ އަލްޚައިރިއްޔާ ކިޔާ އިބްތިދާއީ (ޕްރައިމަރީ)ސުކޫލެއްގައެވެ. ފަހުން ބަދަލުވެވަޑައިގަތީ މަދްރަސަތުއް ނައްހާސީން ކިޔާ އިބްތިދާއީ(ޕްރައިމްރީ)ސުކޫލަކަށެވެ. ލުތުފީ އިބްތިދާއީ ތައުުލީމު ނިންމެވީ އެ ސުކޫލުންނެވެ. އިބްތިދާއީ ފާސް ނެންގެވީ 1936 ވަނަ އަހަރުގައެވެ. 

އެއަށްފަހު ލުތުފީ ވަޑައިގަތީ މަދްރަސާ ފުއާދުލް އައްވަލް އައްޘާނަވިއްޔާ ކިޔާ ސެކަންޑަރީ ސްކޫލަކަށެވެ. އެ ސުކޫލަށް ވަޑައިގަތީ އެންމެ ހަ ދުވަހުއެވެ. ދެން ވެދެވަޑައިގަތީ މަދްރަސަތުލް އަޙްރާމް އައްޘާނަވިއްޔާ ކިޔާ ހައި ސުކޫލަކަށެވެ. އެ ސުކޫލުން ސެކަންޑަރީ ނެންގެވުމަށްފަހު ހަޔަރ ސެކަންޑަރީ ސެޓްފިކެޓު ކަމަށްވާ ބަކާލޫރިއާ (ބެކްލޮރީޓް) ގެ ސައިންސް ބައިގައި ދެވަނަ އަަހަރު އުޅުއްވާފައި ތައުލީމު ފުރިހަމަ ނުކުރައްވާ އެނބުރި މާލެ ވަޑައިގަތީއެވެ. ބަކާލޫރިއާ އަކީ ދެ އަހަރު ދުވަހުގެ ކިޔެވުމެވެ. ކޮލެޖަށް ނުވަތަ ޔުނިވަރސިޓީއަށް ވަދެވޭނީ ބަކާލޫރިއާ ނިންމައިގެންނެވެ.

ލުތުފީ މިސްރުގައި ކިޔަވާ ވިދާޅުވި ދުވަސްވަރު ކިޔަވާ ވިދާޅުވުމަށްޓަކައި މިސްރުގައި ގިނަ އަދަދެއްގެ ދިވެހިން ތިއްބެވިއެވެ. އޭގެތެރޭގައި ނައިފަރު އަބްދުﷲ ފަހުމީދީދީއާއި, ނައިފަރު ތަންހަޅި މުހައްމަދު ވަހީދާއި, ފިޔޯރީ އަލީ ހުސައިން ދީދީއާއި, ސ.ހިތަދޫ ހުސައިން ރަހާއާއި, މުހައްމަދު ޖަމީލްދީދީއާއި, ކުނޑި އިބްރާހިމް ސަލީމާއި, އުމަރު އީސާ އާއި, ފާތުމަތު އިބްރާހިމް ދީދީީ (އޯކިޑްމާގޭ ތުއްތުގޮމާ) އާއި, ޝައިހު ހާޖީ އަބްދުއްރަހްމާން ހިމެނެއެވެ.

your imageފޮޓޯގެ މިލްކުވެރި ފަރާތެއް ނޭނގޭ.

[މަތީގައިވާ ފޮޓޯއާބެހޭ: 1930 ގައި މިސްރުގައި ކިޔަވާ ވިދާޅުވާން ތިއްބެވި ދަރިވަރުން. ފުރަތަމަ ބަރި (އިށީނދެގެން ކަނާތުން ވާތަށް) : މުހައްމަދު އިބްރާހިމް ލުތުފީ, އުމަރު އީސާ. ދެވަނަ ބަރި (އިށީނދެގެން ކަނާތުން ވާތަށް) : ޝައިހް އިބްރާހިމް ލުތުފީ (މުހައްމަދު އިބްރާހިމް ލުތުފީގެ ބައްޕަ) , އިންޑޮނޭޝިއާގެ ޖާވާގެ ޝައިހް އަބްދުލްމަންނާން, ނައިފަރު ތަންހަޅި މުހައްމަދު ވަހީދު. ތިންވަނަ ބަރި (ކަނާތުން ވާތަށް): ޝައިހް އަލީ ހުސައިންދީދީ (ފިޔޯރީ އަލިދީދީ) , ޝައިހް ހުސައިން ރަހާ, މުހައްމަދު ޖަމީލްދީދީ. މަތީގައިވާ މައުލޫމާތަކީ ތާރީހީ އިލްމުވެރިޔާ އަލްއުސްތާޒު އަލްމަރުހޫމް މުހައްމަދު ވަހީދު ނަދުވީއާއި ހަވާލާދެއްވައި, ނާޖިހްދީދީ (ތާރީހު ދިރާސާ ކުރައްވަމުން ގެންދަވާ ބޭފުޅެއް)  ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ހިއްސާކުރައްވާފައިވާ މައުލޫމާތު ތަކެކެވެ.]

''ލުތުފީގެ ސްކޫލު ދައުރަކީ ވަރަށް ކާމިޔާބު ދުވަސްވަރެއް. އޭނާ އުޅުއްވީ މިސުރުގެ ފުއާދު ދަ ފަސްޓު ހައި ސްކޫލާއި އަލްއަހްރާމް ހައި ސްކޫލުގައި. ފާހަގަކޮށްލެވޭ ގޮތުގައި ސްކޫލުގެ ބޯއީޒް ސްކައުުޓުގެތެރޭގައި އުޅުއްވާ ގިނަ ބެޖުތައް ހާސިލު ކުރެއްވި. އަދި ގްރޫޕު ލީޑަރަކަށް ވެސް އޭނާ ހުންނެވި. ތައުލީމީ ދައުުރުގައި ހައެއްކަ އަހަރު ހޭދަކުރެއްވި.'' ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ މުޝީރަކަށް މީގެ ކުރިން ހުންނެވި ނަސީމާ މުހައްމަދު (2001) ވިދާޅުވެފައިވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ އަސަރު ލުތުފީއާއި ހަމައަށް:

މިސްރުގައި ކިޔަވައި ވިދާޅުވާން ތިއްބެވި ދިވެހިން އެނބުރި މާލެ ވަޑައިގަތީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތާ ދުވަސްކޮޅެއް ފަހުންނެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ 1939 ވަނަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުގައެވެ. ލުތުފީ އެނބުރި މާލެ ވަޑައިގަތީ 1941 ވަނަ އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހުގައެވެ.

މާލެ ވަަޑައިގެން ހުންނެވީ މަލިން މުސާ މާފަތްކަލޭފާނުގެ އަރިހުގައި މއ.ހުވަނދުމާގޭގައެވެ. ނަމަވެސް ގިނަ ވަގުތު ހޭދަކުރެއްވީ ބަގީޗާގޭގައެވެ. ސަބަބަކީ އޭނާގެ ބައްޕަ އޭރު ހުންނެވީ ބަގީޗާގޭގައި ކަމަށްވުމެެވެ.

މާލެ ވަޑައިގެން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގާނޫނީ ވަކީލުކަމުގެ އިމްތިހާނުގައި ލުތުފީ ބައިވެރިވެވަޑައިގަތެވެ. 20 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ އިމްތިހާނު އޮތީ 09 ޖޫން 1951 ގައެވެ. ލުތުފީއަކީ އެ އިމްތިހާނުން ފާސްވެވަޑައިގަތް ހަ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. 

your imageރާއްޖޭގެ ފުރަތަމަ ގާނޫނީ ވަކީލުން. ފޮޓޯ: ނެޝަނަލް އާކައިވްސް

ހަތް ސަނަދެއް:

ވުޒާރަތުލް މަޢާރިފު ނުވަތަ ތައުލީމާބެހޭ ވުޒާރާއިިން ލުތުފީއަށް ހަތް ސަނަދެއް ދެއްވިއެވެ.

1.މަދަރުސާއެއްގައި އިިނގިރޭސި ބަސް ކިޔަވައިދިނުމުގެ ސަނަދު.

2.މަދަރުސާއެއްގައި އަރަބި ކިޔަވައިދިނުމުގެ ސަނަދު.

3.މަދަރުސާއެއްގައި ދިވެހި ކިޔަވައިދިނުމުގެ ސަނަދު.

4.މަދަރުސާއެއްގައި ޖޯގްރަފީ ކިޔަވައިދިނުމުގެ ސަނަދު.

5.މަދަރުސާއެއްގައި އާންމު މައުލޫމާތު ކިޔަވައިދިނުމުގެ ސަނަދު.

6.މަދަރުސާއެއްގައި ދުނިޔޭގެ ތާރީހު ކިޔަވައިދިނުމުގެ ސަނަދު.

7.މަދަރުސާއެއްގައި ހިސާބު ކިޔަވައިދިނުމުގެ ސަނަދު.

މީގެތެރެއިން ފުރަތަމަ ހަ ސަނަދު ދެއްވީ 1967 ވަނަ އަހަރުގެ އޭޕްރީލް 20 ގައެވެ. ހިސާބު ކިޔަވައިދިނުމުގެ ސަނަދު ދެއްވީ އޭޕްރީލް 22 ގައެވެ.

ލުތުފީ އަދާކުރެއްވި ވަޒީފާތަކާއި, ވަޒީފާތައް ލިބިވަޑައިގެންނެވި ތާރީޚް:

1.ސ.ގަމުގައި ހުރި އިނގިރޭސި ސިފައިންގެ ހެޑްކުއާޓަރުގެ ތަރުޖަމާނެއްގެ ވަޒީފާ: 01 އޮކްޓޫބަރު 1941.

2.ބަނޑޭރިގޭގެ (މަހްކަމަތުއް މާލިއްޔާ) ކާތިބުކަން: 01 އޭޕްރީލް 1944.

3.ބަންޑާރަނައިބުގެ އޮފީހުގެ މުއާވިން: 22 އޮގަސްޓު 1950.

4.ރައްޔިތުން މަޖިލީހުގެ ހުވަދު އަތޮޅު (ގ.އަތޮޅު) މެންބަރު: 21 އޭޕްރީލް 1951.

4.ވުޒާރަތުއްދާޚިލިއްޔާގެ ފުވައްމުލަކު ރަށްވެރިޔާ: 20 ނޮވެމްބަރުު 1951 އިން 20 ސެޕްޓެމްބަރު 1953 އަށް. އެ މަގާމުގައި ހުންނެވިއިރު އެ ރަށުގެ މަގުތައް ސީދާ ކުރައްވައިި މަގުތައް ހައްދަވައި މަގުމަގަށް ނަންދެއްވި. މަސް ބާނައި ސަމުގާ ބޭނުން ކުރައްވައިގެން އެ އަތޮޅުގެ ޗާޓު ކުރެއްސެވި. އަތޮޅު އޮފީހުގެ ދެކުނު ފެންޑާގައި ހާއްސަ ކުލާހެއް ހިންގެވި. އެ ކުލާހުގައި ދިވެހި, ހިސާބު, ތާރީހު ކިޔަވައިދެއްވި.

5.ވުޒާރަތުލްމަޢާރިފްގެ އިންސްޕެކްޓަރު: 17 ޑިސެމްބަރު 1957.

6.މަހްކަމަތުލް ޚާރިިޖިއްޔާގެ އައްޑޫ ގަމުގެ ލޭޒަން އޮފިސަރުގެ ނާއިބު: 30 މާޗު 1958.

7.މަހްކަމަތުލް ޚާރިިޖިއްޔާގެ އައްޑޫ ގަމުގެ ލޭޒަން އޮފިސަރު: 08 މެއި 1958.

8.ވުޒާރަތުއްދާޚިލިއްޔާގެ ކ.ކ.އ ( ކޮޔަރ އެންޑް ކައުރީ އެޑްވައިޒަރީ) ބޯޑުގެ ށ.އަތޮޅު މެންބަރު: 15 ސެޕްޓެމްބަރު  1960.

9.ގައުމީ ހޮޓަލުގެ މެނޭޖަރުކަން: މި ވަޒީފާގައި އުޅުއްވީ 1960 ހާތާނގައި

10.ވުޒާރަތުލްމާލިއްޔާގެ ހާއްސަ ވަކީލު.

11.މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒްގެ ހާއްސަ ވަކީލު: 13 ނޮވެމްބަރު 1968.

12.މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒްގެ ވަކީލު: 21 ނޮވެމްބަރު 1968.

13.ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވާކްސް ޑިޕާޓްމަންޓުގެ ވެރިޔާ: 02 ސެޕްޓެމްބަރު 1970.

14.މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވަކީލު: 31 މާޗު 1974.

15.އެޓޮލްސް ޑިވިޜަންގެ ބ.އަތޮޅު އަތޮޅު ވެެރިޔާ: 11 ޖޫން 1974.

16.އެއާޕޯޓު އޮފީހުގެ އެސިސްޓެންޓް މެނޭޖަރު: 21 މާޗު 1977.

17.އެޑިއުކޭޝަނަލް ޕްރޮޖެކްޓު އޮފީހުގެ ކޮންސްޓްރަކްޝަން ކޯޑިނޭޓަރ: 04 އޮގަސްޓު 1977.

18.ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ސްކޫލް އަޕްގްރޭޑިންގ އެޑްވައިޒަރު: 01 ޖެނުއަރީ 1984.

19.ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު: 01 މާޗު 1985.

20.ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރު: 07 ޖުލައި 1985.

21.ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ހާއްސަ މުޝީރު: 10 އޮކްޓޫބަރު 1989.

ލުތުފީ އަވަހާރަވުމާއި ހަމައަށް ހުންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ހާއްސަ މުޝީރުކަމުގެ މަގާމުގައެވެ. އާލަސްކަންފުޅާއި އުޅުއްވަން ފެށްޓެވުމުން ހުންނެވީ އޮފީހަށް ނުކުމެވަޑައިނުގެން މުސާރަ ލިބިވަޑައިގަންނަވާ ގޮތަށެވެ.

ލުތުފީގެ ދަރިވަރު ރައީސް މައުމޫން:

ލުތުފީއަކީ އުނގަންނައިދެއްވުމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ މަދްރަސަތުއް ސަނިއްޔާއާއި ފަހުން މަދްރަސަތުލް މަޖީދިއްޔާގައި އަރަބި ބަހާއި, ހިސާބު ވެސް ކިޔަވައިިދެއްވާފައެވެ.

ލުތުފީގެ ދަރިވަރެއްކަމަށްވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް (2001) ވިދާޅުވެފައިވާ ގޮތުގައި ލުތުފީއަކީ ހުރިހާ ދަރިވަރުން ވެސް ވަރަށް ގަދަރުކުރާ, ވަރަށް ލޯބިވާ އުސްތާޒެކެވެ. ދަރިވަރުންނާމެދު އޯގާވެރިގޮތެއް ގެންގުޅުއްވި ބޭފުޅެކެވެ. ވަރަށް ރަނގަޅަށް އިންތިޒާމުތައް ހަމަޖައްސަވައި, ގަވާއިދު ހިފެހެއްޓެވި ބޭފުޅެކެވެ.

''އޭނާ އަޅުގަނޑުމެންނަށް (މަޖީދިއްޔާގައި) ކިޔަވައިދެއްވީ އަރަބި ބަސް. އޭގެއިތުރުން ކަސްރަތުގެ ކަންތައްތައް ވެސް ދަސްކޮށްދެއްވި. އާދެ, ކުޅިވަރުގެ ބައެއް ކަންތައްތައް އަދި ހާއްސަކޮށް ސަފުހެދުމުގެ ކަންތައްތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވައި އެ ކަންތައްތައް ކުރައްވަމުން ގެންދެވި.'' މަޖީދިއްޔާގެ ކުރީގެ ދަރިވަރު ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ލުތުފީއަކީ އޭރު މަޖީދިއްޔާގެ މަދޮށިބައިގެ މުރުޝިދު ވެސް މެއެވެ. ލުތުފީއަކީ ކުޅިވަރަށް ވެސް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަޖީދިއްޔާގެ މަދޮށިބައިގެ ކުދިންނަކީ އޭރު ތައުލީމީ ގޮތުން މާ މަތީ ވަނަތަކެއް ހާސިލުކުރި ބަޔަކަށްނުވި ނަމަވެސް, ކުޅިވަރުގެ ރޮނގުން ފުދޭވަރެއްގެ ކާމިޔާބީއެއް ހޯދި ބައެކެވެ. އެކަމުގައި އެންމެ އިސްރޯލެއް  އަދާކުރެއްވީ ލުތުފީކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އެ ގޮތުން ކުދިން ގެންދަވައިގެން, އެ ކުދިންނަށް ކުޅިވަރު ކުޅޭނެ ގޮތް ދަސްކޮށްދެއްވައި, ހިތްވަރު ދެއްވައި, އިރުޝާދުތައް ދެއްވިކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

'އަދި އޭނާގެ މުރާލިކަން އަޅުގަނޑުމެންނަށް އޭރު ވަރަށް ބޮޑަށް ފެނިގެންދިޔަ. އެއީ ފަތިހު ފަހެއްޖަހާއިރު އޭނާގެ ގެޔަަށް ކުދިން ދިއުމަށް ވިދާޅުވެދާނެ. ކުދިންދާއިރު ހޭފުޅުލައްވައި އުޅުއްވާނެ. ބައްދަލުކުރައްވާނެ. ހަމަ ކޮންމެ ރެޔަކު ވެސް ފަތިހު ފަހެއް ޖަހާއިރު, ނުވަތަ އެއަށްވުރެ ކުރިން ހުންނަވާނީ ތައްޔާރުވެވަޑައިގެން. ދެން ކުދިން ދިޔައިމާ އެ ކުދިންނަށް ދެއްވަން ބޭނުންފުޅުވާ އިރުޝާދުތަކެއް ދެއްވައި ހައްދަވާނެ.'' ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

your imageރައީސް މައުމޫން. ފޮޓޯ: ގޫގަލް

ލުތުފީއަކީ 1971 ވަނަ އަހަރުގެ ޖުލައި 26 ގައި ސ.ހިތަދޫގައި ހުޅުވުނު ނޫރާނީ ސްކޫލުގެ ފުރަތަމަ ނާޒިރު ވެސް މެއެވެ. އެއް އަހަރާއި ތިންމަސް ވަންދެން އެ މަގާމު ފުރުއްވި ލުތުފީ ވަނީ އެ ސުކޫލުގައި ދިވެހި މާއްދާ ވެސް ކިޔަވައިދެއްވައިފައެވެ.

ހަމައެހެންމެ 1963 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން 1967 ވަނަ އަހަރުގެ މެދާއި ހަމައަށް ބ.އޭދަފުށީގެ މަދްރަސަތުލް ބަހިއްޔާގައި ދިވެހި, އިނގިރޭސި, ޖޯގްރަފީ, އިސްލާމް, އާންމު މައުުލޫމާތު މި މާއްދާތައް ކިޔަވައިދެއްވިއެވެ. އާންމު މައުލޫމާތުތަކުގެ ތެރޭގައި ތާރީހާއި ސިއްހަތު ހިމެނެއެވެ. އެ މަދަރުސާގެ ކެޑޭޓުގެ ހަރަކާތް ވެސް ހިންގެވީ ލުތުފީއެވެ. އެ މަދްރަސާ ހިންގެވުމުގެ އިސްވެރިޔަކީ ވެސް ލުތުފީއެވެ. ނާޒިރަކީ އޭދަފުށީ ޔޫސުފް ކަލޭގެފާނެވެ.

(ނުނިމޭ)

ހަވާލާ ލިސްޓު: 

1.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި އޭރުގެ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.

2.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އޭރުގެ މުޝީރު ނަސީމާ ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.

3.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ އޭރުގެ ރައީސް އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ހަމީދު ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.

4.ހަނދާނާއި ތާރީހަށްޓަކައި ދިވެހިރާއްޖެ 04.

5.ދިވެހިބަހުގެ އެކެޑަމީ.

6.ފަތްތޫރަ މަޖައްލާ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް