ads
ފޮޓޯ: ގޫގަލް
މިއަދު ތި އެއްލާލަނީ ކީއްވެ ހެއްޔެވެ!
މިއަދު އަޅުގަނޑުމެންގެ މި ދިވެހި މުޖްތަމައުން ފެނިގެންދަނީ، ހިތަށް ފަސޭހަ މަންޒަރުތަކެއް ނޫނެވެ. ފެނިގެން ދަނީ އެތައް އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުން ބަލާ ބޮޑުކުރި ދަރިން އެ މީހުންގެ މައިންބަފައިންނަށް އަޅާ ނުލާ ވީހާލެއްގައި ވާން ދޫކޮށްލާފައިވާ މަންޒަރެވެ. މިއީ މި ސައްތައިން ސައްތަ މުސްލިމު މުޖްތަމައުގެ ހަމަ ކޮންމެ މީހަކުވެސް ލަދުވެތިވާންޖެހޭ ކަމެއްކަން ޔަގީނެވެ.
Advertisement

ދަރިންނަކީ މާތްﷲގެ ރަހުމަތްފުޅުން ދެމަފިރިންނަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތެވެ. ދަރިންލިބުމާ އެކު ދެމަފިރިންގެ ހަޔާތް ބަދަލުވެގެންދާ ގޮތާއި ދަރިންނަށްޓަކައި މައިންބަފައިން ވާ ގުރުބާނީގެ ވާހަކަތަކަކީ އަބަދުވެސް އަޅުގަނޑުމެން އަހަމުން އަންނަ ވާހަކަތަކެވެެ.

މީހަކު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮށްފައިވާ އިއުލާނެއް އަޅުގަނޑު ދެކުނީމެވެ. އޭގައި އޭނާ ބުނެފައިވަނީ، ގޭގައި ދިރިއުޅޭނެ ފިރިހެން ކުއްޖަކު ހޯދަން ބޭނުންވާ ވާހަކައެވެ. އަދި މަހަކު މުސާރައިގެ ގޮތުގައި 10،000 ރުފިޔާ ދޭނެ ކަމަށްވެސް އެ ޒުވާނާ ކޮށްފައި އިން ޕޯސްޓުގައި ވެއެވެ. އެއިއުލާން ލޮލުގައި އަޅައިގަތުމުން އެ އިއުލާން ރަނގަޅަށް އިތުރަށް ކިޔާލާ ކަމުގެ ހަގީގަތް ބަލާލީމެވެ. 

ޕޯސްޓުގައި އިން ނަމްބަރަށް އެކުވެރިއެއް ލައްވާ ގުޅުމުން، ފޯނަށް ޖަވާބު ދިނީ ފިރިހެން ކުއްޖެކެވެ. ގޭގައި ދިރިއުޅޭނެ ކުއްޖެ ހޯދަން އިއުލާން ކޮށްފައި އިނުމުން އެކަމާއި ބެހޭ މައުލޫމާތު ހޯދުމަށް ގުޅާލީކަމަށް ބުނުމުން އެ ޒުވާނާ އޭނާގެ ވާހަކަތައް ހިއްސާކުރަން ފެށިއެވެ. 

"އާދެ. އަޅުގަނޑުގެ އުމުރުން ދުވަސްވެފައިވާ ބައްޕަ ދުވާލަކު ހަ ގަޑިއިރު ބަލައި ދިނުމަށް ބޭނުންވެގެން ކުރި އިއުލާނެއް އެއީ. އަޅުގަނޑު އުޅެނީ ވަޒީފާގަ. އެހެން ކަމުން އެ ގަޑިތަކުގައި ބައްޕަގެ ކަންކަން ކޮށްދޭނެ މީހަކު މި ހޯދަނީ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރު 14:00 އަށް މީހަކު ބޭނުން ވަނީ."

އެހިސާބަށް ވާހަކަދިއުމުން، އަޅުގަނޑު އެކުވެރިޔާ އަތުން ފޯނު އަތުލުމަށްފަހު، އަޅުގަނޑު މިއީ ނޫސްވެރިއެއް ކަމަށް ބުނެ ތައާރަފް ވެލީމެވެ. އެ ޒުވާނާ އަޅުގަނޑާއި ދެއްކި ވާހަކަތަކުން ހިތަށް ވަރަށް އަސަރު ކުރިއެވެ. އެ ޒުވާނާ އެ އިއުލާން ކުރީ، ބައްޕަގެ ހަތް ދަރިން ތިބި އިރު އޭގެން އެކަކުވެސް ބައްޕަ އެވަގުތު ކޮޅަށް ބަލާދިނުމަށް އެއްބަސް ނުވުމުން ކަމަށް ބުންޏެވެ. އެހެން ކަމުން އެ ޒުވާނާއަށް އިތުރު ގޮތެއް މިކަމުގައި ނެތުނީއެވެ. ބައްޕަގެ ހައްގުތައް އަދާ ކޮށްދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެ ޒުވާނާ ހުރީ ތައްޔާރަށެވެ. 

އެހެން ނަމަވެސް ދެން ދައްކަން އޮތީ ރިޕޯޓް ފެށިއިރު އަޅުގަނޑު ފާހަގަ ކޮށްލި ކަންކަމުގެ ވާހަކައެވެ. ދިވެހި ޒުވާނުން އެމީހުންގެ މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެއްވެސް އަޅާލުމެއް ނުދޭ ވާހަކައެވެ. އެކަނި ގޭގެ އެނދުގައި އޮވެ މި ފަނާކުރަނެވި ދުނިޔެ ދޫކުރާ ވާހަކައެވެ. 

މީގެ އިތުރުން ސަރުކާރުން އުމުރުން ދުވަސްވީ ފަރާތްތައްކަށް ދެމުން އަންނަ 5000 ރުފިޔާގެ ވާހަކައަކީވެސް މިއަދު ދައްކަން ޖެހިފައިވާ ވާހަކައެކެވެ. އެ 5000 ރުފިޔާގެ އިނާޔަތް ލިބޭކަން އެނގުނު ނަމަވެސް އެ އިނާޔަތް ދުވަހަކު ލޮލަށް ނުފެންނަ އެތައް މަންމަ އަކާއި ބައްޕައެއް މިއަދު އެބަތިއްބެވެ. ބޮޑު ކަމެއް ޖެހިގެން އެ ފައިސާ ހުރިތޯ އަހާލާއިރު، އެ ފައިސާއަށް ވީގޮތެއް އެ ފައިސާ ބަލަހައްޓަން ޒިންމާ ނަގައިގެން ހުރި ދަރިފުޅަށް ނޭނގެއެވެ. 

މައިންބަފައިންނަށް އިނާޔަތް ލިބެން ފެށުމާއި އެކި ކޭޝް ކާޑު ކޮންމެސް ދަރިއަކު ނަގައެވެ. ކޮންމެވެސް ބަހަނާތަކެއް ދެއްކުމަށްފަހު އެ ފައިސާތައް ބޭނުން ކޮށްލަމުން ދަނީ، އެ މައިންބަފައިން އެ ދަރިން ބޮޑު ކުރުމަށް ވީ ގުރުބާނީގެ މަތިން ހަނދާން ނައްތާލާގެން ތިބެއެވެ. 

އެތައް ރެއެއް އެތައް ދުވަހެއް އެ ދަރިންނަށްޓަކައި މައިންބަފައިން ވާ ގުރުބާނީ އަކީ ދުވަހަކުވެސް އަގު ނުކުރެނެ އެއްޗަކަށް ވާއިރު، މިއަދު އެމައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވުމުން، ދޭންޖެހޭ ލޯއްބާއި އަޅާލުމުގެ ބަދަލުގައި އެކަނިވެރި ކޮށްލަމުން ދަނީ، ކޮން ސަބަބަކާއި ހުރެތޯއެވެ. މަންމަގެ ނުރުހުން ތިމާއަށް ހުރެއްޖެނަމަ ހަމަ ޔަގީނުންވެސް އެމީހަކީ ބަދުނަސީބުވެރިއެކެވެ. އެމީހަކީ ދެދުނިޔެ ގެއްލިފައިވާ އަބާއްޖަވެރިއެކެވެ. 

އެހެން ނަމަވެސް މިކަންތަކާއި މެދު ބައެއް ދަރިން ވިސްނާނުލާ ދަރިންގެ ލޯބި އެންމެ ބޭނުންވާ ދުވަހު މައިންބަފައިން ދައުލަތާއި ހަވާލު ކުރަނީ އެ މައިންބަފައިންގެ ހައްގުތައް އަދާ ކުރުމަށް އުޒުރުތައް ދައްކަމުންނެވެ. އެކަމަކު ތިމާ ތުއްތު އިރުއްސުރެ ބޮޑުވަންދެން އެއްވެސް ކަމަކަށް އުނިކަމެއް ނުގެނެސް ތިމާ މީހަކަށް އެ މައިންބަފައިން ހެދީ އެއްވެސް އުޒުރެއް ނުދައްކައެވެ. ބަދަލުގައި އެއްވެސް ކަމެއްގެ ބޭނުމުގައިވެސް ނޫނެވެ.

މިއަދު ގައުމުގެ ހާލަތަކީ މައިންބަފައިންނަށް ހައްގުވާ މިންވަރެއް ނޫނެވެ. އެ މައިންބަފައިން މިއަދު ބޭނުން ވަނީ އަޅާލުމާއި އޯގާތެރިކަމާއި އިހްތިރާމާއި ލޯތްބާއި ކުލުނުން ފުރިގެންވާ ގަދަރުވެރި ދިރިއުޅުމެކެވެ. އެކަން ކޮށްދިނުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް ލާޒިމް ކަމެކެވެ.  

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
41%
ވަރަށް ސަލާމް
ކޮމެންޓްސް