ads
12 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް
''12 ކިލޯ ޑްރަގް ބަލާދިޔަކަން އެނގޭކަމަށް ބެލެވޭ މެސެޖުތަކެއް''
މިދިޔަ މަހުގައި ފުލުހުން ހިންގި އޮޮޕަރޭޝަނެއްގައި އަތުލައިގަތް 12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނ.ވެލިދޫ/މަރިޔާޒް, މުހައްމަދު އަބްދުއްލަތީފުގެ ފޯނުގައި އޭނާ މަސްތުވާތަކެތި ބަލާ ދިޔަކަން އެނގޭ މެސެޖުތަކެއް ހުރިކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
Advertisement

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި, ޑްރަގް އެންފޯސްމަންޓާއި, މެރިން ޕޮލިސް ގުޅިގެން މިދިޔަ މަހުގެ 14 ގައި ކަނޑުމަތީގައްޔާއި, މާލެއާއި, ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގައި ހިންގި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކުރިއެވެ. 

މުހައްމަދު އަބްދުއްލަތީފުގެ އިތުރުން ދެން ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި, ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ކަވްސަރު އަލަމް އެވެ.

މުހައްމަދު އަބްދުއްލަތީފުގެ ބަންދުގެ މުއްދަތު އިތުުރުކުރަން މި މަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައެވެ.

''ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާކަމަށް ފެނޭ. އެ ގޮތުން މަސްތުވާތަކެތި އަޅާފައި ހުރި ދަބަސް އެއްލާލުމުން މީނާ ދުވެ ފިލާފައިވާކަން ފުލުހުންގެ ބަޔާނުން އެނގޭ. އަދި އިންޓެލިޖެންސް ރިޕޯޓުންނާއި, މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓުގައި ހުރި މެސެޖުތަކުން މަސްތުވާތަކެތި ބަލާދާކަން އެނގޭކަމަށް ބެލެވޭފަދަ މެސެޖުތަކެއް ހުރި.'' އަބްދުއްލަތީފު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އަބްދުއްލަތީފު މީގެކުރިން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ހަމައެކަނި ލޯންޗު ދުއްވާ މީހާ ކަމަށާއި, ލޯންޗުގައި ގެންދަނީ ކޯއްޗެއްކަން ނޭނގޭކަމަށެވެ. ފުލުހުން މީގެ ކުރިން ކޯޓުގައި ބުނި ގޮތުގައި އަބްދުއްލަތީފުގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާއަކީ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.

ފުލުހުން މީގެ ކުރިން ކޯޓުގައި ބުނި ގޮތުގައި މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓުގައިކަމަށާއި, އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 14 އަށެެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް