ads
ފެމިލީ ކޯޓުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން
ކައިވެނީގެ ރަޖިސްޓްރާއަށް 3 ދުވަސްތެރޭ ވަޒީފާދޭން ސިވިލް ކޯޓުން އަންގައިފި
ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުން 2019 ވަނަ އަހަރު ވަކިކުރި އަހްމަދު އަބްދުﷲ އަށް އަނބުރާ އެ މަގާމު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރަށް ސިވިލް ކޯޓުންވެސް ތާއިދުކޮށް ތިން ދުވަސްތެރޭ ވަޒީފާ އަބުރާ ރުޖޫއަކުރުމަށް އަމުރު ނެރެފި އެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމު އަދާކުރަމުންދިޔަ އަހްމަދު އަބްދުﷲ އެ މަގާމު އަދާކުރަމުންދަނިކޮށް 2019 ވަނަ އަހަރުގެ މާޗުމަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުގެ ހިއުމަން ރިސޯސް ސެކްޝަނަށް ހާޒިރުކޮށް "އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ނިކުތުން މަނާކޮށް އަންގާ ޗިޓު" ހަވާލުކުރިއެވެ. 

އެ ޗިޓުގައި 2019 ވަނަ އަހަރުގެ މާޗުމަހުގެ 27 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް ނުވައެއްގެ ނިޔަލަށް ވަޒީފާއިން ސަސްޕެންޑް ކުރިކަމަށް ބަޔާންކޮށްފައިވެއެވެ. ސަބަބެއްކަމަށް ބުނީ އަހްމަދު އަބްދުالله ވަޒީފާ އަށް ނެރެފިނަމަ އެހެން މުވައްޒަފުންނާއި, ކޯޓުގެ މަސްލަހަތައް ނުރަނގަޅު އަސަރު ކޮށްފާނެކަމަށާއި, އޭނާއާއި ގުޅިގެން ހުށަހެޅުނު މައްސަލައިގައި އޭނާގެ މަގާމުގެ ގޮތުން އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމުގެ ކަންކަން ކުރުން ހުއްޓުވުން ކަމަށެވެ.

ވަޒީފާއަށް ނުކުތުން މަނާކުރި ކުރުމަކީ ވަޒީފާއާބެހޭ ގާނޫނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށްވާތީ އެ ފިޔަވަޅަކީ އޭނާއާމެދު އެޅޭނެ ފިޔަވަޅެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަ ކޮށްދިނުމަށް، އަދި އޭނާ ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނެ އަދަދާއި އެއްވަރުގެ އަދަދެއް ނަގައިދިނުމަށް އެދި އަހްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

އެމައްސަލާގައި މިދިޔަ އަހަރުގެ މާޗުމަހުގެ 11 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ އަހްމަދު އަބްދުالله ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމްކުރެވިފައި ނުވާތީ, ވާޒީފާއާބެހޭ ގާނޫނުގެ ދަށުން އަހްމަދު އަބްދުالله އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކުރުމަށެވެ. އެ ގޮތުން އޭނާ ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާދީ އޭނާގެ ވަޒީފާ 14 ދުވަސްތެރޭ އަނބުރާ ރުޖޫއަކުރުމަށް އެފަހަރު ފެމިލީ ކޯޓަށް އެންގިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ނިންމުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ޖުޑީޝަލް ސަވިސް ކޮމިޝަނުން ހައިކޯޓުގައި މި ނިންމުން އިސްތިއުނާފުކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ނިންމީ އަހްމަދުގެ ވަޒީފާ އަލުން އިއާދަ ކޮށްދިނުމަށެވެ. އެގޮތަށް ހައިކޯޓުން ފެމިލީ ކޯޓުގެ މައްޗަށް އަމުރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ ނުވަވަނަ ދުވަހުއެވެ.

އެ ހުކުމަށް އެއްމަސް ވެގެން ދިޔައިރުވެސް ވަޒީފާ އިއާދަ ކޮށްދީފައި ނުވާތީ ހުކުމް ތަންފީޒުކޮށްދިނުމުގެ އަމުރަކަށް އެދި އަހްމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ. 

މިއަދު ހެނދުނު 10:30ގައި އޮތް އެއަޑުއެހުމުގައި ސިވިލް ކޯޓުން ފެމިލީކޯޓަށް އަމުރުކޮށްފައިވަނީ ތިން ދުވަސްތެރޭ ވަޒީފާ އަބުރާ އިއާދަކޮށްދިނުމަށާއި، ގެއްލުމުގެ ބަަދަލު 10 ދުވަސްތެރޭ ދިނުމަށެވެ. ސިވިލް ކޯޓުގެ ތަންފީޒީ އަމުރުގައި ބުނެފައިވަނީ އަހްމަދަށް ވަޒީފާ އަބުރާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރިބިއުނަލުން ނިންމާފައި އޮންނަތާ އަހަރެއް ވީއިރުވެސް، އެއަމުރަށް ޖޭއެސްސީން އަމަލުކޮށްފައި ނުވާކަން ސާބިތުވާ ކަމަށެވެ.

އަހްމަދު އަބްދުﷲ "ސީއެންއެމް" އަށް ވިދާޅުވީ، ވަޒީފާ އަބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާއި ބެހޭ ޓްރިބިއުނަލް އިން ނާއި، ހައިކޯޓުން ކޮށްފައިވާ އަމުރުވެސް ފެމިލީ ކޯޓުން ތަންފީޒު ނުކޮށް "މައްސަލަ މިހާ ދިގުލައިގެން ދިއުމަކީ ޖޭއެސްސީން މީހުން ފްރޭމް ކޮށް ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ހެއްކެއް" ކަމަށެވެ.

މިއަދު އަޑުއެހުމުގައި ޖޭއެސްސީއާއި ޑީޖޭއޭގެ ފަރާތުން ވަޑައިގެން ވަކީލުންނަށް އަމުރު ވަގުތުން ކޯޓުން ރައްދުކޮށްފައި ވީނަމަވެސް އަދި އެކަމާއި ގުޅިގެން ވަކިއެއްޗެއް އޭނާއަށް ނާންގަވާ ކަމަށް އަހްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މައްސަލަ މިހާ ދިގުލައިގެން ގޮސްފައި ވުމުން ދޭހަވާ ކަމަކީ ޖޭއެސްސީ އަކީ އެއްވެސް ހާލެއްގައި މުވައްޒަފުންނާއި ދޭތެރޭ އިންސާފުވެރިކޮށް ކަންކަން ކުރަމުންދާ ތަނެއް ނޫންކަން. ކޮންމެ ވަގުތެއްގައިވެސް ފްރޭމް ކޮށްލުމުގެ ފުރުސަތު އަދިވެސް އެބައޮތް. ހައިކޯޓުން އަޅުގަނޑުގެ ވަޒީފާ 14 ދުވަސްތެރޭ އިއާދަކޮށްދިނުމަށް އެދި އަމުރު ނެރިފަ އޮންނަތާވެސް މިހާރު އެއް މަސް މިވީ. މީގެން އެގެނީ އެއްވެސް ކޯޓެއްގެ އަމުރަކަށްވެސް ޖޭއެސްސީން ބޯ ނުލަބާކަން ދެއްތޯ" އަހްމަދު ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވިގޮތުން އޭނާ ފްރޭމްކޮށް ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ފެމިލީކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއްގައި ހެކި ބަސް ދިނުމުން ކަމަށެވެ. އެމައްސަލާގައި އެ ހަސަން ސައީދު ސަސްޕެންޑުގައި ހުންނެވުމަށްފަހު ވަޒީފާއަށް ނިކުމެ ގާޒީ ހިތްހަމަޖެހިވަޑައި ނުގަންނަވާ އެތައް މުވައްޒަފުންނެއް ވަކިކޮށްފައިވާ ކަމަށް އަހްމަދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް