އެކްސްގައި އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެކަން ރައްޔިތުން ބަލައި ނުގަތްކަން މަޖިލީހުގެ އިންތިހާބުން އެނގިގެން ހިގައްޖެކަން އަބްދުއްރަހީމް ވިދާޅުވިއެވެ. އިންތިހާބުގެ ނިންމުން ބަަލައި ނުގަނެވި ރައީސް މުއިއްޒުގެ ޓީމު ރޫޅާލަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔުބާ ނުވާނެކަމަށާއި މުއިއްޒު ދުވެލީގައި ގައުމު ކުރިޔަށް ދާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ތައުރީފު ކުރައްވާ އަބްދުއްރަހީމް ވާހަކަ ދައްކަވާފައި މިވަނީ ޓްއަރިޒަމް މިނިސްޓަރުގެ ކަމުގައި މަގާމުގައި ހުންނެވި އޭނާގެ ދަރިކަލުން އިބްރާހިމް ފައިސަލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ބޭރުގެ ޗެނަލަކަށް ފައިސަލް ދެއްވި އިންޓާވިއުއަކާއި ގުޅުވާ ސޯޝަލް މީޑިއާގައި ފައިސަލަށް ވަނީ ވަރަށް ބޮޑަށްް ފާޑުކިޔުންތައް އަމާޒުވެފައެވެ.
މީގެއިތުރުން އަބްދުއްރަހީމް ކުރިއަށް އޮތް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންދާ ވާހަކަތައްވެސް ދެކެވެމުންދާ ވަގުތެއްގައެވެ.