ads
ރައީސްގެ ދެކަނބަލުން ށ.ޅައިމަގަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން——
ރަށުގައި ބޮޑުކުރަން ފެށި ބަނދަރާ އެކު ގެއްލުނީ ލައްކައިން ހަރަދުކުރި ބިންކޮޅު!
ބިން ދޫކޮށްލަން އެންގީ ކުއްލިއަކަށް، ބަދަލު ދިނުމެއްވެސް ނެތި!
ހަތަރު ލައްކައިގެ ގެއްލުމެެއްވި، ސަލާމަތްވީ 12 އަހަރު ފެށި ފިހާރަ ހުރީތީ!
ބިން ކައުންސިލަށް ނެގިތާ 8 މަސް، އަދިވެސް އަގުމަގު ކުރަނީ
ށ. ޅައިމަގު ބަނދަރު މަރާމާތު ކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ރަށުގެ ބަނދަރު ބޮޑު ކުރުމަށް މަސައްކަތް ފެށިއިރު، ގުރުބާން ކުރަންޖެހުނު ބިންތަކާއި އިމާރާތްތަކުގެ ތެރޭގައި އެރަށުގެ ދެ ރައްޔިތެއްގެ ވިޔާފާރީ ބޭނުމަށް އިމާރާތްކޮށްފައިވާ ފިހާރައަކާއި ކޮފީ ޝޮޕެއް ހިމެނެ އެވެ.
Advertisement

އެއީ އެތަނުގައި ފިހާރައެއް އިމާރާތްކޮށް ވިޔަފާރި ކުރަމުންދާ ނަސްރުﷲ ހަސަންގެ އިމާރާތަކާއި، ކޮފީ ޝޮޕް ހިންގަމުންދިޔަ އަހްމަދު ޝަނޫންގެ އިމާރާތެވެ.

ބިން ދޫކުރިއިރު ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އޮއްވާ، ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަށް ނޯޓިހަކާއި ނުލާ އެެއް މަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އަންގާ، ބިން ނެގުމަށް ފަހު، އެގޮތަށް ބިން ނަގާނަމަ ދޭންޖެހޭ ގެއްލުމުގެ ބަދަލުވެސް މިހާތަނަށް ދީފައި ނުވާކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ވަނީ ކޮށްފައެވެ.

ބިން ދޫކޮށްލަން އެންގީ ކުއްލިއަކަށް، ބަދަލު ދިނުމެއްވެސް ނެތި! 

“ސީއެންއެމް”ލިބުނު މިމައުލޫމާތު ކަށަވަރުކުރުމަށް އެ ދެ ވިޔަފާރި ވެރިންނާއި ވެސް ގުޅާލީމެވެ. ނަމަވެސް ފޯނުން ރީޗުވެވުނީ ފިހާރައިގެ ވެރިފަރާތް ނަސްރުﷲ އަށް އެކަންޏެެވެ. 

ނަސުރުﷲ އާއި މިކަމާއި ބެހޭގޮތުން ސުވާލުކޮށްލުމުން އެކަން އެގޮތަށް ހިނގާފައިވާކަން ސީއެންއެމް އަށް ކަށަވަރުކޮށްދީފައިވެއެވެ.

އޭނާ ބުނީ ބިން ބޮޑުކުރުމުގެ މަޝްރޫއުއާއި ގުޅިގެން އޭނާގެ ފިހާރަ ހުރި ބިން ކައުންސިލުން ނަގަން ޖެހުނީ ކަމަށެވެ. ހަތަރު ލައްކަ އާއި ގާތްކުރާ އަދަދަކުން ރުފިޔާ ހަރަދުވެގެން ދިޔަ އެ ފިހާރަ ކުއްލިއަކަށް ނޯޓިސް ދިނުމަކާއި ނުލާ މަހެއްތެރޭ ނަގަން އެންގުމުން ބިން އަތުލުމުން ވާ ގެއްލުމާއިއެކު ގެއްލުން ދެގުނަ ބޮޑުވި ކަމަށް އޭނާ ބުންޏެވެ. 

ބިމަކީ ކައުންސިލުގެ ބިމެއް ކަމުން ކައުންސިލުން ބޭނުންވެެއްޖެ ހިނދުގައި ނެނގޭ ގޮތަށް އެ ބިން އޮތް ނަމަވެސް އެގޮތަށް ނަގާ ނަމަވެސް އެތަނުގެ ވެރިފަރާތައް ލިބޭ ގެއްލުން ދައުލަތުން ދޭންޖެހެ އެވެ.

އެހެންނަމަވެސް ބިން ކައުންސިލަށް ނެގިތާ މިހާރު އެތައް މަސްތަކެއް ވެގެން ގޮސްފައިވާއިރު، ލިބުނު ގެއްލުމުގެ ބަދަލު އަދިވެސް ލިބޭގޮތް ނުވާކަމަށް އޭނާ ބުންޏެވެ.

“އެ ބިމަކީ ކައުންސިލުން ބޭނުންވެެއްޖެނަމަ ނެނގޭގޮތަށް އޮންނަ ބިމެއް. އަދި ކައުންސިލުން ބިން ނެނގީ ބަނދަރު ބޮޑުކުރާއިރު، އެ ބިމުން ޖާގަ ހިފާތީ. އެކަމަށް އަޅުގަނޑުގެ މައްސަލައެެެއް ހަގީގަތުގައި ނެތް. އެކަމަކު އެގޮތައް ނަގާނަމަ ގެެއްލުމުގެ ބަދަލު ލިބެން އޮންނައިރު މިހާތަނަށް އެ ބަދަލު ނުލިބޭތީ ކަންބޮޑުވުން އެބައޮތް. އެ ބިން ގެއްލި ވިޔަފާރި ހުއްޓާލަންޖެހުމުން ވަރަށް ބޮޑު ގެެއްލުމެއް ދެެއްކި”ނަސުރުﷲ ބުންޏެވެ.

ހަތަރު ލައްކައިގެ ގެއްލުމެެއްވި، ސަލާމަތްވީ 12 އަހަރު ފެށި ފިހާރަ ހުރީތީ!

އުމުރުން 12 އަހަރުގައި އަމިއްލަ ބައްޕަގެ ފިހާރަ ހިންގުމާއި ހަވާލުވެ، މިހާރު އެގޮތަށް ވިޔަފާރި ކުރަމުންދާތާ 50 އަހަރުވީއިރު، އޭނާގެ އުމުރުން މިހާރު 62 އަހަރެވެ.

ބަނދަރުމަތީގައި ފިހާރައެއް އިމާރާތްކުރުމަށް ބިން ލިބުނީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ރަށުން ބިން ދޫކުރި އިރުއެވެ. އެ ފިހާރަ އެއްކޮށް ހަދާ ނިމި ހުޅުވިތާ އަދި ވީ އަށް މަސް ދުވަހެވެ.

އަށް މަސްވީއިރު، އަލަށް ފަށައިގެން އެ ވިޔަފާރި ރޫޅާލާ ތަން ކައުންސިލާއި ހަވާލުކުރަންޖެހުނުއިރު، ތަނުގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާތީ ދޭން ގާނޫނުގައި ބުނާ ތިން މަސްދުވަހުގެ މުސާރަ ދެވުނީ ނަސްރުﷲގެ ކުރީގެ ފިހާރަ ހުރީތީ އެވެ. ނަމަވެސް އެއީ އޭނާއަށް ލައްކައިން ގެއްލުން ވެގެންދިޔަ ކަމެކެވެ.

“ވަރަށް ވަރަަށް ބޮޑު ގެއްލުމެއް، އަޅުގަނޑުގެ ކުރީގެ ފިހާރަ މިހާރު ދެން މި ހިންގަނީ. ބަނދަރުގައި ހުރި ފިހާރައަކީ ވަރަށް ބޮޑަށް ފައިދާވި ފިހާރައެއް. ދެން އަޅުގަނޑުމެނަށް ކުރެވޭނެ ކަމެއް ނެތް. ކައުންސިލުން ބުނީ ދޭނެކަމަށް ކޯޓުގައޭ އޮތީ އަދި ނުލިބޭ” ނަސްރުﷲ ވިދާޅުވިއެވެ.

ބިން ދޫކުރި އެއްބަސްވުމުގައި ތަން ކައުންސިލަށް ނަގަންވެއްޖެނަމަ ނަގާނަމަ، ވެރިފަރާތައް ލިބޭ ގެއްލުމުގެ ބަދަލު ނުދީ ބިން ނުނެގޭނެ ކަމަށް ބުނި ނަމަވެސް ކައުންސިލުން ބިން ނެގީ ބަދަލު ނުދީ ކަަމަށް އޭނާ ބުންޏެވެ.

ބިން ކައުންސިލަށް ނެގިތާ 8 މަސް، އަދިވެސް އަގުމަގު ކުރަނީ 

މިކަމާއި ގުޅިގެން ރަށުގެ ކައުންސިލުގެ ރައީސް އަޒްމީރް ވިދާޅުވީ، ބަދަލު ދިނުމުގެ ކަންކަން ކުރަމުންދާ ކަމަށާއި، އެކަމަކީ ކޯޓު މަރުހަލާއަކުން ނިންމަންޖެހޭ ކަމަކަށް ވުމުން ލަސްވަނީ ކަމަށެވެ. ނަމަވެސް ބަދަލު ދިނުމުގެ ކަންކަން ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ އަގުމަގު ކުރުމުގެ ކަންކަަމަށް ވިދާޅުވިއެވެ.

“އަގުމަގު ކުރުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ. ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދުތައް އެނގިގެން ދެއްތޯ ކުރިއަށް ދެވޭނީ އެއީ އަޅުގަނޑު ގަބޫލުކުރީ މީހެއްގެ މުދާތަކެއް ނަގާއިރު އެންމެ އިންސާފުވެރިކޮށް ގެއްލުންވި މިންވަރާއި އެކަށީގެންވާ ބަދަލެއް ލިބެންޖެހޭނެ ކަމަށް. އެހެންވީމަ ޝަރުއީ މަރުހަލާއިންވެސް އަޅުގަނޑުމެން ކުރިއަށް މިގެންދަނީވެސް” އަޒްމީރް ވިދާޅުވިއެވެ.

ކައުންސިލުން ދޫކުރާ ބިންތަކަކީ ސަރުކާރުން ބޭނުންވެއްޖެ ހިދެއްގައި ބިން ދޫކުރާ ފަރާތަށް ތިން މަހުގެ މުއްދަތެއް ދިނުމަށްފަހު، ބަދަލު ދިނުމާއިއެކު ނެނގޭނެ ބިންތަކެކެވެ. 

ނަމަވެސް މިފަދަ ބިންތައް ނަގާއިރު، ބިން ކުއްޔަށް ނަގާފައިވާ ފަރާތައް ބޮޑު ގެއްލުމެއް ލިބިގެންދާއިރު، ބިން ދޫކުރުމުގެ އެއްބަސްވުމުގައި އޮންނަނީ، އެފަދަ ބިމެއް އަނބުރާ މީހެއްގެ އަތުން ނަގާނަމަ ތިން މަސް ދުވަހުގެ ނޯޓިސް އެއް ތަނުގެ ވެރިފަރާތައް ދޭން ވާނެ ކަމަށެވެ. އަދި ބިން އަނބުރާ ނަގަންވާނީ އެ ބިން ނެގުމުން ލިބޭ ގެއްލުމުގެ ބަދަލު ހަމަޖައްސަ ދީފައި ކަމަށްވެސް އެއްބަސްވުމުގައި އޮވެއެވެ. 

ޅައިމަގު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 276 މީޓަރުގެ ސަރަހައްދެއް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، 350 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 500 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓްޖެހުމާއި، 31000 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމަސައްކަތް މިއަހަރު ފަހުކޮޅަށް ނިންމޭނެކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ. 

ޅައިމަގު ބަނދަރު ބޮޑުކުރާއިރު، މިއީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ބަނދަރެކެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ތޭރަ ސަތޭކަ އަށްޑިހަ އަކަމީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓްލުމާއި، މަގު ބައްތި ހަރުކުރެވިގެންދާނެއެވެ.

މި ސަރުކާރުގެ ތިން އަހަރު ފާއިތުވެގެންދިޔައިރު، ގުނާ އަދަދު ނުކުރެވޭ މިންވަރަށް ރަށްރަށުގެ ބަނދަރުތައް ދަނީ އަޕްގްރޭޑް ވަމުންނެވެ. އެއްބައި ރަށްރަށުގައި މުޅިން އަލަށް ބަދަރު އެޅިގެންދާއިރު، ގިނަ ރަށްރަށުގައި އޮތް ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުތައް ހަލުވި މިނުގައި ދަނީ ހިނގަމުންނެވެ. 

ބޮޑުވާ ކޮންމެ ބަދަރަކާއިއެކު ބަނދަރުގައި އޮންނަ އާއްމު މީހާގެ ބިންކޮޅު ގެއްލޭ ފަހަރުވެސް އަންނާނެއެވެ. 

ނަމަވެސް އެ ރައްޔިތުމީހާގެ މުޅި އުމުރު ކުރި މަސައްކަތް އެއާއެކު ފަސްލާ ކަފުން ކުރަންޖެހޭނަމަ އޭގެ ބަދަލު ދޭންވާނެއެވެ. 

ނޫނީ ރަށްރަށަށް އަންނަ ކޮންކްރީޓު ތަރައްގީއާއެކު ރައްޔިތުން ވާނީ ނިކަމެެއްޗެވެ. އެމީހުންގެ ޖީބުތައް ދާނީ އިރައިގެންނެވެ.

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް