ads
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން
އަންހެނުން ބާރުވެރި ކުރުވުން: ނުހުއްޓުނު ވާހަކަ!
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އާއެކު އަންހެނުން ބާރު ކުރުރުވުމުގެ ވާހަކަދެކެވެން ފެށި އެވެ. ހަމަ އެކަނި އެވާހަކަތައް ދެކެވުން އެކަންޏެއް ނޫނެވެ. އެކަމަށް އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އަންހެނުންނަށް ކިޔަވައިދީ، އެކި ކަންކަމަށް އަންހެނުން ނެރެ ހެދިއެވެ.
Advertisement

މިއީ އޭގެ އެތައް އަހަރެއްގެ ފަހެވެ. މިހާރު ވެސް އަޑަށް ބާރުލަފައި ދައްކާ އެއް ވާހަކަ އަކީ އެ ވާހަކަ އެވެ. އަމީނުގެ ވެރިކަމަށް ފަހު ވެސް ގާއިމު ކުރި ސަރުކާރުތަކުން ވެސް އަންހެނުން ބާރުވެރި ކުރުމަށް ތަފާތު މަސއްކަތްތައް ދިޔައީ ކުރެވެމުންނެވެ. 

ރައީސް މައުމޫނުގެ ސަރުކާރުގައި އަންހެނުންގެ ކޮމިޓީތައް އުފެއްދިއެވެ. އަދި އެ ކޮމިޓީއަކުން ތަފާތު މަސއްކަތްތައް ކުރިއެވެ. އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ދައުލަތުގެ ފަރާތުން ރަށްރަށަށް ދަތުރުކުރާ ވެރީންނަށް ކައްކައި ކާން ދިނުމެވެ. 

އޭގެ ފަހުން ވެސް ގިނަ ވެރިކަންތަކެއް ބަދަލު ވެއްޖެއެވެ. އަންހެނުންގެ ކޮމިޓީ ނުވަތަ އަންހެނުން ތަމްސީލު ކުރާ ކޮންމެ ވެސް ބައެއް ކޮންމެ ރަށެއްގައިވެސް އޮވެ އެވެ. އެހެން ނަމަވެސް ކުރިއެރުންތަކެއް ފެންނަ ކަމަކަށް ނުވެ އެވެ. 

ސަބަބަކީ ކޮބައި ހެއްޔެވެ؟  ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށް ގޮވާލައި ނުވަތަ އަމަލީ ގޮތުން ވެސް ތަފާތު ކަންކަން ކޮށްފި އެވެ. އެހެން ނަމަވެސް އޭރު ވެސް މިހާރު ވެސް ކިޔަމުން އަންނަނީ އެއް ލަވަ އެކެވެ. ކުރިއެރުން ނުލިބޭ ވާހަކަ އެވެ. އަންހެނުންނަށް ބާރާއި ހައްގުތައް ނުލިބޭ ވާހަކަ އެވެ. 

ރައީސް މައުމޫނުގެ ދައުރުގެ ކުރީ ކޮޅުން ފެށިގެން ވެސް، ނުވަތަ އެއަށްވުރެ ވެސް ކުރިން ފެށިގެން އެމައްސަލަ އެބައޮތެވެ. އޭރު ވެސް ދެއްކީ އަންހެނުންގެ ކޮމިޓީ ތަކުގެ މަސައްކަތަކީ ކެއްކުން ކަމަށެވެ. އޭރު ވެސް އެވާހަކައެވެ. މިހާރު ވެސް އެވާހަކަ އެވެ. 

ހަމަހަމަ ނޫން ވާހަކަ ވެސް ވަރަށް ބޮޑަށް ދެކެވެ އެވެ. މިހާރު ހަމަހަމަ ނުވަނީ ކޮން ގޮތަކުން ބާވައޭ ހިތަށް އަރަ އެވެ. އަންހެނަކަސް ފިރިހެނަކަސް ގާނޫނުން ލިބިދޭ ހުރިހާ ހައްގެއް ހަމަހަމަ އެވެ. ސްކޫލްތަކުގައި ކިޔަވައިދިނުން ތަފާތެއް ނުކުރެ އެވެ. ވަޒީފާގައި ތަފާތެއް ނުކުރެ އެވެ. ގާނޫނުން ތަފާތު ނުކުރާ ވާހަކަ އެވެ. އެހެން ކަމުން އަންހެނުންނަށް މިހާރު އަނެއްކާ ނުލިބިގެން މިއުޅެނީ ކޮން ހައްގެއް ބާވަ އެވެ. 

ދާދި މިދާކަށް ދުވަހު ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވެއްދި އެވެ. ރަށްރަށުގައި އުފައްދާފައިވާ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީތައް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ތިބި އަންހެނުންނަށް މަސއްކަތް ކުރާނެ މާހައުލެއް އޮތްތޯ ބެލުމަށެވެ. އަދި ސިޓީ ތަކާއި، ކައުންސިލްތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްތަކެއް ހުރި ކަމަށް ބުނެ އެވެ. 

ލާމަރުކަޒީ ގާނޫނުން އަންހެނުންނަށް ވަނީ ގިނަ ފުރުސަތު ތަކެއް ދީފަ އެވެ. ކައުންސިލް ތަކަށް އިންތިހާބު ކުރެވޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި އަންހެނުންނަށް ދޭން މަޖުބޫރެވެ. އެހެންކަމުން މިހާރު އަންހެނުންގެ ބައިވެރިވުން ބޮޑެވެ. ކޮންމެ ކައުންސިލެއްގައި މަދުވެގެން ދެގޮނޑި ވަނީ އަންހެނުންނަށް މިލްކު ކުރެވިފައެވެ. 

މި ބަދަލާއެކު ބައެއް މީހުންގެ ފާޑު ކިއުންތައް ވެސް އައެވެ. ގާނޫނު އަސާސީގައި އޮންނަ ހަމަހަމަކަން ގެއްލުނީ ކަމަށް ވެސް އެއް ބަޔަކު ދެކުނެވެ. އެހެން ނަމަވެސް އެގާނޫނު އެގޮތަށް ބަދަލުކޮށް މިހާރު ކޮންމެ ކައުންސިލެއްގައި ވެސް އަންހެނުން ހިމެނެ އެވެ. އޭގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަކީ އޭގެ އިތުރުން އޮތް އިތުރު ބައެކެވެ. އެހެންކަމުން ގާނޫނުން އަންހެނުންނަށް ހުޅުވެމުންދާ ފުރުސަތުތައް މަދޭ ބުނެވޭކަށް ނެތެވެ. 

މިހެން ބުނަން ޖެހެނީ އެއްވެސް ޒަމާނެއްގައި ފިރިހެނުންނަށްޓަކައި ގާނޫނަކަށް ބަދަލު ގެނެވިފައި ނުވާތީ އެވެ. ފިރިހެނުން ބާރުވެރި ކުރުމަށް ވަކި ހާއްސަ މަސައްކަތެއް ކުރެވިފައިނުވާތީ އެވެ. 

ވަޒީފާގެ މާހައުލާއި އެހެނިހެން ކަންކަމުގައި ވެސް ފިރިހެނުންނަށް ވެސް ގޮން ޖެހުން ތަކާއި ކުރިމަތިލާން ޖެހެ އެވެ. އެކަންކަން ހުރި މިންވަރު އެނގޭނީ އެފަދަ ދިރާސާއެއް ކޮށްލީމައެވެ. 

ރާއްޖޭގެ ކަންކަން ހިނގަމުން އަންނަނީ ދިވެހި އާދަކާދަ އާއި ސަގާފަތާއި ދީނީ ކަންކަމުގައި މީހުން ގަބޫލު ކުރާ ގަބޫލު ކުރުން ތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ފަޅިކޮށްފައި އަންހެނުންނަށް 50 އިންސައްތަ ކޮންމެ ކަމެއްގައި ދޭން ޖެހޭނެއޭ ބުނެ ގާނޫނަކު ވިޔަސް ވެރިއެއްގެ ބާރާއި ނުފޫޒުން ވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން އެކަން ހިނގާ ނަމަ ރާއްޖޭގެ އެންމެ މަސްދޯންޏެއް ހަމައެކަނި އަންހެނުން ޝާމިލު ވެގެން ދުއްވާނެ އެވެ. ނުވަތަ ނަރުހުންގެ ގޮތުގައި އަންހެނުންނާ އެއްވަރުގެ އަދަދަކަށް ފިރިހެނުން އުޅޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް