ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ތިން ހޮސްޕިޓަލެއް ތަރައްގީ ކުރަން އިންޑިއާއިން ތިން މިލިއަން ރުފިޔާ ދީފި
ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަކެއް ހިންގުމަށް އިންޑިއާއާ އެކުގައި ރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއި ކުރެއްވިއިރު، އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. 

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުން ފޮރިން މިނިސްޓްރީން ބުނީ، މި ތިން އެއްބަސްވުމަކީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމްކުރުމަށާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރކުރުމަށް ވޯކްޝޮޕެއް ގާއިމްކުރުމަށާއި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކުރުމަށް، ވެވޭ އެއްބަސްވުންތަކެއް ކަމަށެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލް / އިންޑިއާ ސަރުކާރުން ނުވަ ލައްކަ ރުފިޔާގެ ހިލޭ އެހީ

  • ޒަމާނީ ފެންވަރުގެ ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމް ކުރުން
  • ސައުންޑް ޕްރޫފް ސްޓޭޝަނަކާއެކު އޯޑިއޯމެޓްރީ ސެޓަޕެއް ގާއިމުކޮށް އެތަނަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތައް ބަހައްޓައި ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރުން


ހުޅުމާލެ ހޮސްޕިޓަލް / އިންޑިއާ ސަރުކާރުން 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީ 

  •  ޕްރޮސްތެޓިކްސް އަދި އޯތޮޓިކް މެނުފެކްޗަރ ކުރުމަށް ވޯކްޝޮޕެއް ގާއިމު ކުރުން
  • އެތަނަށް ބޭނުންވާ މެޝިނަރީޒްއާއި މެޓީރިއަލް ހޯދައި، އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުން


އިކުއަޓޯރިއަލް ހޮސްޕިޓަލް / އިންޑިއާ ސަރުކާރުން 665،000 ރުފިޔާގެ ހިލޭ އެހީ

  • އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ތަރައްގީ ކުރާ މެންޓަލް ހެލްތު ސެންޓަރަށް އެހީވުން


މި މަޝްރޫއުތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް