އުފުލާފައިވާ ދައުވާތަކުން ސަލާމަތްވެ ޖަލަށް ވަޑައިގަންނަވަން ނުޖެހި ހުންނެވިކަމަށްވާނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޔާމީން ވަނީ އިއުލާންކުރައްވާފައެވެ.
އަނެއްކޮޅުން ޕީއެންސީ ވަނީ އަންނަ ރިޔާސީ އިންތިހާބަށް އެޕާޓީން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން ރޭ އިއުލާންކޮށްފައެވެ.
ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބަދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު އޮންނާނެކަމަށެވެ. އެ ގޮތުން ރައީސް ޔާމީނަށްވެސް އެ ފުރުސަތު އޮންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރިން ޔާމީންގެ އެންމެ އަރިސްކޮށް ހުންނެވުމަށްފަހު މިހާރު ރައީސް ޑރ. މުއިއްޒުގެ އެންމެ އަރިސް ބޭފުޅެެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމަކީ އެއްވެސް ވަރަކަށް ކަންބޮޑުވާކަމެއް ނޫންކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންނަކީ ޕީއެންސީއަށް އޮތް ގޮންޖެހުމެއްތޯ ބުނަން އަދި މާ އަވަސްކަމަށެވެ. އެހެންނަމަވެސް މި ފަސްއަހަރު ނިމި ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ރައީސް ޑރ. މުއިއްޒު ނުކުންނަވާއިރު އެމަނިކުފާނުގެ ތާއީދު މިހާރަށް ވުރެ ބޮޑުވާނެކަމަުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް އަދި ހަތަރު އަހަރު އޮތް އިރި މިހާރުވެސް މިވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ބައެއް ބޭފުޅުން ފަޅުކުރައްވަން ފައްޓާވާފައެވެ. އެގޮތުން ރައީސް ޔާމީންގެ އިތުރު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރަމެރީގައި ވާދަކުރައްވާނެކަން އިއްޔެ ވަނީ އިއުލާންކުރައްވާފައެވެ.