ކައުންސިލަރުން ދެކެނީ ދެގޮތަކަށެވެ. ބައެއް ކައުންސިލަރުން ކުރިއެރުން އަންނަ ކަމަށް ގަބޫލު ކުރާއިރު އަނެއްބައި ކައުންސިލަރުން އެކަން ގަބޫލެއް ނުކުރެއެވެ. އެންމެ ފުރިހަމަ ބާރުތައް ކައުންސިލްތަކަށް ލިބިފައިވާ ކަމަށް ބައެއް ކައުންސިލަރުން ގަބޫލު ނުކުރެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލް ރައީސް މުހައްމަދު އާތިފް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގައި މިދައުރުގައި ވަރަށް ބޮޑު ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ކަންތައް ތަކެއް ވެއެވެ. އޭނާ ވިދާޅުވާގޮތުން ކައުންސިލަށް ބާރު އޮތް ކަންތައް ތަކުގެ ތެރޭގައި ބިނާވެށި ހެދުމާއި، 15 މިލިޔަން ރުފިޔާއަށް ވުރެ ދަށުގެ ޕްރޮޖެކްޓްތައް ހިންގުމަށް ހުއްދަ ނަގަން ނުޖެހުމާއި، ހިންގުމުގެ ބާރާއި، އަމިއްލައަށް ދައުވާ ކުރުމުގެ ބާރަކީ މިހާރު ލިބިފައިހުރި ބާރުތަކެވެ. އެހެންވެ އޭނާ ވިދާޅުވަނީ އަތޮޅާއި ސިޓީތަކާއި ރަށްރަށަށް ދަނީ ބާރުތައް ލިބެމުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނު ވުޖޫދަށް ގެނައީ 17 މެއި 2010 ވަނައަހަރުއެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ގެ ސޮޔާއެކުއެވެ. އެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލީ އެއްބަޔަކު ބުނާ ގޮތުން ބަޣާވާތަކުންނެވެ. އަނެއްބަޔަކު ބުނަނީ ވެރިޔަކަށް އޭރު ހުންނެވި ރައީސް ނަޝީދު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވީ ކަމަށެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އެހާބޮޑު އިސްކަމެއް ދެވުނު ތަނެއް ފެނިގެން ނުދެއެވެ. އަދި އެއީ އެނިޒާމް ގަބޫލު ކުރާ ސަރުކާރެއް ގޮތަށް ފެންނާކަށް ނެތެވެ.
އޭގެ އެންމެ އަލިގަދަ ހެއްކަކީ ހުޅުމާލޭގައި ހިންގަން ފެށުނު ބޯހިޔާވަހި ކަމުގެ ބޮޑު މަޝްރޫއެވެ. މިހާރު ދިވެހީންނަށް ކުރިމަތިވެފައިވާ ތަކުލީފަކަށް ވެފައިވާ މަޝްރޫއެވެ. އޭރު އެ ސަރުކާރުން މިސްރާބު ޖަހާފައި ހުރީ އެމަޝްރޫއުތައް ވަރުގަދައަށް ހިންގައި މުޅި ރާއްޖެ އެއްތަން ކުރުމުގެ ވިސްނުމުގައެވެ.
އެހެންނަމަވެސް އެވިސްނުމަށް ތާއީދު ނުކޮށް ދިވެހީން ރައީސް ޔާމީނުގެ ވެރިކަން ފުރޮޅާލައި 2018 ވަނަ އަހަރު އަނެއްކާވެސް ވޯޓު ދިނީ އެމްޑީޕީ ކޯލިޝަނަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ މިދައުރުގައި ވަނީ އިތުރު އިސްލާހު ތަކެއް ލާމަރުކަޒީ ގާނޫނަށް ގެނެސްފައެވެ. ރައީސް ސޯލިހު ވިދާޅުވަނީ ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ތަރައްގީގެ ބިންގާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ތަސައްވަރަކީ މުޅި ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުއްވީ އެކަމުގެ ނަތީޖާ ހާސިލު ކުރުމަށް ކަމަށެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ވެސް ވަނީ މިހާރު ހަމަޖައްސާފައެވެ.
ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭ ގޮތަށް ވެސް ބިލު ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް މިފައިދާތައް ރަށްރަށް ލިބޭ ކަމަށް ބައެއް ކައުންސިލަރުން ގަބޫލެއް ނުކުރެއެވެ.
ށ.އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ކައުންސިލްތަކަށް އެންމެ އެކަށީގެންވާ ބާރުތަކެއް ނުލިބޭ ކަމަށެވެ.
ށ.އަތޮޅުން މިހާރުވެސް ބައެއް ވިޔަފާރިތައް ހިންގައެވެ. އެގޮތުން ލޯންޗް ސެކްޝަނަކާއި، 14 ކޮޓަރީގެ ގެސްޓް ހައުސްއަކާއި، ފާމަސީއެއް ހިންގައެވެ. އެމަސައްކަތްތައް ކޮށްގެން އަތޮޅުގެ ދަރިވަރުންނަށް ސްޓޫޑެންޑް ލޯންވެސް އެކައުންސިލުން ދަނީ ދޫކުރަމުންނެވެ. ކައުންސިލުން ބުނަނީ މިހާރުވެސް ކޮމްޕެނީގެ ހުއްދަލިބުމާއެކު ވިޔަފާރި ފަށަން 12 މިލިޔަން ރުފިޔާ ހުންނާނެކަމަށެވެ.
ޝިޔާމް ވިދާޅުވީ އަތޮޅުގައި ހުރި ރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫނުކޮށް ހުރި ރަށްރަށް އެ ކައުންސިލާ ހަވާލު ކުރުމަށް މިނިސްޓްރީގައި އެދުމުންވެސް އެކަން ވެފައި ނުވާ ކަމަށެވެ. އަދި އެރަށްރަށް ބެލެހެއްޓޭނެ ކަމާއި އަދި އެރަށްރަށް ބެލެހެއްޓުމަށް އެއްވެސް ފައިސާއެއް ވެސް މިނިސްޓްރީން ބޭނުން ނުވާ ކަމަށް ދެންނެވި ކަމަށެވެ. އަދި އެރަށްރަށުން ނަފާ ނެރެވޭނެ ގޮތްތައްވެސް މިނިސްޓްރީއަށް ހުސަހަޅާފައިވާނެ ކަމަށެވެ.
ލާމަރުކަޒީ އުސޫލުން ހިންގަން ފަށައި ކޮންމެވެސް ވަރެއްގެ ބާރުތަކެއް ރައްޔިތުންނަށް އަންނަނީ ލިބެމުންނެވެ. އެހެންނަމަވެސް އޭގެ އެންމެ ފޮނި މީރުކަން އަދިވެސް ލިބެމުން ނުދާކަމަށް ބައެއް ކައުންސިލަރުން ބުނެއެވެ.އެހެން ނަމަވެސް އަދިވެސް އެކަން ގަބޫލުނުކުރެވޭ ކައުންސިލްތައް އެބަ ހުއްޓެވެ. އަދިވެސް ކަންކަން ކުރުމަށް ހުރަސްތަކެއް ހުރީމައެވެ.