ads
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް--
ޝަހީބު ބޭސްފަރުވާއަށް ދޫކުރި މައްސަލަ: ހައިކޯޓުން ނިންމީ އެވަރުގެ ބައްޔެއް ނެތްކަމަށް!
ކަންނެލި ދޯނިން ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދޫކޮށްލި ނިންމުން މިއަދު ހައި ކޯޓުން ބާތިލްކޮށް، އެދެމީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

އެމައްސަލާގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެދެމީހުން ބަންދުން ދޫކޮށްލައިފައިވާ ހަމައެކަނި ސަބަބަކީ، އެ ފަރާތްތަކުގެ ބަލި ހާލަތަށް ރިއާޔަތްކުރުމަށްފަހު އެ ސަބަބު އެއީ ސަބަބެއް ކަމުގައި ބަލައިގެން ކަމަށެވެ.

ނަމަވެސް އެދެމީހުން ބަންދުގައި ބަހައްޓައިގެން ފަރުވާ ނުދެވޭ ބައްޔެއް އެ ފަރާތްތައް ތަހައްމަލުކުރަމުން ނުދާ ކަމަށާއި އެކަށީގެންވާ ގޮތުގައި ބޭސްފަރުވާ ކުރެވެމުންދާކަން ސާފުކޮށް ފެންނަން އޮތް ކަމަށެވެ. އަދި ފުރާނައަށް ނުރައްކާވާހާ ބޮޑު ބައްޔެއްވެގެން ވަގުތުން ދޫކޮށްލަން ޖެހޭ ފަދަ ކަމެއް ދެމީހުންކުރެ އެކެއްގެ ގައިގާވެސް ހުންނަކަން ފާހަގަކޮށް، އެއިން އެއްވެސް މީހަކަށް އެފަދަ ލިއުމެއް ދިންކަންވެސް އެގެން ނެތްކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެދެމީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވާތީ އެ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށެވެ. މީގެ އިތުރުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މީގެ ކުރިން ކޮށްފައިވާ އަމުރު ދެމިއޮތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޝަހީބް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ފުލުހުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. 

އެ މައްސަލައިގައި ޝަހީބްގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެެވެ. އެ މައްސަލައިގައި ޝަހީބްގެ މައްޗަށް އުފުލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެމައްސަލާގައި މިވަގުތު ޕީއެންސީގެ ކައުންސިލު މެމްބަރުކަމުން ވެސް އޭނާ ވަނީ ސަސްޕެންޑު ކޮށްފައެވެ. 130 ކިލޯގެ ޑްރަގްގެ މައްސަލައިގައި ޝަހީބަކީ ފުލުހުން ތުހުމަތުކުރާ އެންމެ އިސް މީހާއެވެ. ޝަހީބު އާއި އަހުމަދު މޫސާ ބޭސްފަރުވާއަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ މިމަހުގެ ހަވަަނަ ދުވަހު އެވެ. 

ޝަހީބްގެ ބޭސްފަރުވާއަށް އެދި އެދުވަހުގެ އަޑުއެހުމުގައި އޭނާގެ ވަކީލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އޭނާ އަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމަށާއި ނަފްސާނީ އިތުރު ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވުން ހިމެނެއެވެ. ޝަހީބުގެ ވަކީލު ވިދާޅުވީ އެކަން ކަރެކްޝަނުން ނުކުރާ ކަމަށާއި ޑޮކްޓަރުން ދޭ ލަފާވެސް އޮޅުވާލަމުން އަންނަ ކަމަށެވެ. 

ނަމަވެސް ދައުލަތުން ވަނީ އެކަން ދޮގުކޮށްފައެވެ. ދައުލަތުން ބުނީ، އެކަން ކަން ކުރަމުންދާ ކަަމަށާއި، އެންމެ ފަހުން ހެދި ޓެސްޓްތަކުން ވެސް ދައްކަނީ، ޝަހީބުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަން ކަމަށެވެ.

އަހުމަދު މޫސާގެ ވަކީލުން ފާހަގަކުރީ ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫނީ ބަންދުން ދޫނުކުރެވޭ ގޮތަށް މަތީ ކޯޓުތަކުން ނިންމާފައި ނިންމެވުމެވެ. އެހެންކަމުން ބަންދާ މެދު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ. 

ނަމަވެސް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް، އެދުވަހު އަހުމަދުގެ ސިއްހީ ފަރުވާއާ ގުޅޭ ކަންކަން ދައުލަތުގެ ކިބައިން ސާފުކުރައްވަން ސުވާލުކުރުމުން މީގެ ދެ މަސް ކުރިން އަހުމަދު މޫސާ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އިތުރު ޓެސްޓްތަކެއް ހަދަން ލަފާ ދިންނަމަވެސް، ކަރެކްޝަންސްގެ މުވައްޒަފުންގެ ދަތިކަން ހުރުމުން އެކަން ނުކުރެވޭކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ. 

އެ ކަންކަން ކަރެކްޝަނާއިއެކު ވަރަށް އަވަހަށް ކުރާނެ ކަމަށް ދައުލަތުން ބުނިނަމަވެސް ޓެސްޓެއް ނުހެދި، ދެ މަހަށް ވުރެ ދިގުވެެގެން ދިއުމުން ގާޒީ އެދުވަހު ނިންމެވީ މީގެ ކުރިން ދިން ފުރުސަތުތަކުގައި ދައުލަތުން އެކަންކަން އެންމެ ފުރިހަމަ ކޮށްފައިނުވާތީ ދެމީހުންވެސް ދެ މަހަށް ބޭސްފަރުވާއަށް ދޫކޮށްލަން އަންގަވާފައެެވެ. 

އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށް އެދުނީ، އެދެމީހުން ބަންދުން ދޫކުރަންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ އަމުރުތައް ބާތިލްކޮށްދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް