ads
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް--
ޑްރަގް މައްސަލާގައި ހައްޔަރުކުރި ޝަހީބު ބޭސްފަރުވާއަށް ދޫކޮށްލައިފި
ކަންނެލި ދޯނިން ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް ބޭސްފަރުވާއަށް ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

ޝަހީބް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ފުލުހުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. 

އެ މައްސަލައިގައި ޝަހީބްގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެެވެ. އެ މައްސަލައިގައި ޝަހީބްގެ މައްޗަށް އުފުލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެމައްސަލާގައި މިވަގުތު ޕީއެންސީގެ ކައުންސިލު މެމްބަރުކަމުން ވެސް އޭނާ ވަނީ ސަސްޕެންޑު ކޮށްފައެވެ. 130 ކިލޯގެ ޑްރަގްގެ މައްސަލައިގައި ޝަހީބަކީ ފުލުހުން ތުހުމަތުކުރާ އެންމެ އިސް މީހާއެވެ. ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ޝަހީބު އާއިއެކު އެކަމުގައި ތުހުމަތުކުރެވޭ ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ވެސް ބޭސްފަރުވާއަށް ވަނީ ދޫކޮށްލާފައެވެ.

އެ ދެ މީހުން ދޫކޮށްލީ ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުން ފަދަ ޝަރުތުތަކެއް މަތި ކުރުމަށްފަހު ދެ މަހަށެވެ. 

ބަންދުން ދޫކޮށްލަން އެދުނީ ކަސްރަތު ކުރުމާއި، ނަފްސާނީ ޓެސްޓެއް ހަދަން ޑޮކްޓަރު ލަފާދީފައިވާތީ

ޝަހީބްގެ ބޭސްފަރުވާއަށް އެދި އަޑުއެހުމުގައި އޭނާގެ ވަކީލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އޭނާ އަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމަށާއި ނަފްސާނީ އިތުރު ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވުން ހިމެނެއެވެ. ޝަހީބުގެ ވަކީލު ވިދާޅުވީ އެކަން ކަރެކްޝަނުން ނުކުރާ ކަމަށާއި ޑޮކްޓަރުން ދޭ ލަފާވެސް އޮޅުވާލަމުން އަންނަ ކަމަށެވެ. 

ނަމަވެސް ދައުލަތުން ވަނީ އެކަން ދޮގުކޮށްފައެވެ. ދައުލަތުން ބުނީ، އެކަން ކަން ކުރަމުންދާ ކަަމަށާއި، އެންމެ ފަހުން ހެދި ޓެސްޓްތަކުން ވެސް ދައްކަނީ، ޝަހީބުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަން ކަމަށެވެ.

އަހުމަދު މޫސާގެ ވަކީލުން ފާހަގަކުރީ ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫނީ ބަންދުން ދޫނުކުރެވޭ ގޮތަށް މަތީ ކޯޓުތަކުން ނިންމާފައި ނިންމެވުމެވެ. އެހެންކަމުން ބަންދާ މެދު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ. 

ނަމަވެސް އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް، އަހުމަދުގެ ސިއްހީ ފަރުވާއާ ގުޅޭ ކަންކަން ދައުލަތުގެ ކިބައިން ސާފުކުރައްވަން ސުވާލުކުރުމުން މީގެ ދެ މަސް ކުރިން އަހުމަދު މޫސާ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އިތުރު ޓެސްޓްތަކެއް ހަދަން ލަފާ ދިންނަމަވެސް، ކަރެކްޝަންސްގެ މުވައްޒަފުންގެ ދަތިކަން ހުރުމުން އެކަން މިހާތަނަށް ނުކުރެވޭކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ. 

އެ ކަންކަން ކަރެކްޝަނާއިއެކު ވަރަށް އަވަހަށް ކުރާނެ ކަމަށް ދައުލަތުން ބުނިނަމަވެސް ޓެސްޓެއް ނުހެދި، ދެ މަހަށް ވުރެ ދިގުވެެގެން ދިއުމުން ގާޒީ ވަނީ މީގެ ކުރިން ދިން ފުރުސަތުތަކުގައި ދައުލަތުން އެކަންކަން އެންމެ ފުރިހަމަ ކޮށްފައިނުވާތީ ދެމީހުންވެސް ދެ މަހަށް ބޭސްފަރުވާއަށް ދޫކޮށްލަން އަންގަވާފައެެވެ. 

ދެމަހުގެ ބޭސްފަރުވާއަކަށް ބަންދުން ދޫކޮށްލަން ނިންމިއިރު، ޝަހީބު ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ބަންދުން ދޫކޮށްލިއެވެ. އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އަމަރުކުރީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަހީބު ބަންދުކުރުމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް