ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާގެ ދިފާއުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވަނީ އީވާ ހިންނަވަރަށް ވަޑައިގެންނެވުމުން "ބަޔަކު ފޮނުވައިގެން "ބޭވީ"(ލަފާކުރެވެނީ ލިއުމުގެ ވިދާޅުވާން އުޅުނީ "ބޭލީ" ކަމަށް ނަމަވެސް "ބޭވީ" ޖެހިފައިވަނީ ލިއުމުގެ ކުށަކުން ހެން) ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއިއެކު "ދެން އިބޫއަށް ގަލޮޅުން އެހެން ހަދަންވީތަ؟" މިގޮތަށް ރައީސް ނަޝީދުގެ މެސެޖުގައި ސުވާލުކުރައްވާފައި ވެއެވެ.
އީވާ އެރަށަށް ވަޑައިގެންނެވުމުން މިކަން މިމަގުން ހިނގާފައިވާކަން "ސީއެންއެމް" އަށް މިކަން އެ ޕާޓީގެ މެމްބަރަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. އަދި ސީދާ ވަގިތެއްވެސް ވިދާޅެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރައްވާ ކެމްޕޭންގައި އިސްކޮށް ހުންނަވާ ރަށްރަަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެކަމަނާ ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އެ ޓީމުން މިއަދުގެ ވަގުތެއްގައި ދަނީ ޅ. އަތޮޅުގެ ރަށްތަކަށް ދަތުރުތަކުގެ މިސްރާބުޖަހާ އެރަށްރަށަށް ވަޑައިގަންނަވަމުންނެވެ. ބެލެވޭ ގޮތުގައި މިކަމެއް ހިނގާފައި މިވަނީ މިއަދުގެ ވަގުތެއްގައި އެ ދަތުރުތަކުގެ ތެރެއިން ހިންނަވަރަށް ވަޑައިގެންނެވުމުންނެވެ. މިވަގުތު ރައީސް ސޯލިހުވެސް ހުންނެވީ ހިންނަވަރުގައެވެ.
ހިންނަވަރަށް ވަޑައިގެންނެވުމުން އީވާ ބާލާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރޭގެ ވަގުތެއްގައި ރައީސް ނަޝީދު ވަޓްސް އެޕް ގުރޫޕުގައި ވަނީ، ސަރުކާރުން އެ ޕާޓީ އާއި ވަކިވާން ބޭނުންވާ ކަމުގެ އިޝާރާތެއްވެސް ދެއްވާފައެވެ.
ރޭ ނަޝީދު އެ ގުރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވީ، "މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން" ކަމަށެވެ. ކޯލިޝަނަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ، މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ.