ދިއްދޫ ސުކޫލުގައި ތައުލީމް ހާސިލް ކުރަމުން ދަނީ ޖުމްލަ 23 ދަރިވަރުންނެވެ. އެ ސުކޫލުގައި ތިބީ ނުވަ ޓީޗަރުންނެވެ. އަދި އިދާރީ އެއް މުއައްޒަފެކެވެ.
އެ ސުކޫލުގެ ބެލެނިވެރިއަކު މިއަދު "ސީއެންއެން" އަށް ބުނީ ސުކޫލަށް ދަރިވަރުން ނުފޮނުވަނީ ދިއްދޫ ސުކޫލާއި ދޭތެރޭ އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރާ ނިކަމެތި ގޮތެއްގެ ސަބަބުން ކަމަށެވެ. މިވަގުތު ޓީޗަރުން ހަމަ ނަމަވެސް އެ ސުކޫލުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވާކަމަށް ބެލެނިވެރިޔަކު ބުންޏެވެ.
އިތުރަށް އެ ބެލެނިވެރިޔާ ބުނީ ސުކޫލުގައި ޕްރިންސިޕަލެއް ނެތްތާވެސް މިހާރު ހަތަރުމަސް ވެފައިވާ ކަމަށެވެ.
" އެޑިއުކޭޝަނުގައި އެދެވިއްޖެ ޕްރިންސިޕަލަކު ހޯދަން. ސުކޫލުގައި އިތުރު ހަރަކާތެއް ނޯވޭ. އިދާރީ އެންމެ މުއައްޒަފަކު ހުރީ. ފަންކާ ނެތިގެން އެއްކުލާސް އަނެއް ކުލާހާ އެއްކޮށް ކިޔަވައި ދެނީ. މިނިސްޓްރީގައި އެދުނަސް އެއްވެސް ކަމަކަށް ހައްލެއް ނުލިބޭ," އެ ބެލެނިވެރިޔާ ބުންޏެވެ.
މާއްދާތައް ކިޔަވައިދޭން ކައިރި ރަށްރަށުން ޓީޗަރުން ލިބުނަސް އެ ގޮތަށް ލިބޭ ޓީޗަރުންނަށް ރަށުގައި ތިބެން ދަތިވާތީ އެ ފުރުސަތު ހަނި ވެފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ. އެ ބެލެނިވެރިޔާ ބުނީ އެ ގޮތަށް އަންނަ ޓީޗަރުން ތިބެން ޖެހެނީ ކުލީގައި ކަމަށްވާއިރު، އިތުރު އެލަވަންސެއްވެސް މިނިސްޓްރީން ހަމަ ޖައްސާފައި ނުވާ ކަމަށެވެ.
"މިިނިސްޓްރީ އާއި ވާހަކަ ދައްކައިގެން ގެނައި ޓީޗަރެއް އެލެވެންސްތައް ހަމަޖައްސާނެ ކަމަށް ބުނުމުން. އެެލެވެންސެއް ނުލިބުނު އެންމެ ފަހުން އެ ޓީޗަރު ދިޔައީ. ބެލެނެވެރިން މަސައްކަތް ދުވަހާއި އެކި ދުވަސްތައް ފާހަގަ ކޮށްގެން އެގޮތަށް ތިބޭ ޓީޗަރުންގެ ތިބުމާއި ހުރުން ހަމަ ޖައްސަމުން މިދަނީ. އެޑިއުކޭޝަނުގެ ޒިންމާ އެއް ނެތް،" އެ ބެލެނެވެރިޔާ ބުންޏެވެ.
މިކަންތައް ތަކުރާރުވާތީ ސުކޫލުގެ ހުރިހާ ބެލެވެރިން ނިންމީ ދަރިވަރުން ސުކޫލަށް ފޮނުވުން ހުއްޓާލުމަށް ކަމަށް އެ ބެލެނެވެރިޔާ ބުންޏެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދިއްދޫ ސުކޫލުގެ ބެލެނެވެރިން ވަނީ ސުކޫލަށް ދަރިވަރުން ކިޔަވަން ފޮނުވުން ހުއްޓާލާފައެވެ.
ދިއްދޫ ކައުންސިލް ރައީސް އަހުމަދު މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ މި ރަމަޟާން މަސް ފެށުމުގެ ކުރިން ސުކޫލުގެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އާއި ބައްދަލު ކުރައްވާ ދިއްދޫ ސުކޫލުގެ ހުރި ކަންބޮޑު ވުން ތައް ހިއްސާ ކުރެއްވި ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން މައުލޫމާތު ސާފު ކޮށްލުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ސީއެންއެމްއިން ގުޅުމުން ފޯނު ނުނަންގަވާތީ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.