ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރުމަށް ބީއެމްއެލްގެ އެހީ
މުހައްމަދު ރީހާން
28 އޭޕްރީލް 2022 - 12:21:19
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
މިއީ މިއަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
އެހީގެ ދަށުން އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމްކުރުމާއި، މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި، އެތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
"މި މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދާދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ތަރައްގީގެ މަސައްކަތާއެކު މުހިންމު ބަދަލުތަކެއް ބޭނުންވެފައިވާ ތަންތަނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަންކަމުގައި ވެގެންދާނެ. މިގޮތުން، އަލަށް ހެދޭ ކުޑަކުދިންގެ ވޯޑާއެކު މިތަނުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލުމަށް ހާއްސަތަނެއް ގާއިމްވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިއެވެ.
އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
- މާރޗު: ސްމޯލް ގްރާންޓްސް
- ފެބުރުއަރީ: ހައުސިންގ ގްރާންޓް
- ޖެނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
- ޑިސެމްބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް