ads
ބަނޑުބޮޑު މީހެއް
މާލެ ހޮސްޕިޓަލަކުން ބައިގެންދިޔަކަމަށް ނިންމާ، ބަނޑުދޮއްވިއިރުވެސް ކުއްޖާ ބަނޑުގައި އޮތް!
ފުރަތަމަ ދަރިފުޅު ދިޔައީ ބައިގެން، ދެވަނަ ދަރިފުޅުވެސް ބައިގެން ދިޔަކަމަށް ބުނި
ބަނޑުދޮންނަންޖެހޭކަމަށް ބުނެ ފައިސާ ނެނގި އެކަމަކު އޭރުވެސް ބަނޑަށް 2 މަސް
ކްލިނިކަކަަށް ދެއްކުމުން ބުނީ ބައިގެން ނުދެޔޭ، ދޮވެފަވެސް ނެތޭ
ނަން ނުޖެހުމަށް ޝަރުތުކޮށް އެ ހާދިސާ ކުރިމަތިވި އަންހެންމީހާގެ ފިރިމީހާ “ސީއެންއެމް”އަށް ކިޔައިދިންގޮތުން ފުރަތަމަ ދަރިއަށްވެސް ބަނޑުބޮޑުވެފައި ހުއްޓާ، ދިޔަައީ ބައިގެންނެވެ.
Advertisement

އޭރު ކުރި އެކި ޓެސްޓުތަކުން އެގުނުގޮތުގައި ދަރިފުޅު ބައިގެންދިޔައީ ރަހިމުގައި އުފެދި ބޮޑުވަމުންދާ ސިސްޓެއްގެ ސަބަބުންނެވެ. އެކަމަށްޓަކައި އެދެމަފިރިން ދަނީ ފަރުވާވެސް ކުރަމުންނެވެ.

ދެވަނަ ދަރިއެއްގެ އުފާވެރި ހަބަރު ލިބުނީ ކައިވެންޏަށް ދެ އަހަރުވީފަހުންނެވެ. މިފަހަރުވެސް ކުއްޖާ ބައިގެން ގޮސްދާނެކަމަށް އެންމެ ފުރަތަމަވެސް ޑޮކްޓަރު ލަފާދެއްވިއެވެ. 

ބަނޑަށް ތިން ހަފްތާގައި ލޭ ފައިބާތީ އަނެއްކާވެސް އަނބިމީހާ ގޮވައިގެން އެމަޖެންސީގައި ހޮސްޕިޓަލަށް ދާންޖެހުނެވެ. މާލޭގައި ހުރި އެންމެ ބޮޑު ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަށް ގޮސް ދެއްކުމުން ދިނީ ދަރިފުޅު ބައިގެންދިޔަ ކަމުގެ ހިތާމަވެރި ހަބަރެވެ. އެފަދަ ކަމަކަށް ލަފާކުރެވިފައި އޮތުމުން އެއީ ލިބުނު ސިހުމެއް ނޫނަސް، ހިތާމަވެރި ހަބަރެކެވެ.

ބައިގެންދިޔަކަމަށް ޑޮކްޓަރު ވިދާޅުވުމުން ދެން އޮތީ ބަނޑުދޮވުމުގެ ކަންކަން ކުރުމެވެ. 

ބަނޑުދޮވުނުތާ ދެ ހަފްތާ ވީއިރު، އަނބިމީހާއަށް އޭނާ އަދިވެސް ބަނޑުބޮޑުކަމަށް އޮތް ޝައްކު ފިލައިގެނެއް ނުދިޔައެވެ. އެހެންކަމުން ޓެސްޓުކިޓަކުން ޓެސްޓުކުރަން އަނބިމީހާ ބޭނުންވީއެވެ. ނަތީޖާ ނިކުތީ ޕޮޒިޓިވްވެގެންނެވެ. 

“ޓެސްޓުގެ ނަތީޖާއިން ދެއްކީ އަދިވެސް އަނބިމީހާ ބަނޑުބޮޑުކަމަށް. ހައިރާންވާންޖެހުނު ސަބަބަކީ މީގެ ހަފްތާއެއް ކުރިން ބައިގެން ދިޔަކަމަށާއި ބަނޑުދޮންނަންް ޖެހޭކަމަށަ ބުނެ، ހޮސްޕިޓަލުން ބަނޑުދޮވުނީ. އެކަމަށް ލާރިވެސް ނެނގި. އެކަމަކު ތަކުރާރުކޮށް ބެލީމަވެސް ހަމަ އެއް ނަތީޖާއެއް އަންނަނީ. ބަނޑު ނުދަންނަނީ ކަމަށް މި ބަލަނީ، އެއީ ދޮވުނުނަމަ ބަނޑުގައި ކުއްޖާ ނޯންނާނެކަމަށް ފަހުން ދެއްކި ޑޮކްޓަރު ވިދާޅުވި”އޭނާ ބުންޏެވެ.

އަނެއްދުވަހު ހޮސްޕިޓަލަށް ގޮސް ޓެސްޓުކުރިއިރުވެސް ދެއްކީ ބަނޑުބޮޑު ކަމަށެވެ. 

ހޮސްޕިޓަލަށް އިތުބާރު ނެތުމުން ފަހުން ދެން އެދެމަފިރިން ދެއްކީ ކްލިނިކަކަށެވެ. އެތަނުން ހެދި ސްކޭނުން އެގުނުގޮތުގައި ބަނޑަށް އޭރު ދެމަސްވެއްޖެ އެވެ.  

އިތުރަށް ހެދި ޓެސްޓުތަކުން އެގުނީ ރަހިމުގެ މަތީގައި އުފެދިފައިވާ ފައިބްރިޑެއް އިންކަމެވެ. ނަމަވެސް މިފަހަރު ވަރަށް ކުޑައެވެ. އެހެންކަމުން ދަރިފުޅަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި، ދަރިފުޅު ރަނގަޅުކަމަށް ފަހުން ދެއްކި ޑޮކްޓަރުން ބުންޏެވެ.  

“ފަހުން ދެއްކި ޑޮކްޓަރު ވިދާޅުވީ، ފައިބްރިޑް ވަރަށް ކުޑައޭ އޭގެ ސަބަބުން އެއްވެސް އަސަރެއް އިރާދަކުރެއްވިއްޔާ ދަރިފުޅަށް ނުކުރާނެއޭ. ދަރިފުޅު ރަނގަޅޭ ބައިގެންވެސް ނުދެޔޭ. ޑޮކްޓަރު ވިދާޅުވި ބަނޑުދޮވުނުނަމަ ކުއްޖާ ނޯންނާނޭ. އެކަމަކު ބަނޑުދޮވުނުކަމުގެ ފައިސާވެސް އެ ހޮސްޕިޓަލުން ނެގި. ވަރަށް ދެރަކަންކަން މިހުންނަނީ. އަހަރެންމެން ހުރިހާ އިތުބާރެއް ކުރަން އޮތް ބޮޑެތި ހޮސްޕިޓަލުތަކަށް ރަހިމުގައި ކުއްޖަކު އޮތްއިރުވެސް ނޭނގުނުކަން، ބައިގެން ދިޔައީމާވެސް ނުވަތަ ނުދިޔަޔަސް ނޭނގޭތީ. އަދި އެކަން އެއްކައިރީ ބާއްވާ، ބަނޑުދޮވުނުކަމަށް ބުނަންވީ ސަބަބެެއް އަޅުގަނޑަށް ހަމަ ނުވިސްނުނު. ސިއްހީ ނިޒާމު ކަނޑައީކަމެއް ފަރުވާކުޑައީ ކަމެއް ނުވަތަ އޮޅުވާލަނީ ކަމެއް ނޭނގޭ. މިއީ ކުދިކުދި ކަންކަމެއް ނޫން. ދެ ފުރާނައެއްގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު އޮތް ސުވާލެއް މިއީ. “ އޭނާ ބުންޏެވެ.

އޭނާގެ އަންހެނުން ބަނޑަށް މިހާރު ތިން މަހެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ދަނީ ބަލަމުންނެވެ.

އެދަމަފިރިން މިހާރު ދަނީ އިތުރު ޓެސްޓުތަކެއް ވެސް ހައްދާ، ޑޮކްޓަރުގެ ލަފާގެމަތިން ކުއްޖާ އުފަންވާއިރު އެއްވެސް އުނިކަމެއް ހުންނާނެތޯވެސް ބަލަމުންނެވެ. 

ޒުވާން މި ދެމަފިރިންގެ އުންމީދަކީ ދެ އަހަރުގެ ދިގު އިންތިޒާރަށްފަހު ލިބުނު އަލަތު ދަރިފުޅު ދުޅަ ހެޔޮ ސިއްހަތެއްގައި އެދެމަފިރިންނާއި ބައްދަލުކުރުމެވެ. 

ނޭނގުމެއްގެ ތެރޭގައި އަތުން ބީވެ ނުދިޔައީވެސް ކިރިޔާއެވެ. އެދެމަފިރިންގެ ދުއާއަކީ އެފަދަ ދުވަހެއް ނައުމެވެ. 

މިއީ ދާދިފަހުން ހިނގައިދިޔަ ހާދިސާއެކެވެ. މި އާޓިކަލަށް މައުލޫމާތު ހިއްސާކުރި ދެމަފިރިން ހޮސްްޕިޓަލުގެ ނަން ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ ދެންވެސް ބޮޑު ބައްޔެއްވެއްޖެނަމަ ދާންއޮތްތަނަކީ އެއީ ކަމަށް ވުމުންނެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސިއްހީ ނިޒާމުގެ ކަޑަކަމުން ނުވަތަ ފަރުވާކުޑަކަމުން އެތައް ބަޔަކަށް މިފަދަ ގެެއްލުންތައް ދަނީ ލިބެމުންނެވެ. 

މިއީ މިފަދަ ކުރިއަރާފައިވާ އީޖާދީ ތަރައްގީއާއެކު ވެސް ރާއްޖޭގެ ސިއްހީ ނިޒާމު ހީނަރުވެފައިވާ ކަން ދައްކުވާދޭ ހިތާމަވެރި މަންޒަރުތަކާއި އަޑުތަކެވެ. 

ސިއްހީ ނިޒާމަކީ އަސާސީ ހައްގެެއް ކަމަަށްވާއިރު، ކޮންމެ ފަހަރަކު މިފަދަ ކަމެެއް ދިމާވުމުން “ސޮރީ” އަކުން ނުވަތަ “އޮޅުމަކުން” ނިންމާ ލެވޭ ވަރަށްވުރެ މިއީ ސީރިއަސް މައްސަލައެކެވެ. 

12%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް