ads
ރިޔާސީ ބަޔާނުގައި ރައީސް ވާހަކަދައްކަވަނީ
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު މާދަމާ ރައީސް އިއުލާން ކުރައްވަނީ
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނަން ނިންމާފައިވާ ހެޔޮ ބަދަލުގެ ތަފްސީލް މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވަން ނިންމަވައިފިއެވެ.
Advertisement

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ރައީސް ސޯލިހު ވިދާޅުވީ، ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މޭ މަހުން ފެށިގެން ބޮޑުކުރަން ނިންމާފައި ވާކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ގައުމު ބިނާ ކުރުމުގެ އެންމެ މުހިއްމު އަދި އެންމެ ބުރަ މަސްއޫލިއްޔަރު އަދާ ކުރަމުންދަނީ ޓީޗަރުން ކަމަށާއި، ޓީޗަރުންގެ އުޖޫރަ ބޮޑުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެވައުދު މި އަހަރު ތެރޭ ފުދިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.   

"ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން. އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އަޅުގަނޑުމެންގެ ވައުދެއް. އަންނަ މޭ މަހުން ފެށިގެން ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް." ރައީސް ވިދާޅުވިއެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު މާދަމާ ރައީސް އިއުލާން ކުރައްވަން ނިންމަވާފައި ވާކަމަށެވެ. އަދި އެކަމުގެ ތަފްސީލްތައް މާދަމާ އެމަނިކުފާނު ހިއްސާ ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނިންމާފައި ވާއިރު، ގިނަ ޓީޗަރުންގެ ކަންބޮޑުވުމަކީ މިހާރު އޮންނަ އޮނިގަނޑުގެ ސަބަބުން އެއްވެސް އިންސާފުވެރިކަމެއް ނެތް ކަމެވެ.

އެގޮތުން ބައެއް ޓީޗަރުން ބުނި ގޮތުގައި، މިހާރު އޮންނަ އުސޫލަށް ބަލާއިރު، ސުކޫލަށް ނައިސް ސަލާމުގައި ތިބޭ ޓީޗަރުންނާއި، ގަވައިދުން ސްކޫލަށް އައިސް ދަރިވަރުންނަށް ކިޔަވައިދިނުމުގައި އުޅޭ ޓީޗަރުންނަށް ލިބެނީ ހަމަހަމަ މުސާރައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަހަރު މާޔޫސްވާކަމަށް ބައެއް ޓީޗަރުން ވަނީ ބުނެފައެވެ.  

މީގެ އިތުރުން ބައެއް ޓީޗަރުން ބުނީ، ސްކޫލުގެ އިސްވެރިންނާއި ހާއްސަ ގުޅުން އޮންނަ ޓީޗަރުންނަށް ސްކޫލު ތެރޭ ކަންކަން ކުރަން ފަސޭހަވެގެން ދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެސް ބައެއް ޓީޗަރުން ނާޖާއިޒް ފައިދާ ނަގާކަމަށް އެފަރާތުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް