
އިންޑިއާގެ އުތްރަޕްރަދޭޝްއަށް އުފަން މި ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އުމުރުން 40 އަހަރުގެ ދަރިމައިނުވާ އަންހެނަކާއި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި ކާފަ ދަރިފުޅު ވަގަށް ނެގުމުގެ ހިޔާލު ފިރިހެން މީހާއަށް ދިނީ މި އަންހެން މީހާ ކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ.
އެ ފިރިހެން މީހާ އުމުރުން އެންމެ އެއް މަހުގެ އެ ތުއްތު ކުއްޖާ ވަގަށް ނެގިކަން އެނގުނީ، ތުއްތު ކުއްޖާ ގެއްލިގެން އެ ކުއްޖާގެ މައިންބަފައިން ފުލުހުންނަށް މައްސަލަ ހުށައެޅުމުންނެވެ. މިމަހުގެ 20 ވަނަ ދުވަހު ފުލުހަށް މައްސަލަ ހުށައަޅަމުން ދިން ބަޔާނުގައި އެ ކުއްޖާގެ މައިންބަފައިން ބުނެފައިވަނީ، އެ ކުއްޖާގެ ކާފަ ގޭގައި ހުރުމުން އެކުއްޖާ ނިންދަވާފައި އެ ދެ މީހުން ބޭރަށް ގޮސް އައި އިރު، އެކުއްޖާ ފެންނަން ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން އެކުއްޖާގެ ކާފަ އާއި ސުވާލު ކުރުމުން ކުއްޖާ ވީތަން ނޭނގޭ ކަމަށާއި، ފާހާނައަށް ވަދެފައި އައި އިރު ކުއްޖާ ފެންނަން ނެތް ކަމަށް ބުނި ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި އެ ދެމަފިރިން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން އެ ފިރިހެން މީހާ ހައްޔަރުކޮށް ސުވާލު ކުރުމުން އެކުއްޖާ ވަގަށް ނުނަގާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ ލޯބިވެރިޔާއަށް ހަދިޔާ ކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ. އަދި އެކަން ކުރީ އެ ދެމަފިރިންނަށް ވުރެ ރަނގަޅަށް އެ ކުއްޖާ އަންހެން މީހާ ބަލާނެތީ ކަމަށްވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން އެ ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ ހައްޔަރުކޮށް އެ ތުއްތު ކުއްޖާ މިހާރު ވަނީ މައިންބަފައިންނާއި ހަވާލު ކޮށްފައެވެ.