ads
ޒުވާން ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އޭނާގެ މައިން ބަފައިންނާއެކު
އުމުރުން އެންމެ 12 އަހަރުގައި ދީމާ އެޕާޓުމަންޓެއް ގަނެފި
ޒުވާން ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އުމުރުން އެންމެ 12 އަހަރުގައި އެޕާޓުމަންޓެއް ގަނެއްޖެއެވެ.

މިކަން ހާމަކުރެއްވީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފެވެ. 

މަހުލޫފު ވިދާޅުވީ ދީމާގެ ބައްޕަ އޭނާއަށް ގުޅާއި ދީމާ އެޕާޓުމަންޓެއް ގަތް ވާހަކަ ބުނިކަމަށެވެ. އެޕާޓުމަންޓު ގަތީ ސަރުކާރުން ދޭ މުސާރައާއި ކުޅެގެން ލިބުނު އިނާމުތަކުގެ ފައިސާއިން ކަމަށެވެ. 

"އެތްލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެ ސިޔާސަތުގެ ދަށުން ދެމުން ގެންދާ ފައިސާގެ އިނާމާއި މުސާރައިގެ ހެޔޮ ބަދަލު ފެންނާތީ ވަރަށް އުފާވޭ،" މަހްލޫފް ވިދާޅުވިއެވެ.

ބައިނަލް އަގްވާމީ ޓޭބަލް ޓެނިސް ފެޑޭރޭޝަން- އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ރައީސް ތޯމަސް ވައިކަޓް، ޒުވާން ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޓީޓީ ފާތިމަތު ދީމާ އަލީ އަށް ދާދިފަހުން ވަނީ ތައުރީފު ކުރައްވާފައެވެ. 

ތޯމަސް ވައިކަޓް، ދީމާއަށް ހިއްވަރު ދެއްވާފައިވަނީ ދިވެހި މީޑިއާތަކަށް ފޮނުއްވި ވީޑިއޯ ކްލިޕެއްގައެވެ.

ދީމާއަށް ހިއްވަރު ދެއްވާ، ވައިކަޓް ވިދާޅުވީ، ރާއްޖޭގައި ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިޔެއް އެބަހުރި ކަމަށެވެ. އަދި ބައިނަލް އަގްވާމީ ޓޭބަލް ޓެނިސް ފެޑެރޭޝަނުން ކުރިއަށް ގެންދާ، ވޯލްޑް ހޯޕްސް ޕްރޮގްރާމްގައި ދީމާ ބައިވެރިވެފައިވާކަންވެސް ވައިކަޓްވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ އެއް އެތްލީޓްކަމަށްވާ، ދީމާ، ވޯލްޑް ހޯޕްސް މުބާރާތުން ފުރުސަތު ހޯދީ 2019 ވަނަ އަހަރު ތައިލެންޑުގައި އޮތް އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީގެންނެވެ.

އޭނާ އޭޝިއާ މުބާރާތަށް ކޮލިފައިވީ ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ދީމާވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސައުތު އޭޝިއަން ގޭމްސްގައިވެސް ރާއްޖެއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

76%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް