ރައީސް ސޯލިހުގެ އުފަން ރަށުގައި މިއަދު އޮތް އެ ޓީމުގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެ ޓީމުން ކުރަމުންދާ މަސައްކަތަކީ ވޭތުވެދިޔަ އެތައް އަހަރެއްތެރޭ ރައްޔިތުންނާއި، އެމްޑީޕީ މެމްބަރުން ކުރި މަސައްކަތް ހިފަހައްޓާ ދެމެހެއްޓުމުގެ މަސައްކަތް ކަމަށާއި، އެއީ އެމްޑީޕީއަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވުން ކަމަށެވެ.
ރިޔާސީ ޓިކެޓު ލިބުނު ދުވަހުން ފެށިގެން ރައީސް ސޯލިހަށް ޕާޓީތެރެއިން ގޮންޖެހުން ބޮޑު
ފައްޔާޒް ވިދާޅުވީ، އުކުޅަހުގައި އޮތް ކޮންގްރެސްއިން ރައީސް ސޯލިހަށް ޓިކެޓު ލިބުނީންސުރެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި، މިއަދު އެމްޑީޕީ ތެރެއިން ފެންނަމުންދަނީ އެކަން ކަން ތިލަވެގެން ދިޔުމުން ވަމުން އަންނަ ކަން ކަން ކަމަށެވެ.
ނަމަވެސް ސަރުކާރު ދިފާއުކުރުމަށް ކޮންމެ ދުވަހަކު ރައީސް ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުން ކަނޑަނޭޅި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮންޖެހުންތަކާއިއެކުވެސް ރައީސް ސޯލިހު ގައުމު ތަރައްގީ ކުރުމުގައި ފަސް ޖެހެމުން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިއަދު ނިކުމެތިބީ އެމްޑީޕީ ހިންގާލަން ނިކުމެ ކަމަށާއި، 2023 ލިބޭނީ ޕާޓީ ހިންގާލައިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ 2023 ކަށަވަރުކުރުމުގެ މަސައްކަތް 14 މެއިގައި އިންތިހާބުވުމުން ކުރަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން އެ ޓީމުގައި ދެން އިސްކޮށް އުޅުއްވާ ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ، އެ ޓީމުން ކުރަމުންދާ މަސައްކަތަކީ 2023 ކާމިޔާބު ކުރުމުގެ މަސައްކަތް ކަމަށާއި، 2023 ރައީސް ސޯލިހަށް ކާމިޔާބު ކޮށްދިނުމުގެ މަސައްކަތުގައި ތައްޔާރަށް ތިއްބެވިކަމަށެވެ.
"އަޅުގަނޑުމެން ފަޔާ އެ ވިދާޅުވިހެން ކުރަމުންދާ މިމަސައްކަތަކީ 2023 ކާމިޔާބު ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން ހަމަގައިމުވެސް މިތިބީ 2023 ރައީސް ސޯލިހްއަށް ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް ކުރަން" ރޮޒެއިނާ ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބަކަށް ރައީސް ސޯލިހު ކުރިމަތިލައްވާ، ކާމިޔާބު ހޯދަން ބޭނުންވާކަން ފައްޔާޒުގެ ޓީމުން ފާހަގަކުރިއިރު، އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމާއިމެދު ރައީސް ސޯލިހު އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ދެވަނަ ދައުރަކަށް ވިސްނުމުގެ ބަދަލުގައި އެންމެ ފުރަތަމަ އެމަނިކުފާނު އިސްކަން ދެެއްވަނީ ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. އަދި ދެވަނަ ދައުރެއްގެ ވާހަކަދައްކަން ބޭނުންވަނީ އެންމެ ފުރަތަމަ ވީ ވައުދުތައް ދައުރު ހަމަވުމުގެ ކުރިން ފުރިހަމަ ކޮށްދިނުމަށް ފަހު ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. އަދި އެމްޑީޕީ ޗެއަޕާސަަން އިންތިހާބަކީ އެމަނިކުފާނު އެ އިންތިހާބުގައި ކުރިމަތިލުމާއިމެދު އުފެދޭ ސުވާލުގެ ޖަވާބު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.