މަރަކަށް ފަހު މަރެކެވެ. އިންސާނާ އަށް މަރަކުން ފުއްދާލުން ނޫންގޮތެއް ނެތެވެ. ނަމަވެސް ކޮންމެ މަރަކާއި އެކު އެތައް ބައެއްގެ ލޮލުން ކަރުނަ ފާއްދާލަ އެވެ. ތިމާގެ އާއިލާއެވެ. ލޯބިވާ އަނބިމީހާއި ދަރިންނާއި، ރަހުމަތްތެރިން ނެވެ.
މިއީ ދާދި މިދާކަށް ދުވަހު މާލޭގައި ހިނގި މަރެއްގެ ވާހަކައެވެ. ޅ. ހިންނަވަރު އާރާމްގެ އުމުރުން 58 އަށް އަހަރުގެ މުހައްމަދު އިބްރާހީމްގެ މަރުގެ ހިތާމަވެރި ހިތްދަތި ވާހަކައެވެ. މުހައްމަދުވެސް ވެސް މި ފަނާވަނިވި ދުނިޔެ ދޫކުރީ އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލާފަ އެވެ. ނޭނގި ހުއްޓާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ފަނާވަނިވި ދުނިޔެ މުހައްމަދު ދޫކުރީ މުޅިއުމުރަށެވެ. އާއިލާގެ އެންމެންގެ ލޯ ކަރުނައިން ތެންމާފަ އެވެ. މުހައްމަދުގެ އާއިލާ މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުންޏެވެ.
އެއީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. މާލޭގެ މަގުމަތީގައި މަރުވެފައި އޮއްވާ އައިޖީއެމްއެޗް ގެންދެވިފައިވަނީ ކާކު ކަމެއް ދެނެނުގަނެވި ފުލުހުން އާންމުންގެ އެހީއަށް އެރޭ އެނދުނެވެ. ނަމަވެސް އެއީ ބޭބެ ކަން އެނގުނީ އޭގެ ކުޑައިރުކޮޅެއް ފަހުން ކަމަށާއި، ބޭބެގެ މަރުގެ ހަބަރު ލިބުމާއެކު ކިތަންމެހާ ވެސް ދެރަވި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ބޭބެ އެ ދުވަހު ރަމަޟާން މަސް ނިމި ހިފަންޖެހޭ ސުންނަތް ހަ ރޯދައިން ރޯދަޔަށް ހުރުމަށްފަހު ގެއިން ރޯދަވިއްލައިގެން ބޭރަށް ނުކުމެގެން ދިޔަ އިރު ގޭގެ އެއްވެސް މީހަކަށް ބޭބެވީ ބޭރުގައި ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ބޭބެ އާދައިގެ މަތިން އެގޮތަށް ބައެއް ރޭރޭ ބޭރަށް ދިޔަ ނަމަވެސް ބޭރުގައި ކުޑަކޮށް ހިނގާލުމަށްފަހު އިރުގަނޑެއް ފަހުން ގެއަށް އަންނަ ކަމަށެވެ.
ކުއްލިއަކަށް ކާކު ކަން ދެނެ ނުގަނެވޭ މީހަކު އައިޖީއެމްއެޗުގައި އޮތްކަން އެނގި މީހާގެ ސިފަޔާއި އެކު ފުލުހުން އާންމު ކުރީ އެރޭގެ އިރާކޮޅު ވަގުތެއްގައިއެވެ. މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް މަރުވެގެން ވެއްޓިފައި ވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ ދުވަސްވީ މީހާއަކީ ކާކުކަން ނޭނގިގެން އޭނާގެ މައުލޫމާތު ހޯދުމަށެވެ.
އައިޖީއެމްއެޗްއަށް ގެންދެވިފައިވާ އެމީހާއަކީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ލައިގެންހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަމަށާއި، އެމީހާއަކީ ތުނބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށްވެސް ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ، އެހާ ހިސާބުން ބޭބެ ގޭގައި ނެތުމާއިއެކު އެކިފަރާތްތަކުން ލިބުނު މައުލޫމާތުން އާއިލާ އަށް އެއި ބޭބެ ކަން ޔަގީން ކުރެވުނު ކަމަށެވެ. އެހާ ހިސާބުން އެއީ ކާކުކަން ދެނެގަނެވި ބޭބެ ކަން ކަށަވަރުވި ކަމަށެވެ. އޭގެ މާގިނަ އިރެއް ނުވެ މާލޭގައި ދިރިޅެމުންދާ ބޭބެގެ އާއިލާއިން ބޭބެގެ ފުރާނަ ނެތް މަސްގަނޑާއި ހަވާލުވި އެވެ. އެހާ ހިސާބުން އެމީހާގެ އާއިލާގެ އެއްބާރުލުން ފުލުހުންނަށް ދާދި އަވަހަށް ލިބިގެން ދިޔަކަމަށް ފުލުހުން އިއުލާން ކުރިއެވެ.
އޭނާ މަރުވެފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ފުލުހުން އޭރު ނުބުނި މުހައްމަދު މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
ބޭބެއަކީ ރިޒޯޓެއްގެ ވަޒީފާ އަދާކުރި މީހެއް ކަމަށާއި، ނަމަވެސް ބޭބެ އަދާކުރި ވަޒީފާ ދޫކުރީ ބޭބެ އަކީ ހިތުގެ މައްސަލަ ހުންނަ މީހަކަށްވާތީ ހިތުގެ އޮޕަރޭޝަނެއް ކުރުމުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ރަމަޟާން މަސް އައުމުގެ އެއްދުވަސް ކުރިން ބޭބެ ރަށަށް އައިސް ހުރުމަށްފަހު ބޭބެގެ އަންހެނުން ބަލިވެ މާލެ ދިޔައެވެ. ރަށުން ދިޔަފަހުން މާލެއަށް ނުދެވޭތީ ބޭބެ އާއި ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ.
ހިތުގެ އޮޕަރޭޝަނަށްފަހު ބޭބެ ހުންނަނީ ވަޒީފާ ދޫކޮށްފައި ގޭގައި ކަމަށްވާތީ ބައެއްރޭރޭ ހިނގާލަން ނުކުންނަނީ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެގޮތުން ބައެއް ރޭރޭ އާދައިގެ މަތިން ބޭބެ ބޭރަށް ނުކުންނަނީ މަގުރިބް ކޮށްގެން ކަމަށާއި، އެރޭވެސް ބޭރަށް ބޭބެ ނުކުތީ ރޯދަ ވީއްލާ މައިރިބް ކޮށްގެން ކަމަށެވެ. ބޭބެގެ ފަސް ދަރިންގެ ތެރެއިން ހުންނަނީ ހަތަރު ފިރިހެން ދަރިންނާ އެއް އަންހެން ދަރިއެއް ކަމަށް އޭނަ ބުންޏެވެ.
ނަމަވެސް ޓީވީއަށް ގެއްލިފައިތިބި ބޭބެގެ ކުދިންނަށް އެރޭ ލިބުނީ ގަބޫލު ކުރަން ދަތި ހިތާމަވެރި، އެ ކުދިންގެ ބައްޕަގެ މަރުގެ ހަބަރެވެ. އެކުދިންގެ ބައްޕަ މަގުމައްޗަށް ވެއްޓި މި ފަނާކުރަނަވި ދުނިޔެ ދޫކުރި ހަބަރެވެ. ބަޔަކު މީހުން އެކުދިންގެ ބައްޕަ ނަގައިގެން ގޮސް އައިޖީއެމްއެޗް އަށް ގެންދިޔަ ހިތާމަވެރި ހަބަރެވެ.
ބޭބެ މުހައްމަދު ބޭރަށް އާންމުކޮށް ނުކުންނަ އިރު ފޯނާއި ވޮލަޓުވެސް ގެންދާ ކަމަށާއި، ނަމަވެސް އެ ދުވަހު ބޭބެ ފޯނު ނުގެންދާ ކަމަށް އެފަރާތުން ބުންޏެވެ. ބެލެވެނީ ބޭބެ ހިނގާލަން ގޮސް ހުއްޓާ މެޔަށް ތަދުވެ ހޮސްޕިޓަލަށް ދަނިކޮށް ފޯނު ނުގެންދާތީ އާއިލާ މީހަކަށް ނުގުޅުނީމައި އަމިއްލަ އަށް އައިޖީއެމްއެޗަށް ދާން ދިޔައީ ކަމަށެވެ.
ބޭބެ ފެނިފައިވަނީ އައިޖީއެމްއެޗް ކައިރިން ކަމަށްވާތީ އާއި ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ބޭބެ އަށް ހާޓްއެޓޭކެއް ޖެހިފައިވާތީ ގަބޫލު ކުރެވެނީ މެއަށް ނަމަވެސް ތަދުވެ ފޯނު ނުގެންދާތީ ނުގުޅި އަދި ހޮސްޕިޓަލާ ހަމަޔަށް ނުދެވި އުޅެނިކޮށް ގޮތެއްވެ ވެއްޓި މަރުވީ ކަމަށެވެ.
މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، މުހައްމަދު އިބްރާހިމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.