
އެ އަތޮޅު ކައުންސިލްގައި އެ ހިދުމަތް ފެށީ އިއްޔެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުންޏެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން އެ ހިދުމަތް މުޅި ރާއްޖެ އަށް ތައާރަފު ކުރަން އަމާޒު ހިފާފައިވެ އެވެ.
އައިޑީކާޑު، ޕްރިންޓްކުރުމުގެ ހިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގަ އެވެ. ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިހާރު މެލޭޝިއާއިން އައިޑީ އައިޑީކާޑުގެ ހިދުމަތްތައް ދެމުންދެއެވެ.