ގޮތް ނޭނގޭ އަދި ޝައްކުކުރެވޭ ގޮތަކަށް ބަަހައްޓާފައި ހުރި ފޮށިގަނޑެއް މަގުމަތީން ފެނިގެން ސިފައިންނާއި ފުލުހުން މިއަދު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަން ފުލުހުން "ސީއެންއެމް"އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ނަމަވެސް ސީއެންއެމްއަށް ކަށަވަރުކުރެވިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުން މަގު ބަންދުކޮށްގެން ހަރަކާތްތެރިވެފައިވަނީ މާފަންނު, މިފްކޯ މަސް ފިހާރަ ހުންނަ ސަރަހައްދުގައެވެ. އެތަނުން ގޮތް ނޭނގޭ ދަބަހެއް ފެނިގެން ސިފައިންގެ އީއޯޑީ ޓީމާއި، ފުލުހުންގެ ޖޮއިންޓް ހާއްސަ އޮޕަރޭޝަނެއް ހިންގިއިރު އެތަނުން ފެނުނު ފޮށިގަނޑުން ފެނުނީ ކުންޏެވެ.
މީގެ ހަ އަހަރުކުރިން 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު މުލީއާގެ ކައިރިން ގޮއްވާލުމަށް ތައްޔާރުކޮށް އެއްގަމުގައި ދުއްވާ އުޅަނދެއްގައި ބާއްވާފައި އޮތް ބޮމެއް ފެނި އެބޮން ރައްކާތެރިކަމާއެކު ނައްތާލިކަމަށް ސިފައިން އޭރު ބުންޏެ އެވެ.
ހަމަ އެ ދުވަހު މާލޭގެ ދެ ތަނެއްގައި ބޮމެއްކަމަށް ސިފަވާ ގޮތަށް ތައްޔާރުކޮށްފައިވާ ދެ އެއްޗެއް 2015ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ފެނުނުކަމަށް ބުނެ ވަނީ ބިރުވެރިކަން އުފައްދާފަ އެވެ. ސިފައިން އޭރު ބުނީ އެއީ ބަޔަކު ބާއްވާފައި އޮތް އެއްޗެއްކަމަށެެވެ. އެ ހާދިސާތައް ހިނގާފައިވަނީ ރައީސް ޔާމީނާއި ނައިބު ރައީސް އަދީބު އާ ދެމެދު ނުތަނަވަސްކަން ހިނގައިފައިވަނިކޮށެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު މުލިއާގެ ދޮށަށް ގޮސް އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ވެސް ބަޔަކު ދީފައިވެއެވެ. އިންޒާރު ދީފައިވަނީ، ދަބަހަކާއި، ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ތިބި ދެ މީހެކެވެ. އެތަނުން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ހައްޔަރުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާފަ އެވެ. ބަންދުގައި ބަހައްޓީ ބޮން އޮތް ކަމަށް ބުނެ އިންޒާރުދިން މީހާއެވެ. އޭނާވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
މިފަދަ އަމަލުތައް ފުލުހުން ބަލަނީ ޓެރަރިޒަމް އަމަލުތަކެއްގެ ގޮތުގައެވެ. އަދި އެފަދަ އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ.