ads
ހޮޅުދޫ އެމްބިއުލާންސް އެތެރެ——ފޮޓޯ:ސީއެންއެމް/ހޮޅުދޫ
ހޮޅުދޫ: 7 އަހަރަށްފަހު އާ އެމްބިއުލާންސެއް ލިބިއްޖެ، ކުޑަވަރެއްގެ ހޮސްޕިޓަލެއް!
ނ. ހޮޅުދޫގައި 2015 ވަނަ އަހަރުންސުރެ ބޭނުންކުރަމުން އަންނަ އެމްބިއުލާންސް ބާވެ، އަޕްގްރޭޑަށް ބޭނުންވެފައި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އެ އެމްބިއުލާންސުގައި އަވަސް ފަރުވާގައި މަރުކަޒަށް ގެންދެވޭނެ ފެސިލިޓީއެއް ނުހުރެއެވެ. އެމްބިއުލާންސްގެ އެއަކޯން ހަލާކުވެފައި ހުންނަތާވެސް އަހަރުތަކެއް ވެއްޖެއެވެ. ދުވަސްވެ ބާވުމުން އިންޖީނު އިރުއިރުކޮޅާއި ހުއްޓެވެ.
އޭގެ ހަތް އަަހަރު ފަހެވެ. މިއަދު އެ މަރުކަޒުގައި ޒަމާންތަކަކަށް ބޭނުންކުރި އެ ބާ އެމްބިއުލާންސް އެއްލާ ލެވިދާނެއެވެ. ހެލްތު މިނިސްޓްރީން ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެގެ ރޭ 09:00 ހާއިރު ހޮޅުދޫގެ ބަނދަރުގައި އާ އެމްބިއުލާންސެއް އޮތީ ބަނދަރުކޮށްލާފައެވެ. އިއްޔެ ހެނދުނު 08:30 ހާއިރު އެ އެމްބިއުލާންސް ރަށަށް ބާލައިފި އެވެ. މިހާރު އޮތީ ސިއްހީ މަރުކަޒުގައެވެ. 

your imageހޮޅުދޫއަށް އަލަށް ގެނައި އެމްބިިއުލާންސް 

ހޮޅުދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަހްމަދު ފާރިޝް "ސީއެންއެމް"އަށް މިއަދު ވިދާޅުވީ، މި ސަރުކާރުގެ ސިއްހީ ހިދުމަތް ތަރައްޤީކޮށް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ ދަށުން އެމަރުކަޒަށް ލިބިގެންދިޔަ އެމްބިއުލާންސް އަކީ "ކުޑަވަރެއްގެ ހޮސްޕިޓަލެއް" ކަމަށެވެ. 

ކުރީގެ އެމްބިއުލާންސްގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ އަވަސް ފަރުވާ ދެވޭނެ ގޮތް ނެތުންވެސް އެ އެމްބިއުލާންސްގެ ސަބަބުން ހައްލުވެގެންދާނެ ކަމަށާއި، ދެން ކްރިޓިކަލް ހާލަތުގައި މަރުކަޒަށް ގެންދެވޭ ބަލިމީހާ މަރުކަޒާއި ހިސާބަށް ފޯރާނީވެސް އަވަސް ފަރުވާ ލިބެމުން ކަމަށް ފާރިޝް ވިދާޅުވިއެވެ.

"މި އެބިއުލާންސްއަކީ ޒަމާނީ ވަސީލަތްތައް ލިބެންހުރި އެމްބިއުލާންސެއް، މިފަދަ އެންބިއުލާންސެއް ހޮޅުދޫ އަށް ލިބިގެން ދިއުމުން ވަރަށް އުފާކުރަން. މީގެ ކުރިން އަޅުގަނޑުމެން ބޭނުން ކުރަމުން މިދިޔަ އެމްބިއުލާންސުގައި ހަމައެކަނި އަށިގަނޑެއް އެކަނި އޮންނަނީ އެތެރޭ. އިތުރު އެއްވެސް ވަސީލަތެއް ނުހުރޭ އެހެންވީމަ ކްރިޓިކަލް ހާލަތުގައި އަވަސް ފަރުވާ ބޭނުންވެގެން މަރުކަޒަށް ގެންދާ މީހާއަށްވެސް ހަގީގަތުގައި އެ ފަރުވާ ނުލިބި މަރުކަޒަށް ފޯރަނީ" ފާރިޝް ވިދާޅުވިއެވެ.

ތެދެކެވެ. ހޮޅުދޫއަށް މިއަދު ލިބުނު އެމްބިއުލާންސް ބަލާލުމުން ސިފަކުރެވެނީ "ކުޑަވަރެއްގެ ހޮސްޕިޓަލް" އެއްގެ ގޮތުގައެވެ. ކްރިޓިކަލް ހާލަތުގައި ގެންދާ ބަލިމީހާއަށް އަވަސް ފަރުވާދެވޭނެ އެންމެ ޒަމާނީ ވަސީލަތްތައް އެމްބިއުލާންސުގައި ހުރިއިރު، ބަލިމީހާ ގޮވައިގެންދާ އާއިލާ މީހުންނަށް އިށީދެވޭނެ ޖާގަ ތަނަވަސް ސީޓުތަކާއި، ބަލިމީހާއެކު ދާ ނަރުސް ކުއްޖާއަށްވެސް ހާއްސަ ޒަމާނީ ގޮނޑިއެއް އެމްބިއުލާންސްގައި ވަނީ ގާއިމުކުރެވިފައެވެ. 

your imageމި ސަރުކާރުން އަލަށް ގެނައި އެމްބިއުލާންސްތަކުގެ އެންމެ ޒަމާނީ ފެންވަރަށް އަވަސް ފަރުވާދެވޭނެ ގޮތްވެސް ހުރޭ

އެބްބިއުލާންސް އާ ވިޔަސް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ދަތިކަން ވަރަށް ބޮޑު!

ކޮންމެ ދުވަހަކުވެސް 30 ވަރަކަށް މީހުން ހިދުމަތް ހޯދަމުންދާ ހޮޅުދޫ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް މައްސަލައަށް ހައްލެއް ލިބިގެންދިޔަ ނަމަވެސް، އެ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތުމުގެ ދަތިކަން ވެސް އެބައޮތެވެ. ފާރީޝް ވިދާޅުވީ އެކަން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އޭނާ ވިދާޅުވިގޮތުން އެރަށުގައި އެންމެ ޑޮކްޓަރަކާއިއެކު ބަލިމީހުންނަށް ހިދުމަތް ދެމުން ގެންދާތާ މިހާރު ވަނީ ހަަތަރު މަސް ވެފައެވެ. އަދި ހަމައެގޮތަށް އެ މަރުކަޒުގެ ހިދުމަތައް 13 ނަރުހުން ތިބެން ލާޒިމުވާއިރު، މިވަގުތު މަރުކަޒުގައި ތިބީ އަށް ނަރުހުންނެވެ. 

"މިފަހުންވެސް ތިންވަރަކަށް ނަރުހުން އަމިއްލައަށް ވަކިވެގެން ހިގައްޖެ. އެންމެ ޑޮކްޓަރަކު ހުންނާތީ ބަލިމީހުން ބެލުމުގައި ވަރަށް އުނދަގޫވޭ. އެމީހުންވެސް ވަކިވެގެން ދަނީ އެހެން ދިމަދިމާލުން ރަނގަޅު ފުރުސަތުތައް ލިިބުމުން. ކޮވިޑާއި ގުޅިގެން ބޮޑަށް މިދަތިކަން ކުރިމަތިވާން ފެށީ. އަޅުގަނޑުމެން މިދަނީ މިކަންވެސް ހައްލުކުރަން މަސައްކަތް ކުރަމުން" ފާރިޝް ވިދާޅުވިއެވެ.

ފާރީޝް އުންމީދު ކުރައްވަނީ އެ މައްސަލަވެސް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ. މިވަގުތު ހަތް އަހަރަށްފަހު ލިބުނު ޒަމާންވީ އެމްބިއުލާންސްގެ ފަސޭހަ ހޮޅުދޫ މަރުކަޒަށް ވަރަށް ބޮޑަށް ކުރާނެތީ ފާރިޝް ވިދާޅުވީ އެއީ އުފާކުރާ އަދި އެކަމަށް ޝުކުރުވެރިވާ ކަމެއް ކަމަށެވެ.

ރަށްރަށަށް ލިބެމުންދާ ޒަމާންވީ އެމްބިއުލާންސްތައް؛ މިނިސްޓްރީގެ ދުރު ވިސްނުމެއްގެ ނަތީޖާ! 

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އެސްޓީއޯއިން ވަނީ ގެނެސް ނިންމާލާ ރަށްތަކަށް ފޮނުވަން ފަށާފައެވެ. 

އެސްޓީއޯގެ މީޑިއާ އޮފިސަރު އަބްދުﷲ މުހައްމަދު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، މިހާރު ކުރަމުންދަނީ އެ 96 އެމްބިއުލާންސްގެ އެންމެ ފަހު ބެޗު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކަމަށާއި، މި ހަފްތާތެރޭ ހުރިހާ އެބިއުލާންސްތައް ރަށްރަށަށް ފޮނުވާ ނިމޭނެ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ، އެ އެމްބިއުލާންސްތައް ގެންނަން އެސްޓީއޯއާއި ހަވާލުކުރީ ހެލްތު މިނިސްޓްރީން ބޭނުންވާ ވަކި ރިކުއަމެންޓްތަކަށް ފައްތާ، އެންމެ ޒަމާނީ ވަސީލަތް ހިމެނޭގޮތަށް އެމްބިއުލާންސް ގެނައުމަށް ކަމުން އެސްޓީއޯއިން ގެނެސްފައިވާ އެމްބިއުލާންސްތައް ހުންނާނީ އެންމެ ޒަމާނީ ފެންވަރުގެ ރަނގަޅު ހިދުމަތްތަކެއް އެބިއުލާންސްއިން ބަލިމީހާއަށް ލިބިދެވޭ ގޮތަށް ކަމަށެވެ. 

"ކުރީގެ އެމްބިއުލާންސްތަކުގައި ހުންނާނީ އަށިގަނޑެއް މާގިނަ ވަސީލަތްތަކެއް ނުހުންނާނެ. ނަމަވެސް މިފަހަރު މިނިސްޓްރީން އެސްޓީއޯއާއި އެމްބިއުލާންސް ގެންނަން ހަވާލުކުރިއިރު، ރިކުއަމެންޓުތަކެއް ދީ އެދިފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ އެމްބިއުލާންސްތަަކަކަށް. އަޅުގަނޑުމެން އެ މަސައްކަތް އެންމެ ރަނގަޅަކަށް ކޮށްފައިވާނެ. އެހެންވީމަ މިފަހަރުގެ އެމްބިއުލާންސްތައް ކުރީގެ އެމްބިއުލާންސްތަކަށްވުރެ ވަރަށް ބޮޑަށް ތަފާތުވާނެ" އަބްދުﷲ ވިދާޅުވިއެވެ.

your imageކުރީގެ އެމްބިއުލާންސްއެއް، މި އެމްބިއުލާންސް ތަކުގައި އަވަސް ފަރުވާދެވޭނެ ގޮތެއް ނުހުރޭ——ފޮޓޯ:ސީއެންއެމް

އަތޮޅުތަކަށް އެމްބިއުލާންސް ގެނެއުމަށް އެސްޓީއޯއާއި ހަވާލުކޮށްފައިވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް މިދިޔަ އަހަރު ހިގުމުންނެވެ. 

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.

ނަމަވެސް އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލަން ޖެހިފައި އެބަހުއްޓެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް