1947ން ފެށިގެން މިއަދާހަމައަށް އައިއިރު މި ބައިމަދު މީހުން މުޖުތަމައުގައި އެކަހެރިކޮށްލުމުންނާއި އެމީހުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ ސަބަބުން ބައިމަދު މީހުންގެ އަދަދު ވަނީ ނިސްބަތުން ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ. މިއަދު ޕާކިސްތާންގައި ބައިމަދު މީހުންގެ އާބާދީ އުޅެނީ ތިނެއް ނުވަތަ 4 އިންސައްތައިގައެވެ. ޕާކިސްތާންގެ ބައިމަދު މީހުންނަކީ އެމީހުން ޕާކިސްތާންގައި ތިބުމަށްޓަކައި އެއިރުގެ ސަރުކާރުން ޚާއްސަ ވައުދެއްވެ ގެރެންޓީތަކެއް ދީފައިވާ ބައެކެވެ.
ޕާކިސްތާންގައި ބައިމަދު މީހުންނަކީ ހިންދީންނާއި ސިކުންނާއި ކްރިސްޓިއަނުންނެވެ. މިމީހުން ގެ އަދަދު ގާތްގަނޑަކަށް 12.5 މިލިއަނަށް އަރާނެކަމަށް ބެލެވެއެވެ. ދެވަނަ ދަރަޖައިގައި މިމީހުންނާމެދު މުއާމާލާތު ކުރެވި، ތަޢުލީމާއި ވަޒީފާއާއި ވިޔަފާރިއާއި އެނޫނަސް އެހެނިހެން ފުރުސަތުތަކުން މިމީހުން މަހުރޫމް ކުރެވިފައި ވެއެވެ. މިމީހުންގެ އާދަކާދައާއި ދީނީ ޝިއާރުތައް ނެގެހެއްޓުމުގައިވެސް މި މީހުންގެ މައްޗަށް ހަރުކަށި ދީނީ ފިކުރުގެ މީހުން މަޖުބޫރުކުރާ އުސޫލުތަކަށް ތަބާވާން ޖެހެއެވެ. ފައްޅިތައް ތަޅާލުމުގެ އަމަލުތައް ހިންގަމުންދާއިރު ސަރުކާރުން އެކަމަށް އަޅައެއް ނުލައެވެ. ކުރިން ޕާކިސްތަންގައި ހިންދީންނާއި ސިކުންގެ 1800 ފައްޅިތައް ހުރިނަމަވެސް މިއަދު ފެންނާން ހުރީ އެންމެ 50 ހަކަށް ފައްޅިއެވެ. ދެން ހުރިތަންތަން ވަނީ ބައިމަދު ދީންތަކުގެ މީހުންގެ އަތްމަތުން ބީވެފައެވެ. ނުވަތަ އެހެން މީހުން އެތަންތަނަށް އަތްގަދަކޮށްފައެވެ. އަދި ސަރުކާރުން މިތަންތަން ހިމާޔަތް ކޮށްދީފައެއް ނުވެއެވެ.
ބައިމަދު މީހުންނާ ދެކޮޅަށް ޕާކިސްތާންގައި އެންމެ ބޮޑަށް އަނިޔާ ލިބޭ ބަޔަކީ ހިންދީންނާއި ކްރިސްޓިއަނުންގެ ޅަ، ފުރާވަރުގެ އަންހެން ކުދިންނަށެވެ. ފުރާވަރުގެ ބައިމަދު ދީންތަކުގެ ކުދިން ވަގަށް ނެގުމަކީ އާންމު ކަމެކެވެ. އެއަށްފަހު މިކުދިންގެ ދީން ބަދަލު ކުރުމަށް މަޖުބުރުކޮށް، މިކުދިން އެމީހުންނަށް ވުރެން ދޮށީ، އަދި މީހުންނާ އިނދެގެން އުޅޭ މުސްލިމު ފިރިހެނުންނާ ކައިވެނިކޮށްދެވެއެވެ. އާއިލާތަކުން ފުލުހަށާއި ސަރަހައްދީ ސަރުކާރުގެ މަސްއޫލު ފަރާތްތަކަށް މައްސަލަ ހުށަހެޅި ނަމަވެސް އެފަރާތްތަކުން ދެނީ ބިރުކަންފަތެކެވެ. ކުށްވެރިންކަށް ފިޔަވަޅެއް ނޭޅެއެވެ. އަދި ވަރަށް ގިނަ ފަހަރަށް މައްސަލާގައި ކުރިއަށް ނުދިއުމަށް ބާރުއަޅައި، މައްސަލަ އޮއްބާލުމަށްވެސް މަސްއޫލުވެރިން މަސައްކަތް ކުރެއެވެ.
ޕާކިސްތާންގައި ބައިމަދު މީހުންނާ ދެކޮޅަށް ދެވަނައަށް އެންމެ އާންމުކޮށް ބޭނުންކުރާ ހަތިޔާރަކީ، ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާ ދެކޮޅަށް ފާސްކޮށްފައިވާ ހަރުކަށި ގާނޫނެވެ. މި ގާނޫނުން ކުޑަކުދިންވެސް ސަލާމަތެއް ނުވެއެވެ. މި ގާނޫނުގެ ދަށުން މީހަކަށް އަދަބު ދެވޭނަމަ އެއީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށް ލުމެކެވެ. މިގާނޫނުގެ ދަށުން އެއްވެސް މީހަކު ތުހުމަތު ކުރެވިއްޖެނަމަ ސަލާމަތް ވުން ނާދިރެވެ. އަދި ބަރީއަވުން އޮންނާނީ އެމީހެއްގެ އަމިއްލަ ޒިންމާއަށެވެ. ނުވަތަ މަރުގެ ނިޔާގެ އިންތިޒާރަށެވެ.
މިއީ ބައިމަދު މީހުންގެ އުދާސްތަކުގެ ފަސާނާގެ ބައިކުޅަ ބައެކެވެ. މުސްލިމުންގެ ތެރޭގައި އުޅޭ މަޒުހަބީ ބައިމަދު މީހުނަށްވެސް ދައުލަތުގެ ފަރާތްތަކާއި ދައުލަތް ތަމްސީލުކުރާ ފަރާތްތަކުން ތަފާތުކުރުންތައް ކުރިމަތި ކުރުވައެވެ. ޕާކިސްތާންގައި ޝީޢާ މަޒްހަބުގެ ވިހި މިލިއަން މީހުން ދިރިއުޅެއެވެ. އަދި އަހްމަދިއްޔާ މަޒްހަބުގެ ހަތަރު މިލިއަން މީހުން ދިރިއުޅެއެވެ. މިމީހުންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ބިރުވެރިކަމާއި ނުތަނަވަސް ކަމުގެ މައްޗަށެވެ. އަދި މިމީހުންގެ ހާލަތު ބައިމަދު ހިންދީންނާއި ސިކުންނަށްވުރެންވެސް މާނުބައެވެ. މި ފަހަކަށް އައިސް މިއިން އެތައް ހާސް މީހުނެއް ވަނީ ޕާކިސްތާން ދޫކޮށް ގޮސްފައެވެ. ޔޫރަޕްއާއި އެމެރިކާގައި ހިމާޔަތް ހޯދަން މަސައްކަތްކުޜާ ޕާކިސްތާންގެ ގިނަ މީހުންނަކީ އަހްމަދީ މަޒްހަބުގެ މީހުންނެވެ.
2008 ވަނަ އަހަރުން ފެށިގެން 2012އަށް ޕާކިސްތާންގެ ރައީސްގެ މީޑިއާ އެޑްވައިޒަރަކަށް މަސައްކަތް ކުރެއްވި ފަރަހަނާޒް އަސްފަހާނީ ސިފަ ކުރައްވާ ގޮތުގައި މިއީ ލަސްގޮތަކަށް ބައިމަދު މީހުންގެ ނަސްލު ޕާކިސްތާނުން ނައްތާލުމުގެ މަސައްކަތެކެވެ. އޭނާ ވަނީ މިމައުޟޫއަށް ފޮތެއްވެސް ލިޔެފައެވެ. މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވިދާޅުވީ، ޕާކިސްތާންގެ ބައިމަދު މީހުން، މުސްލިމުންގެ މަޒްހަބީ ބައިމަދު މީހުން ކަމުގައިވިއަސް ނުވަތަ ދީނީ ބައިމަދު މީހުންކަމުގައި ވިއަސް އެމީހުން ފުރާނައި ދީނީ ގޮތުން އެއްބަޔަކަށް ހެދުމަށް ޕާކިސްތާންގައި މަސައްކަތް ކުރެވެއެވެ. މިއީ އޭނާ ސިފަކުރެއްވި ގޮތުގައި ލަސްލަހުން ތިކި ޖަހާގޮތަށް ނަސްލު ނައްތާލުމުގެ އަމަލެކެވެ. އިތުރަށް އޭނާ ވިދާޅުވީ ނަސްލުތައް ނައްތާލުމުގެ ވާހަކަ ދައްކާއިރު ނާޒީ ޖަރުމަންވިލާތުގައި ކަން ކުރި ގޮތާއި، ޔޫގޯސްލޭވިއާގައި ކަންކުރިގޮތުގެ ވާހަކަ މީހުން ދައްކާނެއެވެ. ނަމަވެސް ޕާކިސްތާންގެ ހާލަތަކީ އެފަދައިން އެކަމަކު، 76 އަހަރުގެ ތެރޭގައި ލަސްލަހުން ބައިމަދު މީހުންގެ ނަސްލު ނެތިކޮށްލުމަށް ހިންގާ މަސައްކަތެކެވެ.
ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، އަދި ޕާކިސްތާންގެ ހިންދީ ދީނުގެ މީހުންގެ މަޖިލީހުގެ ރައީސް، ޑރ. ރަމޭޝް ކުމާރު ވެންކްވާނީ، ދަ ނިއުސްގެ 3 ޖެނުއަރީ 2020ގެ މަޒަމޫނުގައި ޕާކިސްތާންގެ ބައިމަދު މީހުންގެ ހާލަތު މިފަދައިން ސިފަކޮށްދެއްވިއެވެ.
"ޕާކިސްތާން ސަރުކާރުން ވަނީ، ބައިމަދު މީހުން ކަމުގައިވާ ހިންދީންނާއި ކްރިސްޓިއަނުންނާއި ސިކުންނާއި، އަހުމަދީންނާއި، ޝީއީން އެދެވޭ މިންވަރެއްގައި ހިމާޔަތްކުރުމަށް ނުކުޅެދިފައެވެ. އަދި ސަރުކާރުން ދަނީ ރޭވި އިންތިޒާމު ކުރެވިގެންދާ އުސޫލެއްގެ މަތިން ދީނީ މިނިވަންކަމަށް އަރައިގަންނަމުންނެވެ. މިކަންކަން މިހެން ދިމާވަމުންދަނީ، ބޮޑު ވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި މިކަންކަން އިސްލާޙުކުރުމަށް ވައުދުވެ ވަޑައިގެން އުންމީދުތައް ދެއްވާފައި ވަނިކޮށެވެ."
އަމިއްލަ ޖަމާއަތްތްކެއްގެ ގޮތުގައި ބައިމަދު މީހުން ބުރަ މަސައްކަތްތަކެއް ކުރިފަހުން 19 ޖޫން 2014ގައި ޕާކިސްތާން ސުޕްރީމް ކޯޓުން ވަނީ މައިމަދު މީހުން ހިމާޔަތް ކުރުމަށް ސަރުކާރަށް އަމުރުކޮށްފައެވެ. އަދި ސްކޫލުތަކުގައި ކިޔަވައިދޭ ފޮތްކުންނާއި ސޯޝަލް މީޑިއާގައި ބައިމަދު މީހުންނަށް ފުއްސާރަވާގޮތަށް ލިޔެފައިވާ ލިޔުންތައް ނެގުމަށްވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް ހިތާމައަކީ، ހަތަރު އަހަރުވަންދެން ސަރުކާރުން މިއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެއަށްފަހު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކޮށްދިނުމަށް އެދި 2018ގައި އަނެއްކާވެސް މައްސަލައެއް ކޯޓަށް ވެއްދުމާ ގުޅިގެން ކޯޓުން ވަނީ ރިޓަޔރޑް ފުލުސް އޮފިސަރަކު ލައިގެން އެއް މެމްބަރެއްގެ މައްޗަށް ހިމެނޭ ކޮމިޝަނެއް ހަދައި ކުރީގެ އަމުރު ތަންފީޒުކުރުމަށް މަސައްކަތް ފަށާފައެވެ.
މިކަމާ ގުޅިގެން ޑޯން ނޫހުގައި 17 ޖެނުއަރީ 2020ގައި ޒުބައިދާ މުސްތަފާ ލިޔެފައިވަނީ މިފަދައިންނެވެ. "ޕާކިސްތާންގައި ބައިމަދު މީހުންގެ ކަންތައްތައް އޮތީ އަސަރުކުރަނި ހާލަތެއްގައެވެ. އެމީހުން އަނިޔާވެރިކަމުގެ ޝިކާރައަކަށްވެއެވެ. ބިރުދެއްކުމާއި، އަނިޔާވެރިކަމާ އެމީހުން ކުރިމަތިލާން ޖެހެއެވެ. އެތައް ބަޔަކު ވަނީ މިފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މިކަންކަމާ ހެދި މި ދުނިޔެ ދޫކޮށް ގޮސްފައެވެ."