ads
ގެ އަދާ ހުލިވެފައި——ފޮޓޯ:ސީއެންއެމް
ގެ އަނދާ އަޅިއަށް!، އެ ބިރުވެރި ވަގުތުކޮޅު އާއިލާގެ ދުލުން!
އެއީ ގއ. މާމެންދޫ ދެކުނުފަރާތު، އަވަށުގައި ހަދާފައިވާ ގެއެކެވެ. އެ ގޭގައި ދިރިއުޅެމުން ދިޔައީ ތިން ފިރިހެނުންނާއި ދެ އަންހެނުންގެ އިތުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

އެގޭގައި މިދިޔަ ހަފްތާގެ ހޯމަދުވަހުރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި މުޅި ގެވަނީ އަދާ ހުލިވެފައެވެ.

އެވާހަކަތައް "ސީއެންއެމް" އާއި ހިއްސާކުރި އެގޭގެ އާއިލީ ފަރާތެއްކަމަށްވާ އަހުމީމާ ފަހުމީއެވެ. އޭނާ ބުނީ މަންމަޔާއި ކޮށްކޮމެން ދިރި އުޅެމުންދިޔަ އެ އުފާވެރި ގެ، އަނދާ ހުލިވެ އަޅިޔަށްވީ އޭނާގެ ވެސް ލޯ ކުރިމަތީގައި ކަމަށެވެ. 

"މަންމަޔާއި ދޮންބައްޕަ ތިބީ ބަލިވެ ޑޮކްޓަރަށް ދައްކަން މާލެ ގޮސް. ގޭގައި ތިބީ ހަމަ އެކަނި އެއްބަނޑު ދެކުދިން ކަމަށްވާ ފާތުމަތު އަޝްފާގެ އާއިލާގެ އިތުރުން އަހުމަދު އަހުމީމް." ކަމަށް އަހުމީމާ ބުންޏެވެ.

އަހުމީމާ ބުނީ އޭނަ ދިރިއުޅެނީ ފިރިމީހާއި އެކު ވަކިން ދިރިއުޅުމެއްގައި ރަށުގެ އުތުރުފަރާތުގައި އަމިއްލަ ގެއެއްގައި ކަމަށްވުމުން ދޭތެރެ ދޭތެރެއިން ދެކުނުފަރާތުގައި ހުންނަ (ލޯންގްލައިފް) މަންމަމެންގެ، ގެއަށް ދެވެނީ ވެސް ވަރަށް މަދުން ކަމަށެވެ. 

އެހެން ނަމަވެސް އެންމެ ފަހުން އެ ގެއަށް ދެވުނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރު ގަޑީގައި ކަމަށް އަހުމީމާ ބުންޏެވެ. އެގެއަށް ގޮސް މެންދުރު އެގޭގައި ކެއުމަށްފަހު ގެއަށް އައީ ކަމަށެވެ. 

"ފަހަރެއްގައިވެސް އެއީ އެ ގެއަށް ދެވޭނެ އެންމެ ފަހު ފަހަރު ކަމަށް ހިތަކަށް ނާރާ. ވަކި ދިރިއުޅުމެއްގައި ދުރު ގެއެއްގައި އަހަރެން އުޅެނީ. ރަށުގެ ދެކޮޅުގައި ދެ ގެ ހުންނާތީ އާއި އެކު އެގެއަކަށް އޭގެފަހުން ނުއެއްދެވޭ." މަންމަމެން ގެއަށް ދެވުނު އެންމެ ފަހު ފަހަރު ހަދާން ކުރަމުން އަހުމީމާ ބުންޏެވެ.

your imageގއ. މާމެންދޫ ލޯންގްލައިފް ގޭގެ ކުރީގެ ހަނދާނަކަށް ހުރި ހަމަ އެކަނި ފޮޓޯ---ފޮޓޯ:ސީއެންއެމް

އެހެންރޭ ތަކެކޭވެސް އެއްފަދައިން ހޯމަ ދުވަހުގެރޭ ވެސް ނިދުނީ ތަންކޮޅެއް ލަހުން ނަމަވެސް އެނދުގައި ޖެހުނު ގޮތަށް ނިދުނު ކަމަށް އަހުމީމާ ބުންޏެވެ.

"ކުއްލިއަކަށް ހޭލެވުނީ ވަރަށް ބާރަށް މީހަކު ދޮރުގައި ތަޅައިގެން އަޑަށް. ގޭގެ ބޮޑު ދޮރު ހުޅުވިއިރު ދެތިން ފިރިހެނުން ތިބި. ބުނި މަންމަމެން ގެ ރޯވެ އަދާ ހުލިވަނީއޭ. އެއަޑު އިވުމުން އަވަހަށް ދުއްވައިގަތީ." އޭރު ގަޑިން ދަންވަރު 1:00 ވެދާނެ ކަމަށް އަހުމީމާ ބުންޏެވެ.

އެހާހިސާބަށް ދެވުނުއިރު ފެނުނީ އަހުމީމާގެ މަންމަމެންގެ ގެ، އެއްކޮށް ރޯވެ އަނދާ ހުލިވަމުން ދިޔަ މަންޒަރު ކަމަށާއި، ފެންނަން ހުރީ އީދު ދުވަހު އީދު މަޅި ރޯ ކޮށްފައި ހުންނަ ކަހަލަ ބޮޑު ހުޅުގަނޑެއް ގޮތުގައި ރޯވަމުން ދިޔަ މަންޒަރު ކަމަށް އެ ހާދިސާ ސިފަ ކުރަމުން އަހުމީމާ ބުންޏެވެ.

އެހާ ހިސާބަށް އަހުމީމާ އަށް ދެވުނު އިރު ކޮއްކޮމެން ތިބީ ބޭރުގައި ކަމަށް ވުމުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަން ޔަގީންވި ކަމަށެވެ. 

"ކޮށްކޮ ފެނުމުން ވަގުތުން އެހިން ކިހިނެތް ވެގެންހޭ ގެ، ރޯވީ. ކޮއްކޮ ބުނީ ދަރިފުޅު އޮތީ ނިދާފައޭ. ފިރިމީހާއި އަޝްފާ ދެމީހުން އެ ގަޑީގައި ތިބީ ނުނިދާކަމަށް . ކުއްލިއަކަށް އިވެން ފެށީ ފާޑެއްގެ އަޑެކޭ. ދެން ވަރަށް ނުބައި ވަހެއް ދުވަން ފެށި ކަމަށް ބުނި. އިރުކޮޅަކުން ކަރަންޓު ގޮސް ދެން ފެނުނީ ނިދަން ތިބި ކޮޓަރީގެ ސީލިން ގަނޑުގައި އަލިފާން ހިފާފައި ވަނިކޮށޭ. އަޝްފާ ބުނި ކަމަށް އަހުމީމާ ބުންޏެވެ.

your imageގއ. މާމެންދޫ ލޯންގްލައިފް ގެ އެއްކޮށް އަދާ ހުލިވެ ފައި----ފޮޓޯ:ސީއެންއެމް

އެގޮތަށް އަލިފާން ފެނުމާއިއެކު އަޝްފާގެ ފިރިމީހާ ފުންމައިގެން ތެދުވާން އުޅެނިކޮށް މުޅި ގެއިން ކަރަންޓު ދިޔަ ކަމަށާއި، ފޯނުގެ ލައިޓް ޖައްސައިގެން ކޮޓަރިން ނުކުތް އިރު، ބޭބެ އަހުމީމުގެ ކޮޓަރީގައި ވަނީ އެއްކޮށް އަލިފާން ހިފާފައި ކަމަށް އަޝްފާ ބުނި ކަމަށް އަހުމީމާ ބުންޏެވެ. 

އަހުމީމާ ބުނީ "އެ ކުދިންނަށް ސަލާމަތް ކުރެވުނީ ކޮޓަރީގައި އޮތް ގޮދަނޑިއާއި އަޝްފާގެ ދަރިފުޅުގެ ރަންކޮޅުގެ އިތުރުން ގޭގެ ބަހައްޓާފައި ހުރި ހަތިމް ކަބަނޑާއި އަޝްފާގެ ބައްޕަގެ އޮކްސިޖަން މެޝިން އެކަނި." ކަމަށެވެ.

އެވަގުތު އަހުމީމުވެސް ހުރީ ގެއިން ބޭރުގައި ކަމަށް ވުމުން އެއްވެސް މީހަކަށް ގެއްލުން ނުލިބި ސަލާމަތްވުން އެއީ ލިބުނު ވަރަށްބޮޑު ނަސީބެއް ކަމަށް އަހުމީމާ ބުންޏެވެ.

" މީގެ އަހަރެއްހާ ދުވަސް ކުރިންވެސް އެ ގޭގައި އަލިފާން ރޯވި. އެފަހަރު ވެސް ޗާޖަށް ޖަހާފައި އޮތް ފޯނެއްގެ ވާގަނޑު ގައި ރޯވެ ގޮދަނޑީގެ ކޮޅުގައި ރޯވީ. ނަމަވެސް އެ ވަގުތު މަންޒަރު ވަގުތުން ފެނިގެން ނިއްވާލީ." އޭގެ އަހަރެއްހާ ދުވަސް ކުރީގެ ހަދާނެއް އާ ކުރަމުން އަހުމީމާ ބުންޏެވެ.

އަދި ގެއިން ބޭރުގައި ހުރި އަހުމީމަށް ވެސް ގޭގައި އަލިފާން ރޯވި ހަބަރު ލިބިގެން އެވަގުތު އަހުމީމު ވެސް އެތަނަށް އައިސް ހުރި ކަމަށާއި، އޭނާ އަށް ފެނުނު މަންޒަރުން އޭނާޔަށް ވެސް ލިބުނީ ވަރަށްބޮޑު ޝޮކެއް ކަމަށް ބުނެ އަހުމީމާ އިތުރަށް ބުނީ އެކުއްޖާ ހުރީ ހުއްޓި ގަނޑުވެފައި ކަމަށެވެ. 

your imageގއ. މާމެންދޫ ލޯންގްލައިފްގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި----ފޮޓޯ:ސީއެންއެމް

" އަހުމީމު ބުނީ އޭނާ ބޭރަށް ނުކުތީ ގެންގުޅުނު ބައްތި ފޯނާއި ސްމާޓް ފޯނު ޗާޖަށް ޖަހާފައި ކަމަށް. އަދި އަހުމީމު ބުނި އޭނާ ގެންގުޅުނު ލަވަޖަހާ އެތި ވެސް ހުރީ ސޮކެޓް ބޯޑަށް ޖަހާފައި ސުއިޗް އޮން ކޮށްފައި ކަމަށް. އެކަމަކު ލަވަޖަހާ ސްޕީކަރަށް ކަރަންޓް ނުދޭ ކަމަށް." އަހުމީމު ބުނި ކަމަށް އަހުމީމާ ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު ރަށުން ބޭރުގައި މަންމަ ހުރުމާއި އެކު މަންމަޔަށް ހަބަރު ދޭންވެސް އުނދަގޫވި ކަމަށާއި، ނަމަވެސް އަވަށު މީހެއްގެ ފަރާތުން މަންމަ ޔަށް އެ ހަބަރު ވަގުތުން ލިބުނު ކަމަށެވެ.

މަންމަ އަދިވެސް ރޮނީ ކަމަށް ބުނެ އަހުމީމާ ބުނީ އުމުރު ދުވަހު މުޅި ދިރިއުޅުމަށްޓަކައި މަންމަ ކުރި މަސައްކަތާއި ދިރިއުޅުނު އުފާވެރިގެ އަނދާ ހުލިވީ ހުރިހާ ހަނދާން ތަކާއި އެކުގައި ކަމަށެވެ.

މަންމަ މެން މާލޭގައި ތިބުމަށްފަހު އަނބުރާ ރަށަށް އައިސް އެގޭގައި އުޅެވޭނެ ކަމުގައި ހީކޮށް ފޮށި ތަންމަތި ބަންނަމުން ދަނިކޮށް އަނބުރާ ރަށަށް އަންނަން ޖެހުނީ ގެދޮރެއް ނެތް ބީރައްޓެހި މެހުމާނުންގެ ގޮތުގައި ކަމަށް އަހުމީމާ އަސަރާއިއެކު ކިޔައިދެމުން ދިޔަ އެވެ. 

އެ ގޭގައި ދިރިއުޅެމުންދިޔަ އެގޭ އެންމެ ކުޑަ އަންހެން ދަރިފުޅު އަޝްފާ "ސީއެންއެމް" އަށް ބުނީ  އެ ހާދިސާ ހިނގި ވަގުތަކީ އަޝްފާ އާއި ފިރިމީހާވެސް ނިދަން އުޅުނު ވަގުތު ކަމަށެވެ.

ދަރިފުޅު އޮތީ ނިންދަވާފައި ކަމަށާއި، އެ ގަޑީގައި ނިދަން އެނދަށް އަރާތިބި އަޝްފާގެ ދެމެފިރިންނަށް ފާޑެއްގެ އަޑުފަތްގަޑެއް އިވެން ފެށި ކަމަށެވެ.

އެއާއިއެކު ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅިގެއިން ކަރަންޓު ގޮސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހި ކަޅު ދުންތަކެއްގެ ތެރެއިން ނުކުންނާނެ ކޮޅެއް ނޭނގި އަތުގައި ޖެހުނު އެއްޗެއް ހިފައިގެން ފުރާނަ ސަލާމަތް ކުރުމަށް ބޭރަށް އަވަހަށް ނުކުތީ ކަމަށެވެ.

އެ ހާދިސާ އަށް ހަފްތާ އެއް ވަމުންދާއިރު، ދަރިފުޅަށް ނަފްސާނީ ގޮތުން އުނދަގޫ ތަކެއްވާކަމަށް އަޝްފާ ބުންޏެވެ.

ހަފްތާއެއް ވެގެންދާއިރު އެއްވެސް މުއައްސަސާ އަކުން އެންމެ އެދެވޭ އަޅާލުމެއް ލިބިފައި ނުވާކަމަށެވެ. އަދި ކައުންސިލިންވެސް ލިބެންޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި އެއިން ކަމެއްވެސް އަދި ނުވާ ނުވާ ކަމަށެވެ.

"އެހެންނަމަވެސް އެ ފަދަ ހާދިސާ އެއް ހިނގީމައި ޑިޒާސްޓާ އިން ގެއެއްހޯދި ތިބެވޭގޮތް ހޯދި. އެހެން ނަމަވެސް ދަރިފުޅަށް ވަރަށް އުނދަގޫ ތަކެއް އެބަވޭ. އޭނަޔަށް ކައުންސިލިން ބޭނުންވޭ. ހަފްތާއެއް މިވަނީ އެދެވޭ ގޮތުގައި އެންމެ ފުރިހަމަޔަށް ރަށު ކައުންސިލުން އެއްބާރުލުމެއް ނުލިބޭ. މިއީ މިރަށުން ހިނގި އަލިފާނުގެ ދެވަނަ ހާދިސާ."މީގެ ދޮޅު އަހަރެއްހާ ކުރީގެ ހަދިސާ އެއް ހަދާން ކުރަމުން އަޝްފާ ބުންޏެވެ.

އަޝްފާ ބުނީ މުޅި ދިރިއުޅުން އަދާ ހުލިވީ ކަމަށެވެ.

"އެންމެ ދެރަވަނީ މެމޯރީސްތައް ގެއްލުނީމަ"

ބޭނުންވި ހުރިހާ އެއްޗެއް ލޯ ކުރިމަތިން އެއްފަރާ ގެއްލި ދިޔުން އެއީ ގަބޫލުކުރަން ބޭނުން ކަމެއް ނޫނަސް އެކަން ގަބޫލު ކުރަން މަޖުބޫރު ވެއްޖެ ކަމަށެވެ.

your imageގއ. މާމެންދޫ ލޯންގްލައިފް ގެ---ފޮޓޯ:ސީއެންއެމް

ސަލާމަތުން ބޭރަށް ނުކުމެ އަނދިރި އެ ދަންވަރު، އެއްގޭ ދޮރުތުގައި ތަޅާފައި، އަނެއްގޭ ދޮރުގައި ތަޅާ މީހެއްގެ އެހީތެރިކަމަށް އެދި އާދޭސް ކުރަމުން ދިޔައީ ބޯހިޔާ ވަހިކަމަށް މައިންބަފައިން އަޅާފައި ހުރި ގެ ލޯ ކުރިމަތިން އަދާ ހުލިވެ އަޅިއަށްވި އިރު އެހީތެރިކަމަށް އެދިގެން ކަމަށެވެ.

" އެ ގޭތަކުން މީހުން ނުކުމެ އައިސް ދިން އެހީތެރިކަން އަބަދު ވެސް ހަނދާން ހުންނާނެ. ފުލުހުން ވަގުތުން އެޓެންޑްވި. ނަމަވެސް ކައުންސިލުން އާދެވުނުއިރު ހުރިހާ ކަމެއް ނިމިއްޖެ. އެންމެ އެދެވޭ ގޮތުގައި އެއްބާރުލުން ރަށުގެ މުއައްސަސާ ތަކުން ނުލިބުނު. ހާދިސާ އެބަޖެހޭ ގާތުން ބަލަން " އަޝްފާ ބުންޏެވެ.

އަޝްފާ ބުނީ އެ މެމޯރީސްތަކާއި އެކު އާ ދިރިއުޅުމެއް ފެށުން ނޫން ގޮތެއް މިއަދު އެ މީހުންނަށް ނެތް ކަމަށެވެ.

12%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް