ads
ލައިލީ : ތިނަދޫ ސްކޫލްގައި ކިޔަވާ ހަމައެކަނި ދަރިވަރު-----ފޮޓޯ:ސީއެންއެމް
ތިނަދޫ ސްކޫލްގައި ކިޔަވާ ހަމައެކަނި ދަރިވަރު: ކިޔަވަނީ މަންމައާއެކު!
މަންމައާއެކު ސައި ބޮއެގެން ލައިލީ ޖިނާހު އަބްދުއް ޝުކޫރު ދިޔައީ ސްކޫލަށެވެ. ވ.ތިނަދޫގައި ދާދިފަހުން އިމާރާތް ކޮށްފައިވާ ބޮޑު ސްކޫލްގައި ކޮންމެ ދުވަހަކުވެސް މެންދުރު 12 ޖަހަންދެން ލައިލީ ކިޔަވަން އިންދެއެވެ. މަންމަ އާއެކުއެވެ. ނުވަތަ ބައްޕައާއެކުއެވެ. ހިތްހަމަޖެހުމާ، އުފަލާއެކުއެވެ.
Advertisement

ކުޑަކުޑަ އާބާދީއެއް އޮންނަ ކުޑަކުޑަ އެރަށުގައި ތައުލީމު ދިނުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މިއަހަރު ކުރީކޮޅު އެރަށުގެ ކިޔަވާ ކުދިން އެރަށުގައި ރަޖިސްޓްރީ ކުރަމުން ގެންދިޔައެވެ. ތިނަދޫ ކައުންސިލުން ބުނީ އެރަށުގެ ސްކޫލުގެ މަސައްކަތް ނިންމުމުގެ ކުރިން އަށެއްކަ ކުދީން ރަޖިސްޓްރީ ކުރި ކަމަށެވެ. އެހެންނަމަވެސް ސްކޫލުގެ ކިޔެވުން ފެށުމުން އެކުދީން ކިޔެވުމަށް އެރަށަ ދިއުމުގެ ބަދަލުގައި އިހްތިޔާރު ކުރީ އެހެން ރަށްރަށެވެ. ސަބަބެއްކަމުގައިވީ ކުދީންގެ ތެރޭގައިތިބެ ކުދީންނާއެކު ކިޔެވުމެވެ. 

your imageލައިލީ ސްކޫލްގައި---ފޮޓޯ:ސީއެންއެމް

އެހެންނަމަވެސް ލައިލީގެ ބައްޕަ ޖިނާހު އަބްދުއް ޝުކޫރުގެ ހިޔާލު އެއާ މުޅިން ތަފާތެވެ. ޖިނާހު ބުނީ އެރަށުގައި ތިބެގެން މިހާރު ކިޔަވާ ގޮތަށް ކިޔެވިއަސް ނަތީޖާ ރަނގަޅު ކަމަށެވެ. އަދި ދަރިފުޅު މާ ހިތްހަމަޖެހިގެން ކިޔަވާ ކަމަށެވެ. އެހެންވެ، ޖީނާހު އެއްގޮތަކަށްވެސް މާލެއަށް ނުވަތަ އެހެންރަށަކަށްވެސް ދަރިފުޅު ގޮވައިގެން ނުދާނެ ކަމަށެވެ. އަދި ކުޑަކުޑައެރަށުގައި ހިތްހަމަޖެހުމާއެކު ރަނގަޅު އާމްދަނީ އެއް ލިބޭތީ މާލޭގެ ހަލަބޮލި މާހައުލަށް ދާން ބޭނުން ނުވާ ކަމަށް ޖިނާހު ބުނެއެވެ. 

އެއްގޮތަކަށް ވެސް މިހާރު ބޭނުމެއް ނުވޭ މާލެއަށް ގޮސް ދަރީންނަށް ކިޔަވައިދޭށޭ ކިޔާފައި ތިބޭކަށް. ކުލި އެހާ ބޮޑު. ކުރާ މަސައްކަތަކުން ލިބޭ އެއްޗެއް ހޭދަކުރަން ޖެހެނީ އެތަނަށް" އިމިގްރޭޝަން ގައި ހައެއްކަ އަހަރު ވަޒީފާ އަދާކޮށްފައިވާ ޖިނާހު ބުންނެވެ.

ތިނަދޫ ސްކޫލުގައި ކިޔަވާ ހަމައެކަނި ދަރިވަރު ލައިލީ ބުނީ ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެންމެ ފަހުން ދިން ފިލާވަޅުތަކުން ވެސް ފުލް މާކްސް ލިބުނު ކަމަށެވެ. އެހެންނަމަވެސް ލައިލީ ބުނީ ޗުއްޓީއަށް އެރަށަށް ކުދިން އައިސްފައި ދިއުމުން އެދުވަސްކޮޅު ވަރަށް ބޮޑަށް އެކުދިންމަތީން ހަނދާން ވާކަމަށެވެ. އެކަމަކު ކިޔަވަނީ ކިޔަވާ ހިތުން ކަމަށާއި، ސެޓެލައިޓް ސްކޫލްގައި ކިޔެވިއަސް އުނދަގޫތަކެއް ނެތް ކަމަށެވެ.

"ޗުއްޓީއަށް ކުދީން އައިސްފައި ދިއުމުން އެދުވަސްކޮޅު ވަރަށް މިސްވޭ. އުނދަގުލެއްނޫން ކިޔަވާކަށް" ލައިލީ ބުންޏެވެ.

ރާއްޖޭގެ ބައެއްރަށްރަށުގައި ދާދި ފަހުން ވަނީ ސެޓެލައިޓް ސްކޫލް ގާއިމު ކޮށްފައެވެ. އެއީ ކިޔަވާ ކުދީންގެ އަދަދު މަދު ރަށްރަށުގައެވެ. އެގޮތުން ބ.ފެހެންދޫ ސްކޫލާއި، ވއަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލްތައް ހިމެނެއެވެ. މިސްކޫލްތަކަށް ކިޔަވައިދޭ މައި މަރުކަޒަކީ ހުރަވީ ސްކޫލެވެ. އެސްކޫލްގައި ކިޔަވައިދެމުންދާއިރު އެހެންސްކޫލްތަކުގައި ދަރިވަރުންނަށް އެހީތެރިވުމަށް ޓީޗަރުން ތިއްބަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ތިނަދޫ ކައުންސިލުން ބުނީ އެރަށުސްކޫލަށް ޓީޗަރުން ހޯދުމަށް ކުރެވުނު އިއުލާނަށް އެއްވެސް ޓީޗަރަކު ކުރިމަތި ލާފައިނުވާތީ އެސްކޫލްގައި ޓީޗަރަކު ނެތް ކަމަށެވެ. 

your imageވ.ތިނަދޫ ސްކޫލް----ފޮޓޯ:ސީއެންއެމް

ސެޓެލައިޓް ސްކޫލް ޕްރޮގްރާމަކީ އެކި ސަރަހައްދު ތަކުގައި އުޅޭ އެއްގްރޭޑެއްގެ ދަރިވަރުންނަށް އެއްކްލާހެއްގައި، އޮންލައިންކޮށް ތައުލީމު ދިނުމަށް ދުނިޔޭގައި ބޭނުން ކުރާ ނިޒާމެކެވެ. ރާއްޖޭގައި ފެށި މިސްކޫލުގެ "ކުޑަ"އިގެ ދަށަށް ގެނެސްފައިވަނީ ބ. ފެހެންދޫ ސްކޫލާއި، ވ. ރަކީދޫ ސްކޫލުގެ އިތުރުން ވ. ތިނަދޫ ސްކޫލެވެ. މި ޕްރޮގްރާމް ފެށި އިރު ފެހެންދޫ ސްކޫލުގައި 27 ދަރިވަރުން، ތިނަދޫގައި ހަ ދަރިވަރުން އަދި ރަކީދޫ ސްކޫލުގައި އެއް ދަރިވަރަކު ކިޔެވިއެވެ. އެހެންނަމަވެސް މިހާރު ފެހެންދޫ ސްކޫލްގައި ކިޔަވަނީ ޖުމްލަ 17 ދަރިވަރުންނެވެ. އެއީ އެލްކޭޖީގައި 10 ދަރިވަރުންނާއި ގްރޭޑް-1 ގައި ހަތް ދަރިވަރުންނެވެ. 

your imageބ.ފެހެންދޫ ސްކޫލް ދަރިވަރުން: ސެޓެލައިޓް ސްކޫލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ:ސީއެންއެމް

ސްކޫލުގައި އެންމެ ދަރިވަރަކު ހުރި ކަމުގައި ވިޔަސް މިސަރުކާރުން ކިޔަވައިދިނުމަށް އިސްކަންދީފައިވާތީ ތިނަދޫ ކައުންސިލުން އެކަން ފާހަގަކުރަނީ އުފަލާއެކުއެވެ. ކައުންސިލް ރައީސް ޝިފާޒު ވިދާޅުވީ، އެރަށަކީ މިސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ ރަށެއް ކަމަށެވެ. 

ޝިފާޒުގެ އިތުރުން ލައިލީގެ ބައްޕަ، ޖިނާހުވެސް އެކަން ފާހަގަ ކުރެއެވެ. އަދި ޖިނާހު ބުނީ އެރަށުގެ ހުރިހާ އެންމެ އެރަށަށް ބަދަލު ވުމަކީ މުހިއްމު ކަމެއް ކަމަށާއި، ތައުލީމު ހޯދުމަށް ޒަމާނީ ވަސީލަތް ބޭނުން ކޮށްގެން ކިޔެވުން މިޒަމާނުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. 

"މިހާރު އެންމެ މުހިއްމު ކަމަކީ އާމްދަނީ ހޯދުން. އާމްދަނީ ހޯދުމަށް މިރަށަށްވުރެ ވަކި ފަހި ރަށެއް ނޯންނާނެ. އަދި ހިތްހަމަޖެހިގެން އުޅެވޭނެ. އެއްވެސް ކަމަކާ މާބޮޑަށް ވިސްނާކަށް ނުޖެހޭ" މާލޭގައި ކިޔެވުމަށާއި ވަޒީފާއަދާ ކުރުމަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ހޭދަކޮށްފައިވާ ޖިނާހު ބުންޏެވެ.

ސަރުކާރުން ސެޓެލައިޓް ސްކޫލް ހެދުމުން ތިނަދޫގައި ކިޔަވަމުންދާ ލައިލީ ކިޔަވަމުންގެންދަނީ މައިންބަފައިންނާއެކީ އުފާވެރިކަމާއެކުއެވެ. އެކަމާ އެއާއިލާއިންވެސް ތިބީ ހިތްހަމަ ޖެހިގެންނެވެ. ކުރީ ޒަމާނުގައި ހެން، މައިންބަފައިންނާއި ވަކިން ދަރިފުޅު ކިޔަވަން އެހެންތަނަކަށް ފޮނުވަން ނުޖެހޭތީ އެވެ.

80%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް