
ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަން ހާމަކޮށް މެޓުން ރޭ ދަންވަރު ބުނީ، މިއަދުގެ މޫސުން ގޯސްވެ، “ކަނޑުތައްވެސް ވަރަށް ގަދަވާނެ” ކަމަށާއި، 50 މޭލަށް ވައިވެސް ބާރުވާނެ ކަމަށެވެ.
އެގޮތުން މިއަދާއި މާދަމާގެ ރާޅުގެ އުސްމިން ފަސް ފޫޓާއި، އަށް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެއެވެ.
އަދި ވައިބާރުވުމުގެ ސަބަބުން ރ. އަތޮޅުން ވ. އަތޮޅަށް، ބ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފައިވާއިރު، ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.
މެޓުން ބުނީ މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާ ކަމަށެވެ. ހާއްސަކޮށް ދެކެނުގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.
މިއަދުގެ ސެޓަލައިޓް ފޮޓޯ——
މެޓުން މިމަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމަޔަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.
މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވެ، އަށް ފޫޓަށް ރާޅު އުފުލި ވައިވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރާއިރު، ރާއްޖެއަށް މިވަގުތު ކުރަމުންދަނީ ހުޅުނގު މޫސުމުގެ ވިއްސާރައެވެ. އާއްމުކޮށްވެސް މިދުވަސްވަރު ރާއްޖެއަށް ވަރަށް ގަދައަށް ވިއްސާރަކުރެއެވެ.