ads
އެމްޑަބްލިޔުއެސްސީ: މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީއަށް ލިބުނު ސާފު ފައިދާ އިތުރު - ފޮޓޯ:އެމްޑަބްލިޔުއެސްސީ
މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީއަށް ލިބުނު ސާފު ފައިދާ ވީ އިތުރު
2023 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީއަށް ލިބުނު ސާފު ދައިދާ %92 އިތުރުވެފައިވާކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
Advertisement

2024 ވަނަ އަހަރުގެ އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތައް އޮޑިޓުކުރުމަށްފަހު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓު އާންމުކޮށްފަ އެވެ. އެމްޑަބްލިޔުއެސްސީގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރަށް ވުރެ ހުރިހާ ގޮތަކުން ވެސް އެ ކުންފުނީގެ ޕާފޯމަންސް ރަނގަޅެވެ.

މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، އެ ކުންފުނީގެ މައިގަނޑު ހިދުމަތް ކަމުގައިވާ ޔުޓިލިޓީ ހިދުމަތުންނެވެ. އެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ދެން އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބުނީ އިމާރާތްކުރުމުގެ ޕްރޮޖްކެޓުތަކާއި (347 މިލިއަން ރުފިޔާ) ފެނާއި އައިސް ވިއްކައިގެން (236 މިލިއަން ރުފިޔާ) އެވެ.

އެމްޑަބްލިޔުއެސްސީގެ އިދާރީ ހަރަދުތަކަށް 398 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އޭގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބަޔަކީ މުވައްޒަފުންގެ ހަރަދެވެ. މުވައްޒަފުންނަށް އެކަނި 221 މިލިއަން ރުފިޔާ ހަރަދުވި އެވެ.

މިދިޔަ އަހަރު ލިބުނު ފައިދާއިން އެ ކުންފުނިން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 68 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. އެކަމަކު މިއީ އޭގެ ކުރީ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާއަށް ބެހި 114 މިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ.

ދަރަނި އަދާކުރުމަށް އެމްޑަބްލިއުއެސްސީން 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ވެސް 15 ޕަސެންޓު އިތުރު އަދަދެކެވެ.

އެމްޑަބްލިއުއެއްސީއަކީ 1،200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުނީގެ ގާތްގަނޑަކަށް 16 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށްދެ އެވެ. އެގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން އަންނަނީ ހިދުމަތްދެމުންނެވެ.

އެމްޑަބްލިޔުއެސްސީގެ ކޮންޓްރޯލިން ހިއްސާދާރަކީ ސަރުކާރެވެ. އެ ކުންފުނީގެ އަނެއް ހިއްސާދާރަކީ ޖަޕާނުގެ ހިޓާޗީ ކޯޕަރޭޝަނެވެ. އެ ކުންފުނިން މައިގަނޑު ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދެނީ މާލެ ސަރަހައްދުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް