ads
ފ.ނިލަންދޫ ހޮސްޕިޓަލް
ކުލިއަކަށް ހާލުދެރަވި މީހަކު މާލެ ގެންނަނިކޮށް ކަނޑުމަތީ މަރުވެއްޖެ
ކުއްލިއަކަށް ހާލުދެރަވި މީހަކު ފ. ނިލަންދޫއިން މާލެ ގެންނަނިކޮށް ކަނޑުމަތީ މަރުވެއްޖެ އެވެ. އޭނާ އަށް އަަވަސް ފަރުވާދޭން މާލެ ވަގުތުން ގެންނަން ޖެހުނު ނަމަވެސް ފަރުވާ ލަސްވެފައިވަނީ ސީއެމްބިއުލާންސް އައުން ލަސްވެގެންނެވެ.
Advertisement

މަރުވެފައިވަނީ ނިލަންދޫ ނަރުގިސްވިލާ އިސްމާއީލް ނަސީރު ނަމަކަށް ކިޔާ ދެބައި އުމުރުގެ (ސީދާ އުމުރު އަދި ސާފެެއް ނުވޭ) މީހެކެވެ.

ނަސީރު މަރުވެފައިވަނީ މިރޭ 11:15 ހާއިރު އެވެ. “ސީއެންއެމް”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ނަސީރު މަރުވެފައިވަނީ ހާލުބޮޑުވުމުގެ ސަބަބުން ކުއްލި ގޮތަކަށް މާލެ ގެނައުމަށް ސީއެމްބިއުލާސްގައި ދަތުރުކުރަމުންދަނިކޮށް ކަމަށެވެ. 

" ނަސީރު ނިޔާވީ ހަމަ ކުއްލި ގޮތަކަށް. މިއަދު ހަވީރު ވެސް ހަމަ ރަނގަޅު. ނިޔާވެފައިވަނީ ސީއެމްބިއުލައިންސްގައި މާލެ ގެނައުމުގެ މަގުމަތީގައި. މާލެ އަތޮޅަށް ވަންނަން އުޅެނިކޮށް. " ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ނަސީރުގެ މެއަށް ތަދެއް އަރައިގެން މިއަދު ހަވީރު ނިލަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި، އެވަގުތުން ފެށިގެން ނަސީރު މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެހެން ރަށަކުން ސީއެމްބިއުލާސް ދަތުރެއް ހަމަޖެހެންދެން މާލެ ނުގެންގޮސް މަޑުކުރަން ޖެހުނީ ކަމަށެވެ. 

" މިއަދު ހަވީރު މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ދިޔައީ. ހަވީރު ޑޮކްޓަރުން ބަލާފައި ބުނެފި މާލެ ގެންދަން. މިކޮޅު ސީއެމްބިއުލައިންސް އެއް އޮވޭ، އެކަމަކު ވަރަށް ކެޕޭސިޓީ ކުޑަ. މޫސުން ވެސް ގޯސްވީމަ އެ އެމްބިއުލާންސްގައި ދަތުރުކުރުން ސާފް ނުވާނެތީ ކުޑަހުވަދޫން ސީއެމްބިއުލައިންސް އެއް ގެނެސްގެން މާލެ އެ ފޮނުވީ. އެކަމަކު އެހެން ރަށަކުން ހަމަ ހާޓްއެޓޭކެއް ޖެހިގެން އެދަތުރުގައި ގެންދަން ވެސް ޖެހުނީމަ ލަސްވީ ކަމަށް މައުލޫމާތު ދެނީ" އަލީ ވިދާޅުވި އެވެ.

ނިލަންދޫން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ނަސީރުގެ ބަލި ހާލަތު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ލިބުނު ކަމަށާއި، ނަމަވެސް މާލެ ގެންދިއުން ހޮސްޕިޓަލުން ލަސްކޮށްފައިވަނީ ދ. ކުޑަހުވަދޫ ސީއެމްބިއުލައިންސް އެއް ގެނެސްގެން ދަތުރުކުރުމަށް މަޑުކޮށްގެން ތިބުމާއި، މި ދަތުރުގައި ފ. ފީއަލީގައި ޖައްސައި އިތުރު ބަލި މީހަކު ގެންދިއުމަށް މަޑުކޮށްފައިވާ ކަމަށެވެ. 

" އަސްލު ހޮސްޕިޓަލުން ނަސީރު ސީރިއަސްކަމަށް ހަވީރު ވެސް ކި. އެކަމަކު ވެސް ކުޑަހުވަދޫ ލޯންޗް އަންނަންދެން މަޑުކޮށްގެން ތިބީ. އަދި ކުޑަހުވަދޫ ލޯންޗު ފީއަލީގައި ޖައްސައި އިތުރު މީހަކު ގެންދަންވެގެން އުޅުނީމާ އަސްލު އެ ލަސްވީ،" ނިލަންދޫން ވާހަކަ ދެއްކި މީހަކު ވެސް ސީއެންއެމްއަށް ކިޔައިދިނެވެ.

ސީއެމްބިއުލާންސް އައުން ލަސްވެގެން އަވަސް ފަރުވާ ނުދެވި މީގެ ކުރިން ވެސް މީހުން މަރުވެފައިވާ މައްސަލަތައް ބޮޑެވެ.

13%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް