ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޔާތުން 12 އަހަރު ފުރިގެން ދިޔައިރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ. ވަރަށް ގިނަ އަޑި ގުޑަންތައް ހުރަސްކުރަންޖެހުނެވެ. ކުރިމަތިވަމުން ދިޔަ ދަތިތަކުން އަރައިގަތުމަށް އެތައް މަސައްކަތްތަކެއް ކުރެވުނެވެ. މިގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެތައް އިސްލާހު ތަކެއް ގެނެވުނެވެ. މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް އިތުރު ބާރުތަކެއް ލިބިގެން ދިޔައެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އިސްލާހަކީ މި ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހެވެ. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުވެ، ކައުންސިލްތަކުގެ ރައީސުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާގޮތަށްވުމާއި އަތޮޅު ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ރަށު ކައުންސިލްތަކުގެ ރައީސުން ކަނޑައެޅުނެވެ. އަދި ކައުންސިލްތައް މާލީ ގޮތުން ތަނަވަސް ބަޔަކަށް ހެދުމަށްޓަކައި ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ ފުރުސަތު އިހުނަށްވުރެ ބޮޑަށް ފަހިކޮށްދީ ޤާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވުނެވެ. މީގެ އިތުރަށް އަންހެނުން ބާރުވެރިކުރުމަށްޓަކައި ކައުންސިލްގެ 33 އިންސައްތަ އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވުނެވެ. މި އިސްލާހުގެ ސަބަބުން އިދާރީގޮތުންނާއި ސިޔާސީ ގޮތުންނާއި އަދި މާލީ ގޮތުން އިތުރަށް ލާމަރުކަޒު ކުރެވުނެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވެނު އިސްލާހީ ބޮޑު ބަދަލާއެކު އިންތިޚާބުވި ކައުންސިލަރުން އިންތިޚާބުކޮށް ހުވާކުރެވުނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހުވަނީ އަލަށް އިންތިޚާބު ކުރެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އެ ބޭފުޅުންގެ އިޤްރާރުގައި ސޮއި ވެސް ކުރައްވާފައެވެ. ހަތަރު ވަނަ ދައުރަށް ހުވާކުރެވުނު ކައުންސިލަރުންނާއި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވިތާ އެއް އަހަރު މިއަދަށް މިފުރުނީއެވެ. ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި ކައުންސިލްތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދާ ޤާނޫނުން ދީފާވާ ބާރުތަކުގެ ތަރަހައިގެ ތެރޭގައި އިތުރު ކުރިއެރުންތަކާއި ކާމިޔާބުތައް ހޯދުމަށް ކައުންސިލްތަކުން ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދާކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި މި އޮތޯރިޓީގެ ފަރާތުންވެސް ކައުންސިލްތަކާ، ދައުލަތުގެ އެކި މުއައްސަސާތަކާ، މަދަނީ ޖަމިއްޔާތަކާ އަދި ބައިނަލް އަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކޮށްފާވާކަން ފާހަގަކުރަމެވެ. ނަމަވެސް ބައެއް މަސައްކަތްތައް ކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. މި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފާވަނީ މާލީ ގޮތުންނާއި ފަންނީ ގޮތުން ބައެއް ދަތިތައް ހުރުމުން ކަމަށް ޤަބޫލުކުރެވެއެވެ.
ކައުންސިލްތަކުގެ ހަތަރު ވަނަ ދައުރު ފެށިގެން ދިޔައިރު ރާއްޖެއަށް ވަނީ ކޮވިޑް 19 ގެ އާލަމީ ބަލިމަޑު ކަމުގެ ހާލަތާ ކުރިމަތިވެފައެވެ. މި ހާލަތަކީ ދަތި އުދަނގޫ ހާލަތެއް ނަމަވެސް މި އޮތޯރިޓީއާއި ކައުންސިލްތަކުން މަސައްކަތް ކުރަމުން ގެންދިޔައީ މި ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކުރުމަށެވެ. މި އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކައުންސިލްތަކުގެ ޕާފޯމެންސް އިވެލުއޭޓް ކުރުމާއި ކައުންސިލްތައް މޮނިޓަރ ކުރުމާއި ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމްތައް ހިންގުނެވެ. މި ގޮތުން ކައުންސިލްތަކަށް އަމާޒުކޮށްގެން 75 ތަމްރީން ޕްރޮގްރާމް ހިންގުނެވެ. އަދި މި ޕްރޮގްރާމްތަކުގައި 14،800 އަށް ވުރެ ގިނަ ބައިވެރިން، ބައިވެރިކަން ފާހަގަކޮށްލަމެވެ. އަދި މިޕޮރޮގްރާމްތަކުގައި އަންހެން ކައުންސިލަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެވިފާވާނެއެވެ.
ހަތަރުވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރައްވާ މަޤާމުގެ ޒިންމާއާއި ހަވާލުވެ ވަޑައިގެންނެވިތާ އެއް އަހަރު ފުރޭ މި މުނާސަބު ދަނޑިވަޅުގައި އެ ބޭފުޅުން ކުރައްވަމުންގެންދަވާ އަގުހުރި ޤައުމީ މަސައްކަތްތައް އިޚުލާސްތެރިކަމާއިއެކު މި އޮތޯރިޓީން ފާހަގަކުރަމެވެ. ޤައުމާއި އަތޮޅާއި ރަށުގެ ހައްޤުގައި ކައުންސިލްތަކުން ތާއަބަދު ކުރަމުންދާ މަސައްކަތްތަކުގެ ލާބަޔާ މަންފާ ހެޔޮގޮތުގައި ރައްޔިތުންނަށް ލިބުމަކީ މި އޮތޯރިޓީގެ އުއްމީދެވެ. އަބަދުވެސް ކައުންސިލްތަކުގެ މަސައްކަތްތައް ޤާނޫނާއި ޤަވާއިދު ތަކުގެ ތެރެއިން ކުރުމަށް މި ފުރުސަތުގައި ހަނދާންކޮށްދެމެވެ. އަދި މި މުނާސަބު ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ތަހުނިޔާ ދަންނަވަމެވެ.