އެއްވެސް މުޖުތަމައެއް ނުވަތަ ސަރުކާރުގެ ނިޒާމަކީ މައްސަލައެއް ނެތް ނިޒާމެއް ނޫން ނަމަވެސް، ގާނޫނީ ވެރިކަމަކީ ސިޔާސީ، އިޖްތިމާއީ، އަދި އިގުތިސާދީ އަސާސީ ހައްގުތައް ރައްކާތެރިކޮށްދީ، އަނިޔާވެރިކަމާއި ގާނޫނާ ހިލާފުކަމަކީ ހަމައެކަނި ބަދަލުތަކެއް ނޫންކަން ހަނދާންކޮށްދޭ ނިޒާމެކެވެ.
ގާނޫނީ ވެރިކަމުގެ މާނައަކީ އެއްވެސް ފަރުދެއް، ރައީސެއް، ވަޒީރެއް، މުއްސަންޖެއް ނުވަތަ ރައްޔިތު މީހާވިޔަސް، ގާނޫނަށްވުރެ މަތީގައި ނުހުރެވޭނެ ކަމެވެ. ޑިމޮކްރެޓިކް ސަރުކާރުތަކުން ބާރުވެރިކަން ބޭނުން ކުރަނީ ގާނޫނުގައި އޮންނަ ގޮތަށް ކަމުގައި ކަށަވަރު ކުރުމާއެކު، އަމިއްލައަށް ގާނޫނުގެ ހުރަސްތަކުގެ ދަށުގައި އޮންނަ ސަރުކާރުތަކެއް ކަމުގައި ގާބޫލުކޮށް އެމަގުން ހިނގަމުންދާ ކަމެވެ.
ގާނޫނުތަކުން ފާޅުކުރަންވާނީ ރައްޔިތުންގެ އިހްތިޔާރު ތަކެވެ. ރަސްރަސްކަލުންނާއި، ހުދުމުހުތާރު ވެރިންނާއި، އަސްކަރީ އޮފިޝަލުންނާއި، ދީނީ އިލްމުވެރިންނާއި، ނުވަތަ އަމިއްލައަށް އައްޔަން ކުރާ ސިޔާސީ ޕާޓީތަކުގެ ވިސްނުންތަކެއް ނޫނެވެ.
މި ސަބަބުތަކަށްޓަކައި، ގާނޫނީ ވެރިކަމުގެ ދަށުން ސަރުކާރުގެ އިސްވެރިން، މަތީ ލީޑަރުން ވެސް، ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ޖަވާބުދާރީ ކުރުވުމުގެ ބާރުވެރިކަމާއި، ވަސީލަތްތަކާއި، ޝަރަފު އޮންނަ ވަރުގަދަ މިނިވަން ކޯޓުތަކުގެ ނިޒާމެއް އޮންނަން ޖެހެއެވެ. އަދި ފަނޑިޔާރުންނަކީ ރަނގަޅަށް ތަމްރީނު ލިބިފައިވާ، ޕްރޮފެޝަނަލް، މިނިވަން، އަދި އެއްވެސް ފަރާތަކަށް ނުބަލާ ފަނޑިޔާރުން ކަމުގައި ވާންޖެހެއެވެ. ގާނޫނީ އަދި ސިޔާސީ ނިޒާމުގައި އެބޭފުޅުންނަށް ބޭނުންވާ ދައުރު އަދާކުރުމަށްޓަކައި ފަނޑިޔާރުން ޑިމޮކްރަސީގެ އުސޫލުތަކަށް ވަކާލާތު ކުރަން ޖެހެއެވެ.
ގާނޫނުގެ ދަށުން ހަމަހަމަ ހިމާޔަތެއް ދިނުމަށް ލާޒިމުކުރާ ގޮތުގެ ދަށުން، ގާނޫނަކީ އެއްވެސް ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ހާއްސަ ގޮތެއްގައި އަމަލުކުރެވޭނެ ގާނޫނަކަށް ނުވެވޭނެއެވެ. ރައްޔިތުން އަމިއްލައަށް ހައްޔަރުކޮށް، ބުއްދިވެރި ނޫން ގޮތަކަށް ގެދޮރު ބަލައިފާސް ކުރުމުން ނުވަތަ އެމީހުންގެ އަމިއްލަ މުދާ އަތުލައިގަތުމުން ރައްކާތެރިވާން ޖެހެ އެވެ. ކުށުގެ ދައުވާ އުފުލާފައިވާ ރައްޔިތުންނަށް އަވަސް އަދި އާންމުކޮށް ޝަރީއަތް ހިންގުމުގެ އިތުރުން އެމީހުންގެ ތުހުމަތު ކުރާ މީހުންނާ ކުރިމަތިލާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ލިބިގެންވެ އެވެ. ކުށް ސާބިތުވެއްޖެނަމަ އަނިޔާވެރި ނުވަތަ އާދަޔާ ހިލާފު އަދަބެއް ނުދެވޭނެއެވެ.
ރައްޔިތުންނަށް އަމިއްލަ ނަފްސާއި ދެކޮޅަށް ހެކިބަސް ދިނުމަށް މަޖުބޫރު ނުކުރެވޭނެއެވެ. މި އުސޫލުގެ ސަބަބުން ރައްޔިތުންނަށް މަޖުބޫރު ކުރުމާއި، އަނިޔާ ކުރުމާއި، ނުވަތަ އަނިޔާ ކުރުމުން ރައްކާތެރިވެ، މިފަދަ ފިޔަވަޅުތައް އެޅުމަށް ފުލުހުން ކުރާ ވަސްވާސް ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. މިއީ ޑިމޮކްރަސީއަކުން ލިބޭނެ އަދި ލިބެންޖެހޭނެ ހިތްހަމަ ޖެހުންކަމަށް ވަކާލާތުކޮށް ރައްޔިތުންގެ ބޮލަށް އޮއްސާލައެވެ.
އެހެންނަމަވެސް ޑިމޮކްރަސީއަކީ ތަފާތު މުޖުތަމައުތަކަށާއި ސަގާފަތަކަށް އާއްމުކޮށް ފިޓްވާނެ ތައްޔާރީ ހެދުމެއް ނޫންކަމުގައި ގާބޫލު ކުރަންޖެހޭ އެވެ. ގިނަފަހަރަށް ފެނިފައިވަނީ، ގިނަ ގައުމުތަކުގައި ވަކި ހުދުމުހުތާރު ވެރިން އުފަލާއެކު ނައްތާލުމުން، އެއަށްވުރެ ބިރުވެރި ނާމާންކަމުގެ ޒަމާނެއް އުފެދިގެންދާތަނެވެ. ހަލަބޮލިކަމާއި ލޭއޮހޮރުވުން ދުވަހުން ދުވަހަށް އާންމުވެ ދުވަހުން ދުވަހަށް ގޯސްވަމުންދާ މަންޒަރެވެ.
އަޅުގަނޑުމެންނަށް އާއްމުކޮށް ފެންނަނީ މީހުން އެމީހުންގެ ހައްގުތަކަށްޓަކައި ހަނގުރާމަ ކުރާތަނެވެ. ހައްގުތަކަށާއި އަސާސީ ބޭނުންތަކަށް ސަލާން ޖަހާ ތަނެވެ. މުއްސަދިންނާއި ބާރުވެރި ފަރާތްތަކުގެ ބަހަށް ނަށަން މަޖުބޫރުވެފައިވާ ނިކަމެތިކަމާއި ނަފްސުގެ ފަގީރުކަމުން އަޅުވެތިވެފައިވާ ތަނެވެ. ހުދުމުހުތާރުކަން ނައްތާލާ ގާނޫނުގެ ވެރިކަން ގެނައުމުން ޑިމޮކްރެޓިކް މުޖުތަމައެއްގެ ބައެއް ކަމުގައި ވިޔަސް ރައްޔިތުންނަށް އުފާ ފާގަތިކަމެއް ނެތި އުޅެންޖެހެނީ ކީއްވެގެން ހެއްޔެވެ؟ އުފާފާގަތި ކަމެއް ނެތި އުޅޭ ނަމަ އެ އުޅޭ ގައުމެއް ހިންގަން އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރަސީ ހެއްޔެވެ؟ ނަމެއްގައި ޑިމޮކްރަސީ ހިންގުމަށްވުރެ އޯގާތެރި ވެރިޔަކާ ގައުމު ހަވާލުކޮށްފައި ހުދުމުހުތާރު ވެރިކަމެއް ކުރުން ވެސް އުފާ ފާގަތި ކަމެއް ނުލިބި ޑިމޮކްރަސީ ހިންގުމަށް ވުރެ ރަނގަޅު ނުވާނެ ބާއްވަ އެވެ.