އެދުވަސްތަކުގެ ވާހަކަތައް ދައްކާކަށް ޝައިބާން އަށް މާ ފަސޭހައެއް ނޫނެވެ. ނަމަވެސް މަންމަ ވަކިވެ ދިއުމަށްފަހު، ޝައިބާން ބޮޑުވަމުން އައީ މާމަގެ ލޯތްބާއި އަޅާލުމާއި އެކުގަ އެވެ. މާމަ ޝައިބާން އަށް އިންތިހާ އަށް ލޯބިދިނެވެ. ކިޔެވުމުގެ މަރުހަލާ ވެސް އެ މާމަ އެކުދިންނަށް ހޯދައިދިނެވެ.
މަންމަގެ ވަކިވެދިއުމަށްފަހު، ޝައިބާންގެ އެކަނިވެރި ހަޔާތް އިތުރަށް އެކަނިވެރިކުރުވީ، 2019 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުންނެވެ. އޭރު ޝައިބާންގެ އުމުރުން އެންމެ 16 އަަހަރެވެ.
މިހާރު އުމުރުން 19 އަހަރުގެ ޝައިބާން އެ ވާހަކަތައް "ސީއެންއެމް" އާއި ހިއްސާކުރަމުން ބުނިގޮތުގައި، އެދުވަހަކީ، ގުރޭޑު 10 އެއްގެ ފުރަތަމަ ޓާމު ކިޔެވުން ނިމި ސްކޫލު ބަންދުވެ، ރަށްޓެހިންނާއިއެކު ހަވީރު ވަގުތުގައި ދުއްވާލަން ނިކުން ދުވަހެކެވެ. ކަން ދިމާކުރި ގޮތުން އެއީ އީދު ދުވަހަށްވެސް ވުމުން، ފޯރި ހުރީ ވަކިން ގަދައަށެވެ.
އެ ފޯރީގައި ސައިކަލް ފުރަތަމަވެސް ދުއްވާލެވުނީ ނުހަނު ބާރަށެވެ.
އެއިީ ޝައިބާންގެ ތަގުދީރެވެ. އޭނާގެ ޅައުމުރުގައި ދިމާވި ބޮޑު އިމްތިހާނެކެވެ. ލިބުނު ފިލާވަޅެކެެވެ. އޭނާ އަަށް މަޖުބޫރުވީ އެ ފިލާވަޅުން ފިލާވަޅު ލިބިގެން، އެ އިމްތިހާނާއި ކުރިމަތިލާށެވެ. ކެތް ކުރުން ނޫން ގޮތެއް ނެތް ހާލު މިއަދު ޝައިބާން އިނީ ޒުވާން ކަމުގެ ހުރިހާ އުފަލަކުން މަހުރޫމްވެ، ފުރޮޅުލީ ގޮނޑީގައެވެ. މުސްކުޅިވެ ގައިބާރު ދެރަވެ 64 އަހަރުގެ މާމައެއްގެ އެހީތެރި ކަމާ އެކު ކުރިއަށް އޮތް ދުވަސްތައް ކަނޑުތު ކުރަން ޖެހިފައެވެ. އޭރުގެ ރަށްޓެހިންވެސް މިއަދު ކައިރިއަކު ނެތެވެ. ހަމައެކަނި ތިބީ މާމަ އާއި މާމާގެ ދަރިން ނެވެ. ޝައިބާން ބުނީ އެމީހުންވެސް މާމައެކޭ އެއްގޮތަށް ވަރަށް އެހީ ވާ ކަމަށެވެ.
ޝައިބާންއަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެދޭ ކުއްޖަކަށްވެ، އުމުރުން އެންމެ 16 އަހަރުގައި ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުމުން އެ އަހަރު އޯލެވެލް އިމްތިހާނުގައިވެސް ޝައިބާން އަށް ބައިވެރި ނުވެވުނެވެ.
އެ އެކްސިޑެންޓްގެ ސަބަބުން މައިނާރު ފިތި އުނަގަނޑުން ތިރި ވަނީ ވާގި ނެތިފަ އެވެ. ޝައިބާން އަށް ގޮނޑީގައި އިދެވެނީ މީހެއްގެ އެހީތެރި ކަމާއި އެކުގަ އެވެ. އަތުގެ އިނގިލިތައް ރަނގަޅަށް މަސައްކަތް ނުކުރާ އިރު، އަތްތިލައިގެ އިގިލިތައް ލެބިފައިވާ ކަމަށް ޝައިބާން ބުންޏެވެ. އިގިލިތައް ލެބިފައިވާތީ އަތުން ކުރަން ޖެހޭ ގިނަ ކަންތައްތައް ވެސް ޝައިބާން އަކަށް ނުވެއެވެ.
ފިޒިޔޮތެރަޕީން ޝައިބާން ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް---ފޮޓޯ:ސީއެންއެމް
ދެހާސް ނަވާރަވަނަ އަހަރު ހިނގި އެ އެކްސިޑެންޓްގައި ގޮނޑީގައި އިންނަން ޖެހުނު ޝައިބާން އަށް ވަނީ ކޮވިޑާއި ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެއްވެސް އިތުރު ފަރުވާއަކަށް އެ ރަށުން ބޭރަށް ދެވޭގޮތް ނުވެފައެވެ.
ފަރުވާއަށް އެއްފަހަރު އިންޑިޔާއަށް ދިޔަކަމަށް ބުނެ ޝައިބާން ބުނީ އޭރު ޝައިބާންގެ އުނަގަނޑުގައި ފާރުގަނޑެއްގެ އުފެދިފައިވާ ކަމަށެވެ. އަދި ރަނގަޅު ފަރުވާ އެއް ނުލިބި އުޅެނިކޮށް ކޮވިޑްގެ ހާލަތާ ގުޅިގެން އެނބުރި ރާއްޖެ އަންނަން ޖެހުނީ ކަމަށެވެ.
ނަމަވެސް ޝައުބާން އަށް އުންމީދެއް އެބައޮތެވެ. އެއީ ފިޒިޔޮތެރެޕީއެވެ.
ޝައިބާން އުފުލަމުންދާ އުނދަގޫތައް ފެނި އެންމެ ހިތަށް ތަދުވަނީވެސް ޝައިބާންގެ މާމަ އެވެ. ޝައިބާންގެ އޮތް ކަންބޮޑުވުމަކީވެސް އެއީއެވެ. މާމަ އަކީވެސް މުސްކުޅިވެ 60 އަހަރުތައް ގުނަމުންދާ މީހަކަށް ވާއިރު، އެ ގޮނޑީގައި އަބަދު އިންނަން ޖެހޭނަމަ މާމަ ނެތް ދުނިޔެއެއްގައި ވާނެ ގޮތެއްވެސް އުޅޭނެ ގޮތެއްވެސް ޝައިބާން އަކަށް ނޭނގެއެވެ.
ޝައިބާންގެ މާމަ ޝަރީފާގެ އެންމެ ބޮޑު އެދުމަކީވެސް އެއެވެ. ޝައިބާން އެކަނި ގޮނޑި ތެދުވެ އުޅޭތަން ބަލާލުމެވެ. ޝަރީފާ ނެތަސް އެއްވެސް ދައްޗެއް ނެތި ޝައިބާން އަށް އުޅެވޭނެ ކަމުގެ ޔަގީންކަން ހޯދުމެވެ.
ފިޒިޔޮތެރެޕީން ޝައިބާން ރަނގަޅު ކުރެވިދާނެ ކަމުގެ އުންމީދު އޮތްކަމަށް ޑޮކްޓަރު ވިދާޅުވުމުން ޝަރީފާ އަށް ވިސްނުނީ ދިވެހި ބޭސް ކުރާށެވެ. އެކަމަށްޓަކައި ހދ. މަކުނުދޫއަށް ބޭސް ކުރުމަށް ދާން ޝަރީފާ ބޭނުންވެއެވެ. ނަމަވެސް ދިވެހި ބޭހަކީ ދިގު މުއްދަތަކަށް ކުރަންޖެހޭ ބޭހަކަށް ވުމާއި، ދާން ޖެހެނީ އެހެން ރަށަކަށް ކަމަށްވެސް ވުމާއިއެކު މާލީހާލަތު ހުރިގޮތުން އެކަން ކުރެވޭނެ ކަމުގެ އުއްމީދެއް ވެސް ނެތް ކަމަށް ޝައިބާން ބުންޏެވެ.
ޝައިބާންގެ 17ވަނަ އުފަންދުވަހުގަައި މާމައާއެކު ނަގާފައިވާ ފޮޓޯއެއް——ފޮޓޯ:ސީއެންއެމް
ޝައިބާންގެ މާމަ ޝަރީފާއަކީ ކުދި ކުދި މަސައްކަތް ކޮށްގެން އާމަދަނީ ހޯދަމުންދާ މީހެކެވެ. ގޭގެ ހަރަދުތައް ބަލަހައްޓަމުންދަނީ އޭނާ އަމިއްލަ އަށެވެ. ނަމަވެސް ޝަރީފާ ބުނީ އޭނާ ބޭނުންވަނީ އޭނާގެ އުމުރުންވެސް 65 އަހަރުވެފައި ވުމާއެކު ދުނިޔޭގައި ނެތް ދުވަހަކުންވެސް ޝައިބާން އަށް އަމިއްލަ އަށް ހިނގޭވަރު ކުރުމަށް ކަމަށެވެ. އެކަމަށްޓަކައި އެހީއެއް ލިބުނަސް އަދި ނުލިބުނަސް ޝަރީފާ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ޝަރީފާ އެދެނީ ދީލަތި އެހީއެއް ވެދެންވެން އޮތްނަމަ ފޯރުކޮށްދިނުމަށެވެ. އެހީއެއް ދެވެން ނެތްނަމަ ޝައިބާން އަށް އަވަސް ޝިފާއަށް އެދި ދުއާކޮށްދިނަސް ފުދޭނެ ކަމަށް ޝަރީފާ ބުންޏެވެ.
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް: