ads
ދިވެހިންނަށް މި ގައުމުގައި ހައްގު މިންވަރު ނެތީތޯ!
ހައްގުވާ މިންވަރު، ސިޔާސީ މީހުންގެ ބޮޑު "ނާނާ"!
އަބަދުވެސް ފެންނަމުން މި ދަނީ ދިވެހިންނަށް ހައްގުވާ މިންވަރެއް ނުލިބިގެން އެ ހޯދަން ވަކާލާތު ކުރާ މަންޒަރެވެ. ބައެއް ފަހަރު ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ހައްގުވާ މިންވަރެއް ހޯދައިދޭން ވަކާލާތު ކުރާއިރު، އަނެއްބައި ފަހަރު މަދަނީ ޖަމިއްޔާތަކުން ވެސް ހައްގުވާ މިންވަރު ހޯދައިދިނުމަށް އެދި އަޑު އުފުލާ މަގުތައް މައްޗަށް ނިކުންނަ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.
Advertisement

ސުވާލަކީ މިބުނާ ހައްގު މިންވަރަކީ ކޮބާތޯ އެވެ. ހަމައެކަނި މުސާރައަށް އަންނަ ބަދަލަކީ ފަހަރުގައި ވެސް ހައްގުވާ މިންވަރެއް ނޫނެވެ. ދިވެހިންނަށް ދިވެހި ފަސްގަނޑުގައި ތިބެ ދިވެހިންގެ ކަންކަމަށް ފާޅުގައި ބަސް ކިޔާ އަޑު އުފުލުމަކީ ވެސް ދިވެހިންނަށް ހައްގުވާ މިންވަރެކެވެ. ގޭގެ ދޮރުން ނިކުންނަ އިރު ގެއިން ބޭރަށް ނުނިކުމެވޭނެހެން ސައިކަލުތައް ޕާކު ކޮށްފައި ހުންނަ ހުރުމުގެ ސަބަބުން ޖެހޭ ތަކުލީފުތަކުން ސަލާމަތް ވުމަކީވެސް ދިވެހިންނަށް ހައްގުވާ މިންވަރެކެވެ. 

މަގުމަތީގައި ސައިކަލު ދުއްވާފައި ދާއިރު، ގުދާރަށް ލޮޅުމެއް ނާރާ، އަމާން ކަމާ އެކު ދުއްވާފައި ދާން ބޭނުންވާ މަންޒިލަށް ދެވުމަކީ ވެސް ހަމަ ހައްގުވާ މިންވަރެކެވެ. ދެމަފިރިން ވަކިން އަދި ދަރިން ވަކިން ކޮޓަރިއެއްގައި ދިރިއުޅެވޭނެ އުފާވެރި ދުވަސް ދުށުމަކީ ވެސް ހަމަ ދިވެހިންނަށް ހައްގުވާ މިންވަރެވެ. 

އެހެން ނަމަވެސް މި ހައްގުވާ މިންވަރުތައް ކަށަވަރު ކޮށްދިނުމުގެ ޒިންމާ ބޮލުގައި އަޅާގެން ތިބޭ ފަރާތްތަކަށް ދިވެހިންގެ ހައްގުވާ މިންވަރު ފަހަރުގައި ހަނދާން ނެތިފައި ހުރެދާނެ އެވެ. ނޫނީ އެ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ދިވެހިންނަށް ހައްގުވާ މިންވަރެއް ނޫނެވެ. 

ކޮންމެ މީހަކު ވެސް އުފަލާ އަރާމުގައި ދިރިއުޅުމުގެ ހުވަފެން ދެކޭނެ އެވެ. އާއިލާ އާ އެކު ހަމަޖެހޭ ވަގުތު ހޭދަ ކުރުމަށް ބޭނުން ވާނެ އެވެ. ދަރިންނާ އެކު އުފާވެރި ވަގުތު ހޭދަ ކުރުމަކީ ހަމަ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެކެވެ. އެހެން ނަމަވެސް އަދުގެ ދިވެހިންނަށް ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ ދިވެހިންނަށް މި ހައްގު ވަނީ ގެއްލިފަ އެވެ. އެ ފަރާތްތައް ދިރިއުޅެން ޖެހިފައިވަނީ، ހައްގުވާ މިންވަރުގައި އަތް އަޅައިގެން ތިބެ އެވެ. އަލިފާން ފޮށިތަކުގެ ތެރޭ އިތުރު ފޮށިތަކެއް ޖަހައިގެނެވެ. 

ބޭސްފަރުވާގެ ނިޒާމު މިހާރު އޮތް ގޮތުން ބައެއް ފަހަރު ބޭސްފަރުވާ ހައްގު ވަނީ، ހަމައެކަނި މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މިހެން ބުނަން މިޖެހެނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާނެ ކަމަށް ބަޔަކު މީހުން ޒަމާނުއްސުރެ ދައްކަމުން އަންނަ ހޮސްޕިޓަލްތައް އެޅިފައި ނުވުމުގެ ސަބަބުންނެވެ. ޑޮކްޓަރަށް ދައްކަން ޖެހޭ ގިނަ ފަހަރު އަތުން ބޮޑު ހަރަދު ކޮށްގެން ހައްގުވާ ބޭސް ފަރުވާގެ ހައްގު ހޯދަން އަތޮޅުތަކުން މިހާރު ވެސް އެތައް ސަތޭކަ ބަޔަކު ދުވާލެއްގެ މައްޗަށް ފުރަ މާލެ އަށް އާދެ އެވެ. 

ޑޮކްޓަރަށް ދައްކަން މާލެ އަޔަސް އެންމެ އެކަށީގެންވާ ފަރުވާ ނުލިބި ބައެއް ފަހަރު ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ނޫނީ ބައެއް ފަހަރު ހައްގުވާ މިންވަރު ހޯދަން ގަދަ ކަނޑުގައި ދުއްވާފައި ފުރަ މާލެއަށް އަންނަ އިރު އެ ހައްގުވާ މިންވަރުގެ އިންތިޒާރުގައި އޮވެ ދުނިޔެ ދޫކުރެ އެވެ. 

ހުރިހާ ކަމަކީ ވެސް ހަމަ ހައްގުވާ މިންވަރެވެ. އެހެން ނަމަވެސް އަބަދު ވެސް އަޑު އިވެނީ މުސާރައަށް ހައްގުވާ ވަކިވަރެއްގެ ވާހަކަ އެވެ. އާނ އެކެވެ. ސަރުކާރުގެ ބައެއް މުވައްޒުންގެ މުސާރަ ބޮޑުވެއްޖެ އެވެ. އެހެން ނަމަވެސް ހަމަ އެ މުސާރަ އާ އެކު ތަކެތީގެ އަގު އުފުލިއްޖެ އެވެ. ތަންތަނުގެ ކުލި އުފުލިއްޖެ އެވެ. އެހެން ކަމުން އެ ބުނާ ހައްގުވާ މިންވަރުން ދެކޮޅު ޖެއްސުން ވަނީ ނުކުޅެދިފަ އެވެ. 

ކުރިއަށް އޮތީ ރިޔާސީ އިންތިހާބަށް އަނެއްކާ ވެސް ބަޔަކު މީހުން ވައުދުތައް ވާނެ ދުވަސްވަރެވެ. ރިސޯޓު ބޯއީސް އަށް "ނައިޓަށް އަނބި މީހާ ކައިރިއަށް" ނިދާލަން އާދެވޭނެ ކަމަށް އަނެއްކާ ވެސް ބުނާނެ އެވެ. އެއީ އެ ކުދިންނަށް ހައްގުވާ ހައްގެއް ކަމުން އިތުރު ކަމެއް އެ ހައްގު ހޯދައި ދިނުމަށް ކުރުމުގެ ބަދަލުގައި އެ ހައްގު ވަނީ ހަމައެކަނި ރިޔާސީ އިންތިހާބުގެ ވައުދަކަށް ހަދާފަ އެވެ. 

ކޮންމެއަކަސް އިންސާނުންނަކީ ދުވަހަކު ވެސް ލިބޭ ވަރަށް ޝުކުރު ވެރިނުވެވޭ ސިފައެއް އަށަގަނެފައިވާ ބައެކެވެ. އެހެން ނަމަވެސް ދިވެހިންނަށް ދިވެހި މި ބިމުން ހައްގުވާ ވަރު ހޯދުމަށް މިހާ ބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހޭނެ އެވެ. ދިވެހިންނަށް އުފަލާއި ހިތް ހަމަޖެހުމުގައި އާއިލާ އާ އެކު އުޅެވެން ޖެހޭނެ އެވެ. ސަރުކާރުތަކުން ކޮށްލާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން ދިވެހިންނަށް ދިވެހިންގެ ހައްގުވާ މިންވަރު ލިބޭނެ އެވެ. 

ހަމަ ޔަގީނުން ވެސް އަމީނީ މަގުގައި ތާރަ އަޅާ ނިމުމުން އެ މަގު ބޭނުން ކުރާ އެތައް ބަޔަކަށް އެ ހައްގު ކަށަވަރު ވާނެ އެވެ. އެހެން ކަމުން ސަރުކާރުގެ ވެރިން ދިވެހިންނަށް ދިވެހިންގެ ހައްގުވާ މިންވަރަކީ ކޮބާތޯ ބަލާ އެ މިންވަރު ހޯދައި ދޭން ޖެހެ އެވެ. ހައްގުވާ މިންވަރު ހޯދައިދިނުމުގެ ލަވަ އަކީ ހަމަ އެކަނި ރިޔާސީ އިންތިހާބާއި މަޖިިލިސް އިންތިހާބު ފަދަ އިންތިހާބު ތަކާ ދިމާކޮށް ދައްކާ ވާހަކައަކަށް ހަދައިފި ނަމަ ދުވަހަކު ވެސް ދިވެހިންނަށް ހައްގުވާ މިންވަރު ނުލިބޭނެ އެވެ. މިހާރު ހައްގުވާ މިންވަރުގެ ވާހަކަ އޮތީ ހުވަފެނެއް ފަދަ ކަމަކަން ވެ ނިމިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް