ads
ޓީޗާސް އެސޯސިއޭޝަންގެ ފަރާތުން ޓީޗަރުންނާއި ބައްދަލުކުރުން--
އެންމެ ރިސްކު ބޮޑު "ސެން ޓީޗަރުން"ގެ ވެސް ރިސްކު އެލަވަންސް ކަނޑާލައިފި
ތައުލީމީ ދާއިރާގައި އެންމެ ބޮޑު ރިސްކެއް ނަގަމުން އަންނަ ސްޕެޝިއަލް އެޑިއުކޭޝަނަލް ނީޑްސް(ސެން) ޓީޗަރުން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ރިސްކު އެލަވަންސް ކަނޑާލާފައިވާތީ އެ ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. މި އެލަވަންސް ކަނޑާލިއިރު ބައެއް ސެން ޓީޗަރުންގެ މުސާރަވެސް ކުރިއަށްވުރެ ވަނީ ކުޑަވެފަ އެވެ.
Advertisement

ސެން ޓީޗަރުންނަކީ ނަފްސާނީ ގޮތުންނާއި، ޖިސްމާނީގޮތުން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް "އިންކްލުސިވް އެޑިއުކޭޝަން" ނުވަތަ "ސްޕެޝަލް އެޑިއުކޭޝަން"ގެ ދާއިރާއިން އެންމެ ދަށްވެގެން ސެޓްފިކެޓް ލެވަލް ތިނެއް ހާސިލްކޮށްގެން ކިޔަވައިދޭ ޓީޗަރުންނެވެ. 

ސެން ޓީޗަރުންނަކީ ކިޔަވައިދޭ މާހައުލުގައި ތަފާތު މިޒާޖުތަކުގެ ކުދިންނަށް ކިޔަވައިދޭ ބައެކެވެ. ކިޔަވައިދިނުމުގެ މާހައުލުގައި ޓީޗަރުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަންޖެހޭ ކުދިންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން ޓީޗަރުންގެ ތެރެއިން އެންމެ ބޮޑު ރިސްކެއް ނަގައިގެން ކިޔަވައިދެނީ މި ޓީޗަރުންނެވެ. 

ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު ތައުލީމީދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް މުސާރައިގެ އާ އޮނިގަނޑު އާއްމުކުރިއިރު ހުރިހާ ޓީޗަރުންގެ ރިސްކު އެލަވަންސް ވަނީ ކަނޑާލާފަ އެވެ. މީގެ ތެރޭގައި ސެން ޓީޗަރުންގެ އެލަވަންސްވެސް ހިމެނެއެވެ.

ސެން ޓީޗަރުންގެ ރިސްކު އެލަވަންސް އާއި ގުޅިގެން ޕޭކޮމިޝަނުގެ ސާކިއުލާގައި ބުނެފައިވަނީ "ދައުލަތުގެ ޕޭ ފްރޭމްވަކް" އަށް "ބަދަލުވާ މުއައްޒަފުން ސިވިލްސާވިސް މުއައްޒަފުންނަށް ދޭ އެންމެހައި އެލަވަންސްތައް ދިނުން ހުއްޓާލީ" ކަމަށެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް "ސީއެންއެމް" އަށް މައުލޫމާތުދިން ބައެއް ސެން ޓީޗަރުން ވަނީ މުސާރައިގެ އޮނިގަނޑަށް ބަދަލު އައުމުގެ ކުރިން ރިސްކު އެލަވަންސް ގެ ގޮތުގައި މަހެއްގެ މައްޗަށް 2000 ރުފިޔާ ލިބޭކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއިއެކު މުސާރައިގެ ކުރިއެރުމަކަށް މާބޮޑެތި ބަދަލުތަކެއް އައިސްފައިނުވާކަން ޓީޗަރުން ފާހަގަކުރެ އެވެ. އަދި ބައެއް ޓީޗަރުންނަށް ކުރިއަށްވުރެ މުސާރަ ކުޑަވެފައިވާކަންވެސް އެ ޓީޗަރުން ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ކިޔަވައިދޭ މާހައުލުގައި މި ގެންގުޅޭ ކުދިންނާއި، އެހެން ކުދިންނާއި މިޒާޖުގެ ގޮތުން ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަމުން ކޮންމެ ސިކުންތަކީވެސް ވަރަށް ގާތުން ކުދިންނަށް ބަލާ ހާއްސަ ގޮތަކަށް ގެންގުޅެން ޖެހޭ ކުދިންތަކެއް. ނަމަވެސް އެ ކުދިންނަކީ އެހީއަށް ބޭނުންވާ ކުދިންނަށް ވުމުން ކިޔަވައިދެމުންދާއިރު، އަޅުގަނޑުމެން ވަރަށް ބޮޑު ރިސްކެއްވެސް ނަގައިގެން މި ކިޔަވައިދެނީ. އެހެންވީމަ ރިސްކު އެލެވަންސް ސެން ޓީޗަރުންނަށް މީގެ ކުރިން ހިމަނާފަވެސް އިންނަނީ" ސެން ޓީޗަރުންނަށް ރިސްކު އެލަވަންސް މުހިންމުވާ ސަބަބުތައް ފާހަގަކޮށް ޓީޗަރަކު ބުންޏެވެ.

your imageހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ކްލާސް ރޫމެއްގައި ކިޔަވަނީ----

މުސާރައިގެ ގޮތުގައި ކުރިން މާސްޓަ ޑިގްރީގެ ސެން ޓީޗަރުންނަށް 19،000 ރުފިޔާ ލިބޭއިރު، މިހާރުގެ ބަދަލާއެކު ލިބެނީ 17،000 ރުފިޔާ އެވެ. 

ސެން ޓީޗަރުންގެ މައިގަނޑު ޝަކުވާއެއްގޮތުގައި އޮތީ އެ ޓީޗަރުންނަކީ ހާއްސަ ކުދިންތަކަކަށް ކިޔަވައިދިނުމުގައި ކޮންމެ ދުވަހަކު ވަރަށް ބޮޑު ރިސްކެއްގައި މަސައްކަތްކުރާ ޓީޗަރުންނަށްވާއިރު، އެ އެލަވަންސް ކަނޑާލާފައި ވުމެވެ. އަދި އެލަވަންސް ކަނޑާލިއިރު، ތައުލީމީ ދާއިރާއަށް ސަރުކާރުން ބޮޑުކޮށްދިން މުސާރަ ސެން ޓީޗަރުންނަށް ކުޑަ ކޮށްފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން ފާހަގަކުރިއެވެ. 

"މިހާރު އަޅުގަނޑުމެންގެ ރިސްކު ކަނޑާލީ އެއީ ކަންބޮޑުވުމަކީވެސް. ކުރިން ލިބުނު ރިސްކަށް 2000 މަހަކު. މިހާރު ދެނީ ޑޭއިލީ ބެނިފިޓް ކިޔާ އެލަވަންސް އެއް. އެވެސް އެކި ޓީޗަރުންނަށް އެކި ވަރަށް." ހާއްސަ އެހީއަށް ކިޔަވައިދިނުމުގެ ޑިގްރީ ސެޓްފިކެޓް ހާސިލްކޮށްފައިވާ ޓީޗަރަކު ބުންޏެވެ.

ރިސްކު އެލަވަންސް ކަނޑާލުމަށްފަހު ޑޭއިލީ ބެނިފިޓް އެލަވަންސް ދޭ ގޮތް

  • މާސްޓަ ޑިގްރީ ޓީޗަރުންނަށް ދުވާލަކު 157 ރުފިޔާ
  • ޑިގްރީ ޓީޗަރުންނަށް ދުވާލަކު 147 ރުފިޔާ
  • ޑިޕްލޮމާ ޓީޗަރުންނަށް ދުވާލަކު 75 ރުފިޔާ 

your imageހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސް ރޫމެއްގެ ތެރެއިން----

" އަޅުގަނޑުމެންނަކީ އެންމެ ބޮޑު ރިސްކެއް ނަގާ ޓީޗަރުންނަކީ. މި ކިޔަވައިދެނީ މުޅިން ހާއްސަ އެހީގެ ކުދިންނަށް. ވަރަށް ބޮޑު ގޮންޖެހުމެއް މީ. ރިސްކު ޖޮބެއް އަދާކުރާއިރު ޑިގުރީއެއް ޑިޕްލޮމާއެއް އޮވެގެން ނުވާނެ! ރިސްކު ނަގައިގެން ކިޔަވައިދޭއިރު ރިސްކު އެލަވަންސް ލިބެންވެސް ޖެހޭނެ." ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިން މާސްޓަ ޑިގްރީ ހާސިލްކޮށްފައިވާ ޓީޗަރަކު ކިޔައިދިނެވެ.

ކޮންމެ ސްކޫލެއްގައިވެސް ސެން ޓީޗަރުންގެ ގޮތުގައި ހާއްސަ ޓީޗަރުން ތިބެވެ. ސެން ޓީޗަރުން ފާހަގަކުރާ ގޮތުގައި އެ ޓީޗަރުންނަށް އެ އެލަވަންސް ނުލިބުނަސް މާދަމާވެސް އެ ހާއްސަ ކުދިން ބަލާނީ ލޯތްބާއިއެކުއެވެ. އަދި އެކުދިންނަށް ކިޔަވައިދިނުމުގައި ނަނގާ ރިސްކު ކޮންމެ ދުވަހަކުވެސް ނަނގާނެއެވެ. ނަމަވެސް ތައުލީމީ ދާއިރާއަށް ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުވިއިރު، އެ ޓީޗަރުންނަށް އޮތް ބޮޑު ހައްގެއް އުނިކޮށް، މުސާރަ ވެސް ކުޑަވެފައިވުމަކީ އެހެން ޓީޗަރުންނާއި އެ ޓީޗަރުން އެކަހެރިކޮށް ބާކީ ކޮށްލުން ކަަމަށް އެ ޓީޗަރުން ދެކެވެ. 

އެމައްސަލަ މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ހުށަހަޅާފަ އެވެ. މިކަމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ. 

53%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
37%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް