ads
މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްގެން ގެންދަނީ
އިންޑިއާ އައުޓަށް ހަރަދުކުރާ ބޮޑަކީ މުހައްމަދު އިސްމާއިލް: ފުލުހުން
އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތައް ހަރަދުކުރާ އިސް މީހަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

"އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދާ މައްސަލަ އާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިއްޔެގެ ވަގުތެއްގައި ކޯޓުން ވަނީ އޭނާ ދޫކޮށްލަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ. 

ކޯޓުގައި ވާހަކަ ދައްކަމުން ފުލުހުން ބުނީ، މުހައްމަދު އިސްމާއިލް އަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި، "އިންޑިއާ އައުޓް" ހަރަކާތައް ފަންޑުކުރާ މައިގަނޑު މީހާ ކަމަށް ބުނެފަ އެވެ. 

ފުލުހުން ވަނީ މުހައްމަދު އިސްމާއިލް ބަންދުގައި ބެހެއްޓުމަށް އެދި ތިން ހެއްކެއްވެސް ކޯޓަށް ހުށަހަޅާފަ އެވެ. ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭ ހިމެނެނީ، ފޮޓޯ ރިޕޯޓަކާއި، ކުށުގެ ރިޕޯޓެއްގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެކެވެ. 

އެހެން ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ފުލުހުން ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، މުހައްމަދު އިސްމާއިލް ޖިނާއީ ކުށެއް ކުރާ މަންޒަރު ފެންނަ އެއްވެސް ވަރެއްގެ ހެއްކެތް ނެތް ކަމަށެވެ. އެހެން ކަމުން މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލަން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. 

ފުލުހުން ވަނީ މީގެ ކުރިން ވެސް "އިންޑިއާ އައުޓް" ހަރަކާތް ހިންގާ މައްސަލަ އާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހަރުވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް